މިނިސްޓަރ އަސްލަމަށް މަޖިލީހުން ރުހުން ނުދެއްވުމަށް އެމްޑީޕީގެ އެކްޓިވިސްޓަކު ގޮވާލައްވައިފި

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރެއްވި، މުޙައްމަދު އަސްލަމަށް މަޖިލީހުން ރުހުން ނުދެއްވުމަށް އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ޝަފިއްޔާ ޒުބައިރު ގޮވާލައިފައެވެ.

އޭނާ މިކަމަށް ގޮވާލައިވައި ވަނީ ގުޅިފަޅުގެ ބިންހިއްކުމުގެ މަޝްރޫޢު އެސަރަޙަށްދުގެ ތިމާވެއްޓަށް ގެލުން ލިބޭގޮތަށް މިނިސްޓަރ އަސްލަމް އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދާތީކަމަށް ފާހަގަ ކުރައްވައިފައެވެ. ވަޒީރަކަށް ރުހުން ދިނުމުގެ ބާރު މަޖިލިހަށް އޮންނަ އިރު މިނިސްޓަރ އަސްލަމަށް މަޖިލީހުން "ނޫން" ބަސް ބުނުމަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު-ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް  ޓެގްކޮށް ޝަފިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ގޮވާލައްވައިފައެވެ.

މިނިސްޓަރ އަސްލަމަށް މަގާމުގެ ފަތްކޮޅު އެރުވުމަށްފަހު މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެމައްސަލަ މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު އެނަންފުޅާމެދު ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ. އެކޮމެޓީން ވަނީ އަސްލަމަށް ރުހުން ދިނުމަށް ނިންމައިފައެވެ. ކުރިން އަސްލަމް ހުންނެވީ މިނިސްޓ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޤާމް ގައެވެ. ހަމައެކަނި މަސައްކަތް އިތުރުވެ މިނިސްޓްރީގެ ނަން ބަދަލު ވީއެވެ.

މިމަހު 11 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވާފައެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށް ވަނީ ނިންމަވައިފައެވެ. އަދި އެމަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މިބަދަލާ ގުޅިގެން އެކަމަށްވެސް މަޖިލީހުން ރުހުން ހޯދުމަށް ފޮނުވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުއްވައިފައެވެ.

މިމައްސަލައިގައިވެސް ކޮމެޓީގެ ރޫހު ހުރީ ރުހުން ދިނުމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތައް އެހާފުޅާވެ އެއް ވުޒާރާއެއްގެ ތެރެއިން ބަޖެޓްގެ ބޮޑުބައި ކޮންޓުރޯލު ކުރެވޭ ގޮތަށް އޮތުމުން ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ތިމާވެށްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތައް ފުށުއަރާކަމަށް ވެސް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. ކޮމެޓީން ނިންމެވީ، އެމިނިސްޓްރީގެ މެންޑޭޓްގައި ނުވަތަ ކުރަންޖެހޭ ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ޕްރެޒެންޓޭޝަނަކުން ހޯއްދެވުމަށްފަހު ގޮތެއް ނިންމެވުމަށެވެ.

މިނިސްޓަރަށް ރުހުން ދިނުމަށް ނިންމައިފައި ވީނަމަވެސް މިނިސްޓްރީ މަސައްކަތްތަކަށް ރުހުން ދިނުމުގެ މައްސަލަ ނިމުމަށް ފަހު ދެމައްސަލަ އެކުގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމެވިއެވެ. އަދި މިފެށޭ ހަފަތާގައި މަޖިލީހުން ގޮތެއް ނިންމެވޭ ގޮތަށް ދެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމެވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.