ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ މުޙަންމަދު އަނަސްއަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
މި ވީޑިޔޯއިން ފެންނަ ގޮތުގައި އަނަސްއަށް ބަޔަކު ވަޅިން ހަމަލާދިނުމަށް އޭނާ ފަހަތުން އަންނަން ފެށުމާއެކު އަނަސް ދުވެފައި އައިސް ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެއެވެ. އަދި ދުވެފައި އައިސް އޭނާ ވަންނަ ތަން ފެންނަނީ އެތަނުގެ މުއައްޒަފެއްގެ ފުރަގަހަށެވެ. އެއީ ހަމަލާދޭން އަންނަ މީހުންގެ ކިބައިން ހިމާޔަތެއް ހޯދުމަށް ކަމަށް ބެލެވެއެވެ.
ނަމަވެސް ވަޅި ހިފައިގެން އެތަނަށް ވަތް ފުރަތަމަ މީހާ އައިސް އަނަސްއަށް ހަމަލާދެއެވެ. އެއާއެކު އަނަސްގެ ކުރިމަތީގައި ހުރި އެތަނުގެ މުއައްޒަފުވެސް ސަލާމަތްވުމަށް ދުވެފައި ދެއެވެ. ފުރަތަމަ މީހާ ވަޅިން ހަމަލާދޭން ފެށުމާއެކު އޭނާގެ ކިބައިން ސަލާމަތް ވުމަށް އަނަސް މަސައްކަތް ކުރެއެވެ. ނަމަވެސް ދެން ފެންނަނީ އިތުރު ތިން މީހުން ވަޅި ހިފައިގެން އެތަނުގެ ތެރެއަށް ދުވެފައި ވަތް މަންޒަރެވެ. އެމީހުން ތިބީ މޫނުގައި އެއްޗެއް އަޅައިގެންނެވެ. ފަހުން ދުވެފައި ވަތް ތިން މީހުން އައިގޮތަށް އައިސް ވަށައިގެން އަނަސްގެ ގަޔަށް ވަޅި ޖަހަން ފެށިއެވެ. އެއާއެކު އަނަސްވެސް ބިންމައްޗަށް ވެއްޓެއެވެ. އެ ތިން މީހުން ވަތްއިރު އެތަނުގައި ތިބި މުއައްޒަފުންވެސް ބިރުން އެމީހަކަށް ދެވުނު ދިމާލަކަށް ދުވެފައިދާ މަންޒަރު ފެނެއެވެ. ސަލާމަތް ވުމަށްޓަކައެވެ.
ހަތަރު މީހުން ވެގެން އަނަސްގެ ގައިގެ އެތަން މިތަނަށް ވަޅި ޖަހަމުން ދިޔައެވެ. ވަކި ހިސާބަކުން އަނަސްގެ ދުވަސް ދިޔައީކަން ޔަގީންވުމާއެކު އެތަނުން ދެމީހަކު އެތަނުން ނުކުމެގެން ދެއެވެ. ނަމަވެސް އަނެއް ދެމީހުން ދިޔައީ ވަޅި ޖަހަމުންނެވެ. އެންމެ ފަހުން ނުކުތް މީހާ ދަމުންވެސް އަނަސްގެ ކަރަށް ދެފަހަރަކު ވަޅި ޖަހާ މަންޒަރު ފެނެއެވެ.
އަނަސްއަށް ހަމަލާ ދިނުމާއި އޭނާގެ ދުވަސް ދުއްވާލާފައި އެމީހުން އެތަނުން ނުކުތުމާއެކު ގާތްގަނޑަކަށްވީ 15 ވަރަކަށް ސިކުންތެވެ. އެހާވެސް އަވަހެވެ. 15 ވަރަކަށް ސިކުންތުގެ ތެރޭގައި އެމީހުން ވަނީ އަނަސްގެ ގައިގެ 37 ތަނަކަށް ވަޅި ޖަހާފައެވެ. ހަމަލާއަށް ފަހު އަނަސް މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަތާ ހިނދުކޮޅެއްގެ ތެރޭގައެވެ.