ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައްސަލަ އެޖެންޑާކުރުމަށްފަހު އުނިކޮށްފި

ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސް ވުމާގުޅޭ ގޮތުން އެމްޑީޕީން ހުށަހަޅާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ފަހު އެޖެންޑާއިން އުނިކޮށްފިއެވެ.

އެޖެންޑާގައި އެމައްސަލަ ކުރިން އޮތީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަންކަމުގެ ތެރޭގައެވެ. ކުރިން އެޖެންޑާގައި އޮތީ އެމައްސަލަ ހުށަހަޅައިފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށެވެ.މަޖިލީހުގެ މެޖޯރީޓީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރ ޢަލީ ޢާޒިމެވެ. މިމައްސަލަ އެޖެންޑާއިން އުނިކޮށްފައިވަނީ އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވާނެކަމަށްއިޢުލާންކުރެވިފަހުންނެވެ. ޕީޕީއެމާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މިއަދުގެ ޖަލްސާގައި ބައިވެރިނުވާން ނިންމީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ ކަމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމުގެ ޞިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސާއި އެމްޑީޕީ އަދި އަދި މެޖޯރީޓީ ލީޑަރަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައާއި އެކި ޕްލެޓްފޯމްތަކުގައި ދަނީ، ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ މިނިވަން ވިޔާރީގެ އެއްބަސްވުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ މިނިވަން ވިޔާރީގެ އެއްބަސްވުން މަރުވެފައިވާ ކަމަށެވެ. އެއީ މިހާރު އޮތް އެއްބަސްވުމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމޭރުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކޮށްފައިވަނީ  އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހުން ހޯދުމަށްފަހުއެވެ. މިއެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރ މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދެވެ. އޭނާ ވަނީ ދާދި ފަހުންވެސް މި އެއްބަސް ވުން ތަންފީޒު ކުރެއްވުމަށް މިސަރުކާރަށް ގޮވާލައްވައިފައެވެ. ނަމަވެސް އެ އެއްބަސްވުމާމެދު މި ސަރުކާރުން އަދި ގޮތްތަކެއް ނިންމާފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.