ޤާނޫނުތަކުގައި ހަމަހަމަކަން ލިޔެވިފައި ވިއަސް ނިޒާމުގައި އަންހެނުންނަށް ކުރާ ތަފާތުތައް ގިނަ: މެމްބަރުން

ޤާނޫނުތަކުގައި ހަމަހަމަކަން ލިޔެވިފައި ވިއަސް ނިޒާމުގައި އަންހެނުންނަށް ކުރާ ތަފާތުތައް ގިނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިމޭރުމުން ވާހަކަ ދެއްކެވީ  ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ޤަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެމްބަރ އިވާ ޢަބްދުﷲ އެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ވަނީ ފިރހެނަކަށް ވީތީ ލިބޭ ޚާއްޞަ އިމްތޔާޒުތައް ޤަބޫލުކޮށް، އަންހެނުންގެ ޙައްޤުތައް ހޯދައިދީ މިންތީގެ ހަމަހަމަކަން ޤާއިމް ކުރަން  އެއިމްތިޔާޒުތައް ބޭނުންކުރުން ފިރިހެނުންނަށް ގޮވާލައްވައިފއެވެ. އަންހެނުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ފުރިހަމަ ޕާލަމަންޓްރީ އެންކުއަރީއެއް ހިންގުމަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަންހެނުންގެ ބަސް ބުނުނުންމަޖިލީހުގައިވެސް މަދުވަމުން ދާކަން ތަފާސް ހިސާބާއެކު މެމްބަރ މީކާއީލް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އަދިވެސް ރާއްޖޭގެ ގިނަ މީހުންގެ ވިސްނުން އަންހެނުން ޙައްޤުތައް ކަށަވަރު ކޮށްދިނުމުގައި ނެތްކަމަށެވެ.  މީހުންގެ އެފަދަ ވިސްނުން ހުރެގެން އަންހެނުންނަށް ޙައްޤުތައް ކަށަވަރު ކޮށް ނުދެވޭނެކަމަށް އޭނާ ވިދާޅިވިއެވެ.  

ޕާލަމެންޓްރީ އެންކުއަރީއަކަށް އެދި ވަޑައިގަންނަވަނީ ޤާނޫނުތަކުގައި އަންހެނުންނަށް ހަމަހަމަކަން ދޭންވާނެ ކަމަށް ބަޔާންކޮށް ލިޔެފައި ވީނަމަވެސް އެކަންކަން ތަންފީޒު ނުކުރުމަށް ހުރި ބާގަނޑުތަކަކީ ކޮބައިތޯ ބަލައި ބާގަނޑުތައް ބައްދަން ކުރަންހުރި މަސައްކަތްތައް ކުރުމަށް ކަމަށް މެމްބަރ އީވާ ވިދާޅުވިއެވެ. އެފަދަ ބާނގަނޑުތައް ނައްތާލާ ތަންފީޒު ކުރުމުގެ މޮނިޓަރިން މެކޭނިޒަމެއް އެކުލަވާލައި އެމަސައްކަތް ކޮންމެވެސް ބަޔަކާ ޙަވާލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޤާނުނު ތަކުގައި ވީ ވަޢުދާ އެއްގޮތަށް އާބާދީގެ 49 އިންސައްތަ ކަމަށްވާ އަންހެނުންނަށް އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ސިޔާސީ ގޮތުން ބަސްބުނުމުގެ ޙަޤާއި އެބާރު ދޭންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. ދިވެހި އަންހެނުން އުޅެނީ ޙައްޤު މިންވަރާއި ބާރު އޮޅިގެން ނޫންކަމަށާއި ޙައްޤު މިންވަރާއި ބާރު ނުލިބިގެން ކަމަށް އީވާ ވިދާޅުވިއެވެ.

މިއަދުގެ ބަހުސް ގައި މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވި މެމްބަރާއި އެނޫން ބައެއް އެހެން މެމްބަރުންވެސް ވަނި ތަފާތު އެކި ދާއިރާތަކުން އަންހެނުންނަށް ކުރާ ތަފާތުތަކުގެ ތަފާސް ހިސާބުތައްވެސް ހިއްޞާ ކުރައްވައިފައެވެ. މެމްބަރ އީވާ މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.