ލާމަރުކަޒީ ނިޒާމުގައި އަދިވެސް އޮތީ ނާށިގަނޑު ހިފައިގެން ސަލާންޖަހާ އުސޫލު: ޒަރިޔަންދު 

މިހާރު އޮތް ލާމާރުކަޒީ ނިޒާމު ބޭރުފުށުން ރީތިކޮށް ފެނުނަސް އެތެރެއިން އަދިވެސް އޮތީ ނާށިގަނޑު ހިފައިގެން ސަލާން ޖަހާ އުސޫލު ކަމަށް އޮޑިޓިން ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ވިދާޅުވެޖެއެވެ. 

ޒަރިޔަންދު މިހެން ވިދާޅުވީ "އަލިރަންމުތް " ފޭސްބުކް ޕޭޖުން ލައިވްކުރި ދެމެހެއްޓެނިވި ލާމަރުކަޒީ ނިޒާމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައެވެ. ޒަރިޔަންދު ވިދާޅުވީ ތަރައްޤީގެ ނެޝަނަލް ޕްލޭން އެކުލަވާލަން ޖެހޭނީ ރަށްރަށުގެ ރައްޔިތުން އެކުލަވާލާ ތަރައްޤީގެ ޕޭލޭންތަކުގެ މައްޗަށް ކަމަށް ލާމަރުކަޒީ ނިޒާމު ވުޖޫދުކުރި ޤާނޫނުގެ 101 ވަނަ މާއްދާގައި އޮތް ކަމަށެވެ. ނަމަވެސް ޤާނޫނަށް އެތައް އިޞްލާހެއް ގެނެވުނުއިރު އެވާހަކަތައްވެސް ވަނީ އުވިގޮސްފައި ކަމަށެވެ. 

"ފުރަތަމަ އައި އިރު ޤާނޫނުގައި އޮތްގޮތަށް ޢަމަލެއް ނުކުރޭ. މޮހޮނަށް އޮޑިދިން ހެން އޮތް ޤާނޫނަކަށްވީ." ޒަރިޔަންދު ވިދާޅުވިއެވެ. 

މިހާރު އޮތް ލާމަރުކަޒީ ޤާނޫނު ޒަރިޔަންދު ސިފަކުރެއްވީ އިންޖީނެއްގެ އެތެރޭގެ ބައެއް ނަޓުތައް ނައްޓާލައިފައި ރާވައިފައިވާ އިންޖީނެއްގެ ގޮތުގައެވެ. ލާމަރުކަޒީ ޤާނޫނަށް އަށް އިޞްލާޙު ގެނެސްފައިވާއިރުވެސް އެއިޞްލާހުތައް ގެނެވިފައިވަނީ މަޤާމަށް ލާނެ މީހާ ނިންމުމަށް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ރައްޔިތުމީހާ އަށް މާބޮޑު ފައިދާއެއްވާ ގޮތަށް އެޤާނޫނަށް އިޞްލާހެއް ގެނެވިފައިވާ ކަމަކަށް ޒަރިޔަންދު ދެކެވަޑައެއްނުގަނެއެވެ. މާލިއްޔާއިން މުސާރަ ލިބޭ ބައެއް ކަނޑައެޅުމަކީ ތަރައްޤީއެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. 

