މައްސަލަ އިތުރަށް ނުބެލޭނެއެކޭ ނުދަންނަވަން: މަރު ކޮމިޝަން

ދިވެހިރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "މަރުކޮމިޝަނުން" ބަލާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނޭ ކަމަށް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުން ބަލާ މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އެދުނީމައެވެ. ރައްޔިތުންގެ މަޖިލީހުން އެދިފައި ވަނީ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުިން އަންގާށެވެ.

ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދަން ހުރި ގިންޖެހުންތަކުގެ ވާހަކަ މަޖިލީހަށް ލިޔުމުން އެންގިއެވެ. އެކަމަކު އެއްވެސް މައްސަލައެއް ނުބެލޭނޭ ކަމަކަށް ނާންގައެވެ.

މަރު ކޮމިޝަނުން މި ބަޔާން ނެރެފައި ވަނީ މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަރު ކޮމިޝަނަށް މަރުގެ މައްސަލަތައް އިތުރަށް ނުބެލޭނޭ ކަމަށް އަންގައިފައިވާ ކަމުގައެވެ. އެހެން ވިދާޅުވުމަށް ފަހު ކުޑަ ތަފުސީލެއް ދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމިޝަނުން ބުނެފައި އޮތީ އެ ކޮމިޝަނަށް އިތުރަށް ހެކި ހޯދޭނޭ ގޮތެއް ނެތްކަމުގައި ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.