އެމްޑީޕީ ވެރިކަން ބަދަލުވި ގޮތް އަލުން ބަލައިފިނަމަ ވަރަށް ސާފުކޮށް އެއީ ބަޣާވާތެއްކަން އެނގޭނެ: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވި ގޮތް އަލުން ބަލައިފިނަމަ ވަރަށް ސާފުކޮށް އެއީ ބަޣާވާތެއްކަން އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނު ދެކޭގޮތް އެއީ ކޮންމެ މުހިންމު ކަމެއް ނޫންކަމުގައެވެ. މަޖިލީހުން ކަންކަން ނިންމަވަމުން ގެންދަވާނީ މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. އެމައްސަލައިގައިވެސް ކުރިއަށް ދާނެ ގޮތެއް ނިންމާނީ މެމްބަރުން ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއްގައި އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތަކީ ބަޣާވާތެއްކަމަށް ވިދާޅުވިއެވެ.  

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބަކާ ނުލައި  ވެރިކަން ބަދަލުވެއްޖެނަމަ އެއީ މައްސަލައެއްކަމަށެވެ. އަދި އެއީ ޝަރީޢަތުން އެކަމުގައި ގޮތެއް ނިންމަންޖެހޭނެކަމެއްކަމަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަން ބަދަލުވި ގޮތާމެދު ޝަރީޢަތުން ވަކި ގޮތެއް ނިންމަވައިފައި ނުވާކަމަށް ވިދާޅުވިއެވެ. އެކަމުގައި ކުރިއަށްދާނެ ގޮތެއް މަޖިލީހުން ނިންމެވުން އެގޮތަށް ކުރިއަށް ވަޑައިގަންނަވާނެކަމަށް ވެސް ވިދާޅުވިއެވެ. މަޖިލީހުގައި މެމްބަރުން ކުރީގެ ރައީސް ވަހީދަށް "ބާޣީ" ގޮވުން އެއީ ކުރެއްވޭނެ ކަމެއްކަމަށް ވިދާޅުވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޤަވާއިދު ތަންދޭގޮތުގައި މެމްބަރުން ޚިޔާލު ފާޅުކުރެއްވުމަކީ އެމެމްބަރުންގެ ޙައްޤެއްކަމަށެވެ.

މަޖިލީހުގެ ދެ މެމްބަރުންކަމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމްއަށް އެމަނިކުފާނު ބާޣީންނޭ ގޮވުމުން އެމައްސަލަ ސިވިލްކޯޓަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެކޯޓުން މައްސަލަ ކުރިއަށް ނުގެންދެވުނީ ވެރިކަން ބަދަލުވި ގޮތާ މެދު ގޮތެއް ނިންމިފައި ނުވާތީކަމަށެވެ  އެހެންކަމުން ސިވިލް ކޯޓުގެ އެމައްސަލައިގައި ކަންކޮށްފައިވާ ގޮތަށް ބަލާއިރު ފާހަގަވަނީ، ބަޣާވާތެއްގެ ގޮތުގައި ފާހަގަ ކުރެވިއްޖެނަމަ އެބަޣާވާތުގެ އިސްކޮށްހުރި މީހަކީ ބާޣީއެއް ކަމަށް، ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތާ ދެކޮޅު ޢަމަލާއި ބަޣާވަތަކީ ކޮބައިކަން ރާއްޖޭގެ ޤާނޫނުތަކުން ސާފުކޮށް އެނގެން އެބަ އޮތްކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ ވަރަށް ބަޣާވާތް ގިނަ ޤައުމެއްކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.