ޤާނުނޫއަސާސީގެ 232 ވަނަ މާއްދާއާ ހަވާލާ ދެއްވައި ޒަރިޔަންދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގަން ޖެހެނީ ދިމިކްރާތީ އަދި ޖަވާބުދާރީކުރެވޭނެ ގޮތަށް ކަމަށެވެ. ބޭނުންވާނެ ފައިސާއާއި ވަޞީލަތްތައް ލިބެން ޖެހޭނެ ކަމަށާއި ރައްޔިތުން ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުޖެހޭ ނިޒާމެއް އޮންނަން ޖެހޭކަމަށެވެ.  ނަމަވެސް މިހާރުވެސް ފެންނަމުން ދަނީ ޤާނޫނުގައި މޮނިޓަރިން ބޮޑީއެއްގެ ދައުރު އަދާކުރަން އޮންނަ ލޯކަލް ގަވަމެންޓް އޮތީރިޓީ (އެލްޖީއޭ) ގެ ތެރޭގައި ރަށްރަށުގެ ބަޖެޓުވެސް ތާށިވެފައިވާތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެލްޖީއޭ ބޭނުންކުރަނީ ސަރުކާރުގެ "ހަންމުށްޓެއް"ގެ ގޮތުގައިކަމަށް ޒަރިޔަންދު ސިފަކުރެއްވިއެވެ. އެލްޖީއޭއިން  ޑޮކްޓަރ ޝުކުރީ ވަކިވެވަޑައިގެންނެވި ފަހުން މުޅި އެލްޖީއޭ ވަނީ ސިޔާސީ ވެފައިކަމަށް ވެސް އޭނާވިދާޅުވިއެވެ. އެތަނުގައި އޮންނަނީ އެވަގުތު ވެރިކަމުގައި އޮންނަ ބައެއްގެ ރެޕެރެޒެންޓޭޝަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެލްޖިއޭ ހިނގަމުން އަންނަނީ ލާމަރުކަޒީ ނިޒާމުގެ ކުރިން އަތޮޅުތައް ހިންގަވަމުން ގެންދެވި އެޓޯލް މިނިސްޓްރީ ގޮތަށްކަމަށް ވިދާޅުވިއެވެ.

ޒަރިޔަންދު ވަނީ އެލްޖީއޭ އުފެދިފައިވާގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިނގާ ގޮތް ބެލުމަށް އޮންނަ މޮނިޓަރިން ބޮޑީއަކީ ފުލްޓައިމް ތަނަކަށް ހަދަންޖެހޭ ކަމަށެވެ. އެލްޖީއޭގެ ރައީސަކަށް ހުންނަވަނީ ފުލުހުންގެ ކަންތަކާއި އަދި ޖަލުތަކުގެ ކަންކަންވެސް ބަލަހައްޓަންޖެހޭ ވަޒީރުކަން ފާހަގަ ކުރެއްވިއެވެ. ޗީފް އެގެޒެކެޓިވް އަކަށް އައްޔަން ކުރައްވާ ބޭފުޅަކީ މޮޅު ބޭފުޅަކަށް ވިއަސް ސިޔާސީ ކުލަ ޖެހިއްޖެއްޔާ އެކި ކަހަލަ ކުލަވަރު ހުންނަ ރައްޔިތުންގެ ރުހުން އެމީހަކާ ވަރަށް ދުރުވާނެކަމަށް ޒަރިޔަންދު ފާހަގަ ކުރެއްވިއެވެ. 

ލާމަރުކަޒީ ނިޒާމަށް 10 އަހަރު ވެގެން ދިޔައިރުވެސް އެނިޒާމު ހިންގާނެ ހަރުދަނާ އިދާރީ އޮނިގަނޑެއް އެކުލަވާ ލެވިފައި ނެތްކަމަށް ވެސް ޒަރިޔަންދު ފާހަގަ ކުރެއްވިއެވެ. ކޮންމެ ކަމެއްގައި އެލްޖީއޭއާ ހަމައަށް ދާން ޖެހެނީ އެފަދަ އޮނިގަނޑެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ފުރިހަމަ އެޑްމިނިސްޓްރޭޓިވް ފައިނޭންޝަލް މެނުއަލެއް ނެތި  ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ވެސް ޤާނޫނު ތަންފީޒު ކުރެއްވޭނެ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ. ކައުންސިލްތައް ރަނގަޅަށް ހިނގާނީ އެލްޖީއޭއިން ކައުންސިލްތައް ހިންގުމަށް އެފަދަ މެނުއަލެއް އެކުލަވައިލައި ދެއްކުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޤާނޫނުގައި ބުނާ ގޮތުން ވެސް އެލްޖޭއިން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

1 ޚިޔާލު

  1. ވެރިކަން ހޯދަނީ ރައްޔިތުން ފޭރިގެން ތިމާއާއި އާއިލާއާއި ރައްޓެހިންނަށް މުސާރަދީ މުއްސަދިކޮށް ރައްޓެހި ބިދޭސިން ބުނާ ކަންކަންކޮށްދޭން. ރައްޔިތުންނަށް ކަމެއްކޮށްދޭކަށްނޫން. ތާކުންތާކު ޖެހޭ ގާނޫނެއް ވެސް ނުހަދާނެ. ރައްޔިތުންގެ ފައިސާއިން އަލުން ކުރަންނުޖެހޭގޮތަށް ކަމެއްވެސް ނުކުރާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.