އާންމު ތަންތަނުގައި ދެ މަސް ވާނދެން މާސްކު އެޅުން ލާޒިމު: ޕާކިސްތާން

އާންމުތަންތަނަށް ނިކުމެ އުޅޭއިރު ދެ މަސްދުވަސް ވާނދެން މާސްކުއަޅައިގެން ނިކުތުމަކީ ލާޒިމު ކަމެއްކަމަށް ޕާކިސްތާނުގެ ރައްޔިތުންނަށް ސަރުކާރުން އަންގައިފިއެވެ.

ކޮރޯނާވައިރަސް ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެތެރެއިން އެންމެ މުހިއްމު ފިޔަވަޅަކީ  އާންމުން އެއްވެ އުޅޭތަންތަނަށް ނިކުމެ އުޅޭ ކޮންމެ މީހަކު ވެސް މާސްކު އަޅައިގެން އުޅުމެވެ. އެ ގަވައިދާ ޚިލާފުވާ މީހުންނާމެދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޖުރިމާނާ ކުރުން ހިމެނެއެވެ.

ޕާކިސްތާނުގައި ކޮރޯނާވައިރަސް ޖެހޭ މީހުން މުޅިން ރަނގަޅުވުމަށް ހޭދަވާ ދުވަސްތައް ގިނަވުމާއި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރު ވަމުންދާކަން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ޚަބަރުތަކަށް ބަލާއިރު ޕާކިސްތާނުގެ 171666 މީހުންނަށް ވަނީ ކޮރޯނާވައިރަސް ޖެހިފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 3382  ގައެވެ. ބަލިޖެހިފައިވާ މީހުންގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުންގެ ހާލު އުޅެނީ ނުރައްކާތެރި ދަރަޖައެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި މުޅި ދުނިޔޭގައި ވެސް ދަނީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެތައް ހާސް ބަޔަކަށް ފާއިތުވި ދެދުވަހުގެތެރޭގައި މުޅިން އަލަށް ބަލި ވަނީ ޖެހިފައެވެ. އަދި ދުނިޔެ ވަނީ ނުރައްކާތެރި ހާލަތެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިޔާއިން ބުނާގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި މާސްކު އެޅުމާއި އިޖުތިމާއީ ދުރުމިން ބެހެއްޓުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.