ތެހެރާނުގެ ކްލިނިކެއްގައި ބާރުގަދަ ގޮވުމެއް، 19 މީހުން ވަނީ މަރުވެފައި

ސީނާ އަޠުހަރު މެޑިކަލް ސެންޓަރު އެއްޗެއް ގޮވައި އެތަން އަނދާފައި

އީރާނުގެ ވެރިރަށް ތެހެރާނުގެ އުތުރުގައި ހުންނަ ކްލިނިކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، 19 މީހުން މަރުވެއްޖެ ކަމުގައި އީރާނުގެ އިސްނާ ނިއުސް އެޖެންސީން ބުނެފިއެވެ.

ސީނާ އަޠުހަރު މެޑިކަލް ސެންޓަރުގައި ގޮވި ގޮވުމުގެ ބާރުގަދަކަމުން ކައިރީގައި ހުރި އިމާރާތްތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

"ރޭ 8:56 (ރާއްޖޭ ގަޑިން ރޭ 9:56) ގައި ސީނާ އަޠުހަރު ކްލިނިކުގައި އެއްޗެއް ގޮވުމަށް ފަހު އަލިފާން ރޯވިކަމުގެ ރިޕޯޓު ވަނީ ލިބިފައި. މެޑިކަލް ޓީމުތައް ވަނީ ވަގުތުން ފޮނުވިފައި." ތެހެރާނުގެ އެމަޖެންސީ މެޑިކަލް ސާވިސަސްްގެ ބަޔާނެއްގައި ވެއެވެ.

ތެހެރާންގެ ފަޔާ ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖަލާލު މަލިކީ ވިދާޅުވިގޮތުގައި ސީނާ އަޠުހަރު މެޑިކަލް ސެންޓަރުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައެވެ. އަދި މިހާރު ކެރެވެމުން ދަނީ އެތަނުގައި ތިބި މީހުން ހޯދުމުގެ މަަސައްކަތެވެ.

މެޑިކަލް ސާވިސަސްގެ ބަޔާނުގައި ބުނެފައި ވަނީ މަރުވީ 13 މީހުން ކަމުގައެވެ. އަދި ޒަޚަމްވި 6 މީހަކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމުގައެވެ. އެހެންނަމަވެސް ފަޔާ ޑިޕާޓްމަންޓުގެ ޖަލާލު މަލިކީ ވިދާޅުވި ގޮތުގައި އަލިފާން ނިއްވާ މީހުން އިމާރާތަށް ވަން އިރު އެތަނުން 6 މީހަކު ފެނިފައިވެއެވެ. އަދި އަލިފާން ނިއްވާލުމުގެ ދެ ގަޑިއެއްހާއިރު ފަހުން އެ 6 މީހުންވެސް ވަނީ މަރުވެފައެވެ.

އީރާނުގެ ގައުމީ ޓީވީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން 15 މީހުންނަކީ އަންހެނުންނެވެ.

ޓީވީ އިންޓަވިއުއެއްގައި މަލިކީ ވިދާޅުވި ގޮތުގައި އެއްޗެއް ގޮވާފައި ވަނީ ކްލިނިކުގެ ބިމު އަޑީގެ ބައިގައެވެ. އަދި ގޮވާފައި ވަނީ ގޭސް ސިލިންޑަރެެކެވެ.

"ބައެއް މީހުން ތިބީ މަތީ ފަންގިފިލާތަކުގައި، އޮޕަރޭޝަން ތިއޭޓަރުގައި. އެއީ އޮޕަރޭޝަން ކުރެވޭ ބަލިމީހުންނާއި އެމީހުންނާއެކު ތިިބި މީހުން. މާލިކީ ވިދާޅުވިއެވެ.

"ނަސީބު ދެރަކަމުން އެމީހުން މަރުވެފައި ވަނީ ގަދަ ހޫނާއި، ބޯ ދުމުގެ ސަބަބުން." އޭނާ އިތުރަށް ވިދާޅުވިއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.