މިއަހަރުގެ ހައްޖުގެ އަޅުކަން ނުބާއްވަން ސައޫދީ އަރަބިއްޔާއިން ވިސްނަންފަށައި

ހައްޖުގެ މަތިވެރި އަޅުކަން މިއަހަރު ނުބާއްވަން ސައޫދީ އަރަބިއްޔާގެ ކަމާބެހޭ އިސްބޭފުޅުން ވިސްނަވަންފަށްޓަވައިފިއެވެ.

އިނގިރޭސިވިލާތުގެ "ފައިނޭޝަލް ޓައިމްސް"އަށް ސައޫދީ އަރަބިއްޔާގެ ހައްޖާބެހޭ މިނިސްޓްރީގެ އިސްބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި މި އަހަރުގެ ހައްޖު ކެންސަލްކުރަން ވިސްނަންޖެހުނީ ކޮރޯނާވައިރަސް ޖެހިފައިވާ ލައްކައަކަށް ވުރެ ގިނަ މީހުން އެގައުމުގައި ތިބުމުގެ ސަބަބުންނެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަމާމެދު ގޮތެއް ނިންމަން ސަރުކާރުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ފުންކޮށް ވިސްނަމުންނެވެ.

"ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅައި އިއުލާނު ކުރެވޭވަރުވާނެ." އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުމަށް ދާން ވަރަށް މަދު ބަޔަކަށް ހުއްދަދީގެން ހައްޖުގެ އަޅުކަން ކުރިއަށް ގެންދަން ސައޫދީ އަރަބިއްޔާއިން ވިސްނަމުންދާކަމަށް މަދު ދުވަސްތަކެއް ކުރިން ސަރުކާރުގެ އިސްބޭފުޅަކާ ހަވާލާދީ ރޮއިޓަރުން ވަނީ ޚަބަރުފަތުރާފައެވެ.

މަދުބަޔަކަށް ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް މި އަހަރުގެ ހައްޖުގެ އަޅުކަން ބޭއްވިޔަސް އަދި ސިއްހީ ސަބަބުތަކަށްޓަކައި ހައްޖުގެ އަޅުކަން ކެންސަލުކުރަން ޖެހުނަސް ސައޫދީ އަރަބިއްޔާއަށް މާލީގޮތުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެއެވެ. އެއީ ހައްޖުވެރިންގެ އަތުން ގައުމުގެ ޚަޒާނާއަށް ވަންނަ ފައިސާގެ ދޮރު ބަންދުވެގެން ދާތީއެވެ. 

ކޮރޯނާވައިރަހުގެ ނުރައްކާތެރިކަމުން ސަލާމަތްވުމުގެ ގޮތުން އިންޑޮނޭޝިޔާއާއި މެލޭޝިޔާއިން މިއަހަރު އެ ދެގައުމުގެ މީހުން ހައްޖަށް ދިއުމުގެ ހުއްދަ ނުދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ގިނަ ގައުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.