ފުލުހުންގެ ހަމަލާއެއްގައި ކަޅު ނަސްލުގެ މީހަކު މަރާލައިފި

އެޓްލާންޓާގެ މުޒާހަރާ މައިތިރިކުރަން ފުލުހުން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދަނީ

ފުލުހުން ބަޑިޖެހުމުގެ ސަބަބުން އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މަރުވެއްޖެއެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް މިކަމާ ގުޅިގެން ވަނީ އިތުރު ރުޅިވެރިކަމާއި ނުތަނަވަސްކަން ވެރިވެފައެވެ.

ފުލުހުންގެ ހަމަލާގައި މަރުވީ އުމުރުން 27 އަހަރުގެ ރެޝާޑް ބްރޫކްސްއެވެ.

އެޓްލަންޓާގައި ހުކުރުދުވަހުގެރޭ ހިނގި މިހާދިސާގައި ފުލުހުން ބްރޫކްސްއަށް އަމާޒުކޮށް ހަމަލާ ދިނީ އޭނާ ހައްޔަރުކޮށް ބިޑިއަޅުވަން އުޅުމުން ފޮޅުވާލާފައި ފިލަން ދުއްވައިގަތުމުންނެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން ދުވިޔަސް ރައްޔިތެއްގެ ގަޔަށް ބަޑިޖެހުމަކީ ގާނޫނު ހުއްދަކުރާކަމެއް ނޫނެވެ.

ބްރޫކްސް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި ނުރުހުން ފާޅުކުރަން އެޓްލާންޓާގައި ކުރަމުންދިޔަ މުޒާހަރާތަކަށް ބްރޫކްސްގެ މަރާގުޅިގެން ވަނީ އައު ދިރުމެއް އައިސްފައެވެ. އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއްގައި ބަޔަކު ވަނީ ހުޅުޖަހައި ރޯކޮށް އަންދާލާފައެވެ.

ބުރޫކްސްގެ މަރާގުޅިގެން އެޓްލާންޓާގެ ފުލުހުންގެ ވެރިޔާ އެރިކާ ޝީލްޑްސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އެއީ ދޮން ނަސްލުގެ އަންހެނެކެވެ.

ފުލުހުންގެ ވެރިޔާ އެރިކާ ޝީލްޑްސް: ރައްޔިތުންނާއެކު

އޭނާ އިސްތިއުފާދެއްވަން ނެރުއްވި ބަޔާނުގައި ވަނީ ބްރޫކްސްގެ މަރުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލައްވާފައެވެ.

ޑިސެމްބަރ 2016ގައި ފުލުހުންގެ އިސްމަގާމާ ހަވާލުވެވަޑައިގެންނެވި، ޝީލްޑްސް މަގާމުން އިސްތިއުފާ ދެއްވީ އޭނާ ހުންނެވީ ރައްޔިތުންނާއެކުގައިކަން ދެއްކެވުމަށެވެ.

ޝީލްޑްސްގެ އިސްތިއުފާއާ ގުޅިގެން ވަގުތީގޮތުން އެޓްލާންޓާގެ ފުލުހުންގެ ވެރިކަން ވަނީ ކަޅުނަސްލުގެ މީހެއްކަމުގައިވާ ރޮޑްނީ ބްރަޔަންޓާ ހަވާލުކޮށްފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.