ޤާނޫނީ ފަންނުގެ ބިލަށް ހުށަހެޅި އީޞްލާޙުން ބާރ އިމްތިހާނާ ގުޅޭކަންކަން ފަސްކޮށްދޭންޖެހެނީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ޙާލަތާ ގުޅިގެން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެވެ.
ބާރކައުންސިލް އުފެދުނުތާ އަހަރެއް ވެގެން ދިޔައިރު ޤާނޫނުގައި ބުނާ އިމްތިހާނު ޤާނޫނީ ދަރިވަރުންނަށް ބާއްވައި ދެވިފައި ނުވާ މައްސަލައިގައި މެމްބަރުން ވަނީ ބާރ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިހާލަތަށް ރިޢާޔަތްކޮށް އެހެން ބައެއް ޤާނޫނުތަކުގައިވެސް ބައެއްކަންކަމަށް ދީފައިވާ މުއްދަތުތައް ވެސް ފަސްކޮށްދެވައިފައި ވާތީ މިޙާލަތަށް ރިޔާޢަތްކޮށް ބާރ އިމްތިހާނާބެހޭ ކަންކަން ވެސް ފަސްކުރުމަށް ބިލަށް ގެންނަންޖެހޭ އިޞްލާޙު ގެނައުން މުހިންމު ކަމަށެވެ. އެކަމާ ދޭތެރޭގައި ބިލް ދިރާސާ ކުރެއްވުމުގައި ވިސްނުން ގެންގުޅުއްވާނެކަމަށް ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވަމުން ގެންދަވާ އިންތި ވިދާޅުވިއެވެ. ނަމަވެސް އެމައްސަލައިގައި ބާރ ކައުންސިލުން ދައްކަވައިފައިވާ ވާހަކަ ތަކަކީ ބަލައި ގަނެވޭނެ ވަހާކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މެމްބަރ އިމްތިޔާޒު ވިދާޅުވީ އެމައްސަލައިގައި ބާރ ކައުންސިލްގެ އިހްމާލު އޮތްކަމަށެވެ.
ދާންދޫ ދާއިރާގެ މެމްބަރ ޔަޢުޤޫބް ޢަބަދުﷲ ވެސް ވަނީ މިމައްސަލައިގައި ބާރ ކައުންސިލަށް ފާޑުވިދާޅުވެ ތުހުމަތު ތަކެއްވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ބާރ އިމްތިހާނު ބޭއްވުން ލަސްކޮށްފައިވަނީ ޤާނޫނީ ދާއިރާއަށް އާ ބަޔަކު ނުކުމެދާނެތީ ކަމަށެވެ.. އަދި ޤާނޫނީގޮތުން ނުފޫޒު ގަދަ ބޭފުޅުންގެ ނުފޫޒު އެކަމުގެ ސަބަބުން ގެއްލިދާނެތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޤާނޫނޫގައި ބުނާ އިންޓަރންޝިޕް ނުވަތަ ތަޖުރިބާއާއި އިމްތިޙާނަކީ ޤާނުނީ ވަކީލުކަމުގެ ލައިސަންސް ދިނުމުގެ ކުރިން ހޯދަން ލާޒިމްކުރާ ތަޖަރުބާއާއި އިމްތިހާނެކެވެ. މި އިމްތިހާނުގެ ޝަރުތަކަށް ޢަމަލުކުރުން ލަސްކުރުމަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހެޅި އިސްލާހަށް ގިނަ މެމްބަރުން ވަނީ ތާއީދު ކުރައްވައިފައެވެ. އެބިލް މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ކޮވިޑްގެ މިހާލަތުގައި ބާރ އިމްތިހާނު ބޭއްވުން ލަސްވާނެ ކަމުގެ ކަންބޮޑުވުން މެމްބަރ ނާޒިމް ވަނީ ފާޅުކުރައްވައިފައެވެ.
ބިލް ހުށަހަޅުއްވަމުން މެމްބަރު ނާޒިމް ވިދާޅުވީ ބާރ ކައުންސިލުން ބާއްވަން ޖެހޭ އިމްތިހާނު ނުބޭއްވި ލަސްވާތީ ޤާނޫނީ މަސައްކަތަށް ނުނުކުމެވިފައިވާ 300 އެއްހާ ދަރިވަރުން ތިބީ މަގުމަތިވެފައި ކަމަށެވެ. އެ ހާލަތުން އެކުދިން އަރައި ގަތުމަށް ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށް އިމްތިހާނުގެ ޝަރުތު މިހާލަތުގައ ލަސް ކުރަންޖެހޭ ކަމަށެވެ އެހެންނޫނީ އެ ދަރިވަރުންނަށް ވަރަބޮޑު ނިކަމެތިކަމެއް ލިބޭނެ ކަމަށެވެ.