ޕާކިސްތާނުން އިންޑިޔާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

ޕާކިސްތާނުން ވައްޓާލިކަމަށް ބުނާ ޑްރޯން

ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ މަތީގައި އުދުހެމުން ދިޔަ އިންޑިޔާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނު ސިފައިންގެ މައުލޫމާތު ފެތުރުމާ ބެހޭ ޔުނިޓް، އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރް) އިން ބުނި ގޮތުގައި ކަޝްމީރުގެ ހޮޓް ސްޕްރިންގް ސަރަހައްދުގައި އިންޑިޔާގެ ޑްރޯން ވައްޓާލާފައި ވަނީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސް ޕާކިސްތާނު ފަޅިއަށް ވަދެ ޖާސޫސުކުރުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.

"ކްއާޑްކޮޕްޓަރ (ޑްރޯން) ވަނީ އެލްއޯސީ ހުރަސްކޮށް 850 މީޓަރު ޕާކިސްތާނުގެ ތެރެއަށް ވަދެފައި. މިއީ މިއަހަރު ތެރޭގައި ޕާކިސްތާނު ސިފައިން ވައްޓާލި އިންޑިޔާގެ ނުވަވަނަ ޑްރޯންެ." އައިއެސްޕީއާރްގެ ބަޔާނުގައި ވެއެވެ.

މިކަމާ ބެހޭގޮތުން އިންޑިޔާއިން އަދި އެއްޗެއް ބުނެފައި ނުވެއެވެ.

ކަޝްމީރުގައި މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި ދެ ހަފުތާ ތެރޭގައި ސަރަަހައްދީ އިމުގެ މައްސަލައިގަައި ޗައިނާއާއި އިންޑިޔާއާ ދެމެދު މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަނެއްކޮޅު، އިންޑިޔާއާ ނޭޕާލާ ދެމެދުވެސް ސަރަހައްދީ އިމުގެ މައްސަލައިގައި ދާދި ފަހުން ވަނީ ދެބަސްވުމެއް ހިނގާފައެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިންޑިޔާ 1947 ވަނަ އަހަރު ދެބައިކޮށް، ދެ ގައުމުގެ ގޮތުގައި މިނިވަންވި ފަހުން، އިންޑިޔާއާއި ޕާކިސްތާން ވަނީ ކަޝްމީރުގެ މައްސަލައިގައި ދެ ހަނގުރާމަކޮށްފައެވެ. އަދި ދޭތެރެ ދޭތެރެއިން އަސްކަރީ ކުރިމަތިލުންތައް ހިނގާފައިވެސް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.