ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މުވައްޒަފުންތަކަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އިންޓަނޭޝަލަން ކްރިމިނަލް ކޯޓް- އައިސީސީ) ގެ މުވައްޒަފުންތަކަކާ ދެކޮޅަށް މާލީގޮތުން، ދަތުރުފަތުރުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅުމުގެ ގަރާރުގައި ރައީސު ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ. މި މުވައްޒަފުންނަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާއާއި، އެގައުމުގެ ބައިވެރިންގެ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށް އައިސީސީން ކުރި ތަހުގީގުގައި އަމަލީ ގޮތުން ހަރަކާތްތެރިވީ މުވައްޒަފުންނެވެ.

މިއީ އދ. މުއައްސަސާއެއް ކަމުގައިވާ އައިސީސީން ކުރިއަށް ގެންދާ ތަހުގީގު ހުއްޓާލުމަށް ކުރިމަތިކުރާ ފިއްތުމެއްގެ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ކުރި ކަމެކެވެ.

"މިއީ ކުރިންދެވިފައިވާ ނުވާފަދަ ހަމަލާއެއް އައިސީސީއަށް ދިނުމަށް ކުރެވޭ ކަމެއް. މިކަން ބެލެވޭނީ ގާނޫނީ ބާރު ހިންގުމަށާއި، ކޯޓުގެ ޤަޟާއީ މަސްއޫލިއްޔަތު ކުރިއަށް ގެންދިއުމަށް ކުރާ ބަލައިނުގަނެވޭނޭ މަސައްކަތެއް ކަމުގައި." އެމެރިކާއިން ކޯޓުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ މަސައްކަތް ކުށްވެރި ކުރަމުން އެކޯޓުން ބުނެފައި ވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި، އެކުވެރި ގައުމުތަކުގެ ސިފައިން ހިންގާފައިވާ ކަަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތަކާއި، ޠާލިބާން ޖަމާއަތުން ހިންގާފައިވާ ކަމަށް ބެލެވޭ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ތަހުގީގުކުރުމަށް ފާއިތުވި މާރިޗު މަހު އައިސީސީން ނިންމުމާއެކު އެެމެރިކާއިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެެެވެ. އަދި އެކަމަށް ހުރަސްއެޅުމަށް އެމެެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ.

އައިސީސީގެ މުވައްޒަފުންތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ނިންމުމާ ގުޅިގެން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. އެންމެންނަށް ވެސް އެނގޭ ފަދައިން ޔޫރަޕިއަން ޔުނިއަނަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ފުރިހަމައަށް ތާއީދުކުރާ ޖަމާއަތެއް." އެމެރިކާގެ ނިންމުމާ ބެހޭގޮތުން އޮންލައިން ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޮސެޕް ބޮރެލް ވިދާޅުވިއެވެ.

"އައީސީއަކީ ސުލްހައާއި އިންސާފު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ހުރިހާ ގައުމަކުން އެ ކޯޓަށް އިހުތިރާމުކޮށް އެއްބާރުލުން ދޭން ޖެހޭނެ." ސްޕޭންގެ ޚާރިޖީ ވަޒީރުކަންވެސް ކުރިން ކުރައްވާފައިވާ ބޮރެލް ވިދާޅުވިއެވެ.

ރައީސު ޓްރަމްޕްގެ ރިޔާސީ އަމުރު ނެރެއްވާފައިވާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްމެއޯވެސް ވަނީ އައިސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކެންގަރޫ ކޯޓަކުން އަހަރުމެންގެ ރައްޔިތުންނަށް ބިރުދައްކާއިރު، އަހަރުމެން މަޑުން ނުތިބޭނަން." އައިސީސީއަކީ "ކޮރަޕްޝަން އޮތް"، "އެެއްވެސް ނަތީޖާއެއް ނުނެރެވޭ"، "އިންތިހާއަށް ސިޔާސީ ކުރެވިފައިވާ" ތަނެއްގެ ގޮތުގައި ސިފަކުރައްވަމުން ޕޮމްޕެއޯ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.