އިންޑިޔާއިން 2.43 ބިލިއަން ޑޮލަރަށް ރަޝިޔާގެ 33 އަސްކަރީ މަތިންދާބޯޓު ގަންނަނީ

2.43 ބިލިއަން އެމެރިކާ ޑޮލަރަށް ރަޝިޔާގެ މިގް-29 މަރުކާގެ 21 ހަނގުރާމަތީ މަތިންދާބޯޓާއި، ސުޚޯއި އެސްޔޫ-30 އެމްކޭއައި މަރުކާގެ 12 ހަނގުރާމަމަތީ މަތިންދާބޯޓު ގަތުމަށް އިންޑިޔާގެ ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިޔާގެ ވައިގެ ސިފައިން މިހާރު ބޭނުންކުރަމުންދާ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރެއިން 59 ބޯޓެއް މަރާމާތުކުރުންވެސް ހިމެނެއެވެ.

އިންޑިޔާގެ ވައިގެ ސިފައިންގެ ހަމަލާދިނުމުގެ ކުޅަދާނަކަން އިތުރުކޮށްދޭ މި ނިންމުން އައިސްފައި ވަނީ އިންޑިޔާގެ ސަރަހައްދޯ ރޮނގު ޕާކިސްތާނުގެ އިތުރަށް ޗައިނާއާއެކުވެސް ކުރިމަތިލުން ހިނގާފައިވާ ވަގުތެއްގައެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، ރަޝިޔާއާއެކު ވެވުނު އެއްބަސްވުމުގެ އިތުރަށް އިންޑިޔާގެ އަސްކަރިއްޔާގެ ތިން ގޮތްޕަށް ބޭނުންވާ މިސައިލް ސިސްޓަމްތަކާއި، ބަޑިބޭހާއި، އެއްގަމު ސިފައިންގެ އުޅަނދުތައް އިންޑިޔާގައި އުފެއްދުމަށްވެސް ވަނީ ނިންމައިފައެވެ.

ފްރާންސާއެކު 2016 ވަނަ އަހަރު ވެވުނު 8.78 ބިިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުުމުގެ ދަށުން އިންޑިޔާއިން ގަނެފައިވާ ރަފޭލް މަރުކާގެ ހަނގުރާމަމަތީ 36 މަތިންދާބޯޓުގެ ފުރަތަމަ ބައި މިމަހުގެ ފަހުކޮޅު ލިބުމަށް ވެސް އިންޑިޔާއިން ދަނީ އިންތިޒާރުކުރަމުންނެވެ. އެ މަތިންދާބޯޓުތައް އިންޑިޔާއަށް ގެންނާނީ 'އުދުހެން ތައްޔާރު' ހާލަތުގައެވެ. މީގެ މާނައަކީ އެ މަތިންދާބޯޓުތަކުގެ އެއްވެސް ބައެއް އިންޑިޔާގައި ނަހަދާނެއެވެ. ލަފާކުރެވޭ ގޮތުގައި މި މަސް ނިމޭހާތާގައި ރަފޭލް މަތިންދާބޯޓުގެ ހަތަރެކާ ހަޔަކާ ދެމެދުގެ އަދަދެއް އިންޑިޔާއަށް ގެންނާނެއެވެ.

މި ފަހަކަށް އައިސް އިންޑިޔާއިން ތަފާތު ގައުމުތަކާއެކު އެކުލަވާލަމުން ގެންދާ ހަތިޔާރު ގަތުމުގެ އެއްބަސްވުންތަކުގެ ސަބަބުން އިންޑިޔާ ވެފައިވަނީ ދުނިޔޭގައި މިވަގުތު އެންެމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.