ބުރުންޑީގެ ރައީސު އިންކުރުންޒީޒާ އަވަހާރަވެއްޖެ

ބުރުންޑީގެ ރައީސު ޕިޔާ އިންކުރުންޒީޒާ

އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރުންޑީގެ ރައީސު ޕިޔާ އިންކުރުންޒީޒާ އަވަހާރަވެއްޖެއެވެ. ސަރުކާރުން ހާމަކުރި ގޮތުގަިއ އޭނާ އަވަހާރަވެފައި ވަނީ ހިތްޕުޅު ހުއްޓިގެންނެވެ.

ބުރުންޑީ ސަރުކާރުން ޓުވިޓާގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ހަވީރު އޮތް ވޮލީ ބޯޅަ މެޗެއް ބައްލަަވަން ރައީސު އިންކުރުންޒީޒާ ވަޑައިގަތެެވެ. އަދި އެ ރޭ އިރާކޮޅު ހާލުކޮޅު ގޯސްވެގެން އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ.

އުމުރުފުޅުން 55 އަހަރުގެ އިންކުރުންޒީޒާ ވެރިކަމަށް ވަޑައިގަތީ މީގެ 15 އަހަރު ކުރިންނެވެ. އޭނާ އަންނަ އޮގަސްޓްމަހު އިސްތިއުފާ ދެއްވާގޮތަށް އޮތީ ހަމަޖެހިފައެެވެ.

ރައީސުކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން 2015 ވަނަ އަހަރު ރައީސު އިންކުރުންޒީޒާ އިއުލާންކުރެއްވުމާއެކު ބުރުންޑީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ގާނޫނު ތަންނުދޭކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފިލިއެވެ. އިންގިލާބަކުން ވެރިކަން ބަދަލުކުރުމުގެ މަސައްކަތްވެސް ކުރެވުނެވެ.

އެހެންނަމަވެސް، ގާނޫނު އަސާސީއަށް ބަދަލުގެންނަވައިގެން، ތިންވަނަ ދައުރަކަށް މަގުފަހިކުރެއްވުމަށް ފަހު، އިންކުރުންޒީޒާ ވަނީ ފާއިތުވި މޭ މަހުގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައެެވެ. ފަހުން އޭނާ ވަނީ އިސްތިއުފާދެއްވަން ނިންމަވައި، އަންނަ އޮގަސްޓު މަހު ވެރިކަން ދޫކޮށްލަައްވާނެކަން އިއުލާންކުރައްވާފައެވެ.

ބުރުންޑީއަކީ އިރުމަތީ އެފްރިކާގައި ރުވަންޑާ، ޓެންޒޭނިޔާ އަދި ޑީއާރް ކޮންގޯއާއި އިންވެގެން އޮންނަ ނިސްބަތުން ކުޑަ، ފަގީރު ގައުމެކެވެ. 10 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ބުރުންޑީގެ ގައުމީ އާމްދަނީ އަހަރަކު ބޮލަކަށް ޖެހެނީ 310 އެމެރިކާ ޑޮަލަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.