އެސްޓީއޯގެ ހިއްސާގެ ފައިދާ ހޯދުމަށް މިމަހުގެ ނިޔަލަށް ރަޖިސްޓްރީ ވާންޖެހޭ

ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޓް ލިބޭނީ މިމަހުގެ ނިޔަލަށް ހިއްސާގެ މުއާމަލާތް ކުރާ ފަރާތްތަކަށް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން އާންމުކުރި އިޢްލާނެއްގައިވާ ގޮތުން އެކުންފުނީގެ 2019 ވަނަ އަހަރުގެ ރެކޯޑް ނަގާ ތާރީޚަކީ މިމަހުގެ 30 އެވެ. އެހެންކަމުން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ޑިވިޑެންޑް ލިބޭނީ ވެސް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހިއްސާގެ މުއާމަލާތް ކުރާ ހިއްސާދާރުންނަށްކަމަށް އިޢުލާނުގައި ވެއެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސްއަށް ނުކަނޑާ ލިބުނު ފައިދާގެ މިންވަރު ހުރީ 422 މިލިއަން ރުފިޔާގައެވެ. އެއީ އޭގެ ކުރީ އަހަރަށް ބަލާއިރު 68 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔައަހަރު ހިއްސާއަކަށް 58 ރުފިޔާ ވަނީ ބަހާފައެވެ. 2018 ގައި ސާފު ފައިދާއަށް 224 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.