ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ބޭނުން ކުރަންޖެހެނީ އެއްވެސް ޑިޒައިނެއް ނެތް ޕްލެއިން މާސްކް

ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ބޭނުން ކުރަންޖެހެނީ އެއްވެސް ޑިޒައިނެއް ނެތް ޕްލެއިން މާސްކްކަމަށް އެޑުޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ރައްކާތެރި ފިޔަވަޅުތަކާއެކު ސްކޫލު ތަކުގެ ކިޔެވުން އަންނަމަހު ފަށާއިރު  ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ އެހެނިހެން މުވައްޒަފުންވެސް ސްކޫލު މާހައުލުގައި އުޅެން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ބެލެނިވެރިންނާއި އެހެން ބޭނުންތަކަށް ސްކޫލަށް ވަންނަ މީހުންވެސް މާސްކް އަޅައިގެން ނޫނީ ސްކޫލު މާހައުލަކަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑްގެ އައު އާއްމު ޙާލަތުގައި މާސްކަކީ ދަރިވަރުންގެ ޔުނިފޯމްގެ ބައެއް ކަމަށެވެ. ނަމަވެސް ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ބޭނުންކުރާ މާސްކްގައި ސްކޫލު ބެޖްވެސް ނުޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވައިފައެވެ. 

ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ފޮތި މާސްކް ބޭނުން ކުރުމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން  އެކުލަވާލައްވައިފައިވާ އުޞޫލުގައި ބުނެފައިވަނީ މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ  ރޮދި ކައިރިކޮށް ވިޔެފައ ހުންނަ ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭނެކަމަށެވެ. މާސްކް ފަހައިފައި ހުންނަންޖެހޭނީ ތިންފަށަލަ ހުންނަ ގޮތަށެވެ. މާސްކްގައި ސްކޫލު ލޯގޯއާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ  ގޮތުން ފާހަގަ ކުރެވޭ ކުރެހުމެއްވެސް ޑިޒައިނެއްވެސް ހުރެގެން ނުވެއެވެ. މާސްކްގެ ބޭރު ފަށަލަ ހުންނަން ޖެހޭނީ  ފަސޭހައިން ފެންނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ ބަންދުކުރެވޭ ގޮތަށް ކަމަށެވެ. ބާރު ނުވަތަ ދޫވެގެން އަބަދު އަތްލައި ރަނގަޅު ކުރަންޖެހޭފަދަ މާސްކަކަށްވެސް ވެގެން ނުވެއެވެ. ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުންނަށް ފޮތި މާސްކްގެ އިތުރުން ސާރޖިކަލް މާސްކްވެސް ބޭނުން ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 

އައު އާއްމު ހާލަތުގައި ހުރިހާ ގްރޭޑަކަށް ކިޔަވައި ދޭނީ ބަލި ނެތް ރަށްރަށުގައެވެ. ކިޔަވައިދިނުމަށް ހަމަޖައްސަވައިފައި ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރުއެވެ. ،މާލޭގެ ސްކޫލުތަކުގައި ކިޔެވުން އޮންނާނީ ހަމައެކަނި ގްރޭޑް ނުވަޔަކުން ބާރައަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.