ފުރަތަމަ ފަހަރަށް ކަޅުނަސްލުގެ މީހަކަށް އެމެރިކާގެ ވައިގެ ސިފައިންގެ ވެރިޔާގެ މަގާމު

އެމެރިކާގެ ތާރީޚުގައި ފުރަތަމަފަހަރަށް ކަޅުނަސްލުގެ ބޭފުޅަކު އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ އިސް ވެރިއަކަށް އައްޔަންކޮށްފިއެވެ. އެބޭފުޅަކީ ޖެނެރަލް ޗާރލްސް ބްރައުންއެވެ.

ޖެނެރަލް ޗާރލްސް މަގާމަށް އައްޔަންކުރަން ފެނޭތޯ ބެލުމަށް ސެނެޓުގައި ވޯޓަށް އެހި ކޮމިޓީގެ ވެރިއަކަށް އިންނެވީ ނައިބު ރައީސް މައިކް ޕެންސްއެވެ. ޖެނެރަލް ޗާރލްސް މަގާމަށް އައްޔަންކުރަން ފެންނަކަމަށް 98 ބޭފުޅުން ވޯޓުދެއްވިއިރު ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވައެވެ.

ވޯޓަށްފަހު ނައީބުރައީސް ޕެންސް ވިދާޅުވީ އެއީ ތާރީޚީ ވަގުތުކޮޅެއްކަމަށެވެ.

ވައިގެ ސިފައިންގެ އެންމެ އިސް މަގާމަށް ޖެނެރަލް ޗާރލްސް އައްޔަންކުރަން ވޯޓު ނެގީ އެމެރިކާގެ ދޮން ނަސްލުގެ ފުލުސް އޮފިސަރެއްގެ އަތުން ކަޅުނަސްލުގެ މީހަކު ކަމަށްވާ ޖޯޖް ފްލޮއިޑް މަރުވުމާ ގުޅިގެން މުޅި އެމެރިކާގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދުވަސްވަރެއްގައެވެ.

ޖެނެރަލް ޗާރލްސް މީގެ ކުރިން ހުންނެވީ ޕެސިފިކް ރީޖަންގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އޭނާއަކީ ހަނގުރާމަމަތީ އުދުހޭ ބޯޓު ދުއްވެވުމުގެ ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާ ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ވަރަށް ގިނަ އިސްމަގާމުތައް އަދާކުރައްވާފައެވެ.

ކަޅުނަސްލުގެ މީހުންނާމެދު އެމެރިކާގައި ވަރަށް ބޮޑަށް ނަސްލީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އެމެރިކާއާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދުވަސްވަރެއްގައި ޖެނެރަލް ޗާރލްސްއަށް އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ މަތީވެރިކަން ލިބިވަޑައިގަތުމަކީ ކަޅުމީހުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.