ޖަމާޢަތް ހެދުމަކާ ނުލައި ނަމާދުކުރުމަށް މާލޭ ސަރަޙައްދުގެ މިސްކިތްތައް ހުޅުވާލައިފި

ޖަމާޢަތް ހެދުމަކާ ނުލައި ނަމާދުކުރުމަށް މާލޭ ސަރަޙައްދުގެ މިސްކިތްތައް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް  އިސްލާމިކް އެފެއާޒު އިން ހާމަކޮށްފައިވާ ގޮތުގައި ޖަމާޢަތް ހެދުމަކާ ނުލައި ނަމާދުކުރުމަށް މާލެ ސަރަޙައްދުގެ މިސްކިތައް ހުޅުވާލެއްވި މިރޭގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ޖަމާޢަތް ހެދުމަކާ ނުލައި ނަމާދުކުރުމަށް މިސްކިތައް ހުޅުވާލުމަށް ނިމްމެވީ އެޗްޕީއޭއާއި ޓެގްޓީމާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިންކަމަށެވެ. އެހެންކަމުން މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ގްރޭޓަރ މާލޭއޭރިޔާ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ. އަދި ޖަމާއަތް ހެދުމަކާ ނުލައި ނަމާދުކުރުމަށް މިސްކިތައް ހުޅުވާލާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. 

މިސްކިތަށް ނަމާދަށްދާ މީހުން ސަމާލުކަންދޭންވީ ކަންތައްތައް:

* ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.

* މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން.

*  މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.

* މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން.

* ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން.

* ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން.

* ފުއްޕާމޭގެ ބަލި މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން.

* މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ދުރުހެލިވުން.

* މިސްކިތުގައިވާ ހަތިމުތައް ބޭނުން ނުކުރުން.

މިސްކިތްތައް ހުޅުވާއިރު ސިޓީ ކައުންސިލުން  ވަކި ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ އަންގަވާފައެވެ. 

އެކަންކަމުގެ ތެރޭގައި ހިމެނެނީ: 

  • ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން.
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން.
  • މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
  • މިހާލަތުގައި އެއާކޯނު ބޭނުން ނުކުރުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.