ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާ ވަގުތު ޒުވާނުން ބޭރަށް ނުނުކުތުމަށް އިލްތިމާސްކޮށްްފި

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާ ވަގުތު ޒުވާނުން ބޭރަށް ނުނުކުތުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް، ޓެގުން އިލްތިމާސްކޮށްފިއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ޑރ. ޝަހީދް ވިދާޅުވީ މިހާރކަށް އައިސް މަގުމަތީގައި މީހުން ގިނަވަމުންދާ ކަން އެ ޓީމަށް ފާހަގަކުރެވޭ ކަމަށެވެ. 

ފަތިހު 5 އާއި 8 އާ ދެމެދު ޚާއްސަކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަން ފާހަގަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ އެވަގުތު އެހެން މީހުން ވެސް މަގުމަތީގައި ގިނަ އަދަދަކަށް އުޅޭކަން ފާހގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒުވާން އުމުރުގެ މީހުން އެވަގުތު ދުވުމަށާއި ކަސްރަތުކުރުމަށް ނުކުންނަކަން ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ވަކި އުމުރުުފުރާތަކަށް ވަކި ވަގުތުަ ތަކެއް ކަނޑައަޅާފައިވަނީ އެއ އުމުރުފުރާތަކަކީ ބަލީގެ ނުރައްކާ ބޮޑު އުމުރުފުރާތަކަށްވާތީ ކަމަށެވެ. "ފަތިސް ގަޑީގަ، އުމުރުން ދުވަސްވީ މީހުން ނުކުތުމަށް ކަނޑައަޅާފަިއވާ ގަޑީގަ އެހެެން މީހުން މިސާލަކަށް، ޒުވާން އުމުރުގެ މީހުން އެ ގަޑީގަ ކަސްރަތަަށް ނުނިކުތުން އެއީ އަޅުަގނޑުމެން އިލްތިމާސްކުރާ ކަމެއް. ބޭރަށް ނުކުތުމުގެ ހުއްދަ ދީފައި އޮތަސްވެސް ވަކި ގަޑިތަކެއް ވަކި ބަޔަކަށް ޚާއްސަކޮށްފައިމިވަނީ. އެހެންވީމަ އެކަމަށް ބޯލެނބުން ވަރަށް މުހިއްމު." ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމަށެވެ. އެއީ ވިޔަފާރި ކުރުމާއި. އޮފީހަށް ނުކުތުމާއި، ޑޮކްޓަރަށް ދެއްކުން ފަދަ ކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އާއިލާ މެންބަރުންނަށް ޒިޔާރަތްކުރާ ކަން ފަހަގަކުރެެއްވޭ ކަމަށެވެ. މީގެ އިތުރަށް ހަވީރު ވަގުތު ގިަނަބަޔަކު ކުދީން ގޮވައިގެން މަގުމަތީގައި އުޅޭކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. ހަވީރު ހަތަރަކުން ހަޔަކަށް ކުޑަކުދިންނަށް ޚާއްސަކޮށްފައިވީ ނަަމަވެސް ކުދިން ގޮވައިގެން އެގޮތަށް ނުކުމެ އުޅުމަކީ ރަނގަޅު އާދައެއް ނޫން ކަމަށް ވިދާޅުވިއެވެ. ހުއްދަ ލިބިފައި އޮތް ނަމަވެސް ކުދިން ބޭރަށް ނެރޭނެ ދުވަސްތަކެއް ރާވާލައިގެން ކުދިން ބޭރަށް ނެރޭ ދުވަސްތައް މަދުކުރެވިދާނެކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

އެގޮތުުުން ޓޭކްއަވޭގެ ޚިދަމަތް ލިބިގަންނަން ދާ މީހުން ވެސް ގައިދުރުކުރުމެއް ނެތި އެއްތަނަަކަށް ޖަމާވެ ތިބޭކަން ފާހަގަކުރެވޭ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ބޭރަށް ނުކުތުމުގެ ހުއްދަ ދީފައި އޮތަސްވެސ ކޯވިޑް-19ގެ ނުރައްކާ ކުޑަވީ ނޫންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އެގޮތުން މުޅި ދުނިޔޭގައި ވެސް ބަލިޖެހޭ މީހުންގެ އަދަދު ނިސްބަތުން މައްޗަށްދާ ކަން ޑަބްލިއޔުއެޗްއޯއިން ފާހަަގަކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އެހެންކަމުން ފުރަބަންދަށް ލުއިދީފައި އޮތަސް އެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ލުއިދީފައިވަނީ އާއްމުންނަށް ދިމާވެދާނެ ދަތިތަކަކަށް ލުއިދިނުމުގެ މަގްސަދުގައި ކަން ފާހަގަކުރެއްވިއެވެ. އަދި ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމަށް ޑރ. ޝަހީދު އިލްތިމާސްކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.