މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ %25 ގޮނޑި އަންހެނުންނަށް ޚާއްސަކުރަނީ

މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނެސް، މަޖިލީގެ މެންބަރުންގެ %25 އަކީ އަންހެނުންކަމުގައި ހެދުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލިސް (މަޖްލިސުއްނުއްވާބް) އިން ފާސްކޮށްފިއެވެ.

ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށާއި، ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް އިޖިޕްޓްސް ސަޕޯޓް ކޯލިޝަނުގެ ރައީސު ޑރ. ޢަބްދުލް ހާދީ އަލްޤަޞްބީ އާއި އިތުރު 60 މެންބަރުން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނުހަދާ މަޖިލީހުގެ ގޮނޑީގެ އަދަދަކީ 568 އެވެ. އޭގެ ތެރެއިން %25 ޚާއްސަކުރެވޭނީ އަންހެނުންނަށެވެ. އަދި ގިނަވެގެން %5 ގޮނޑިއަށް މެންބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދެއެވެ.

މިއަދު ފާސްކުރި އިސްލާހުތަކަކީ 2019 ވަނަ ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި އާއްމު ރައްޔިތުން ތާއިދުކޮށްފައިވާ އިސްލާހުތަކެކެވެ. މި އިސްލާހުތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިޔާގެ ރިޔާސީ ދައުރުން 4 އަހަރުން 6 އަހަރަށް އިތުރުކުރުންވެސް ހިމެނެއެވެ.

އިޖިޕްޝަން ސެންޓަރ ފޯ ވިމަންސް ރައިޓްސް (އީސީޑަބްލިޔުއާރް) އިން ގޮވާލަމުން އައިސްފައި ވަނީ ގާނޫނުހަދާ މަޖިލީހުން %30 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.