މަޖިލީހުގެ އައު އިމާރާތުގައި ޖިމަކާއި ރެސްޓޯރަންޓެއް

ރައްޔިތުންގެ މަޖިލީހުގެ އައި އިމާރާތުގައި ޖިމަކާއި ރެސްޓޯރަންޓެއް ހުޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖިމާއި ރެސްޓޯރަންޓު ހުންނާނީ އައު އިމާރާތުގެ ޓެރަހުގައެވެ. ޖިމާއި ރެސްޓޯރަންޓާއި ޖިމަކީ މަޖިލީހުގެ އިޖްތިމާޢީ ކުލަބުންނެވެ. ކުލަބުގެ މިހާރުގެ ރައީސްކީ މަޖިލީހުގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަޙްމަދު ނާޒިމެވެ.

މަޖިލީހުގެ ކުލަބުގެ މެންބަރުންނަކީ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނެވެ.

"އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ހުރިހައި ތަނެއްގައިވެސް މި ދެންނެވި ކުލަބަކީ ކުރީގެ މަޖިލީހުގެ މެންބަރުންނަށް އަދި ކުރީގެ ރިޓަޔަމަންޓަށްދާ  މަޖިލީހުގެ ސްޓަފުންނަށް ބައިވެރިވެ ވަޑައިގެންވޭ ކުލަބުތަކެއް މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް." ނަޝީދު ވިދާޅުވިއެވެ. ފަހުން އެފަދަ ބޭފުޅުންނަށްވެސް ކުލަބުގެ މެންބަރުންނަށް ވެވޭނޭ ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރެސްޓޯރަންޓު ހުޅުވުނީމާ މެންބަރުންނަށް ދާއިރާގެ މީސްމީހުނާ އެތާގައި ބައްދަލު ކުރެއްވޭނޭ ގޮތެއް ހެއްދެވޭތޯ ބައްލަވާނެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އައު އިމާރާތުގައި މިހާރުވެސް ހުންނާނީ މެންބަރުންގެ ކިއުބިކަލްސް (ގޮޅިތައް ނުވަތަ އޮފީސްތައް) ހައްދަވައި ނިންމަވާފައެވެ. މުގައްރިރުންގެ ކޮޓަރިކޮޅުތައްވެސް ވަނީ ނިންމަވައިފައެވެ. ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ކަނޑައަޅުއްވާ މުވައްޒަފަކު އެ މެންބަރެއްގެ އޮފީހަށް ގެންދެވޭނެއެވެ. އެހެންނަމަވެސް އަދި މިހައި ތަނަށް އެއްވެސް މެންބަރަކު މުވައްޒަފަކު ކަނޑަނާޅުއްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.