ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް ރޭ އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާ މޯލްޑިވްސް ކަރެކްޝަންސް އިން މިރޭ ހަވާލުވި ނަމަވެސް ގާސިމް އަދި އޮންނަވާނީ ހޮޕިޓަލުގައި ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަނުން ބުނެފައި ވަނީ ހޮޕިޓަލުގައި އޮންނެވި ގާސިމް އެހެން ތަނަކަށް ގެންދިޔުމާމެދު ގޮތެއް ނިންމާނީ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށެވެ. ކަރެކްޝަނުން ގާސިމްއާ ހަވާލުވީ ހޮސްޕިޓަލުގައި އޮންނަވަނިކޮށެވެ. ކަރެކްޝަނުން ބުނީ ގާސިމްއާ އެފަރާތުން ހަވާލުވުމަށް ފަހު މިހާރު ގާސިމްގެ ހުރިހާ ކަމެއް ގެންދާނީ އެފަރާތުގެ ބެލުމުގެ ދަށުން ކަމަށާއި ކަރެކްޝަނުގެ މުއައްޒަފުން ހޮސްޕިޓަލުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ދައުވާ ދައުލަތުންކޮށް އެކަން ސާބިތު ވެއްޖެކަމަށް ނިންމައި ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމް އިއްވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނަމަވެސް ޙުކުމް އިއްވާފައި ވަނީ ގާސިމްގެ ޣައިރު ޙާޒިރުގައެވެ. ޙުކުމް އިއްވިއިރު ގާސިމް އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.