ބަލިމަޑުކަމާއެކު ދުނިޔޭގެ އިގުތިސާދު އަޑިއަޅާލިއިރު، މަހުޖަނުން އިތުރަށް މުއްސަނދިވީ

ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ބޮޑު ސިއްހީ ކާރިސާ، ކޮވިޑް- 19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ވަނީ އަޑިއަޅާލާފައެވެ. އދ.ން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ދުނިޔޭގެ އިގުތިސާދު %3.2 ދަށަށް ދާނެއެެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ސަތޭކަ މިލިއަން މީހުންގެ ވަޒީފާ ނުރައްކަލުގައި ވާއިރު، އެމެރިކާގައި އެކަނިވެސް 43 މިލިއަން މީހުން ވަނީ ވަޒީފާ ނެތް މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ހޯދަން އެދިފައެވެ.

ދުނިޔޭ އިގުތިސާދު މިހާލަތުގައި އޮތް އިރު، މި ބަލިމަޑުކަމުގެ ތެރޭގައި ބައެއް ބޮޑެތި މަހުޖަނުންގެ މުއްސަނދިކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

ދިރާސާތައް ކުރުމަށް މަޝްހޫރު އިންސްޓިޓިއުޓް އޮފް ޕޮލިސީ ސްޑަޓީޒް (އައިޕީއައި) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ދުނިޔޭގެ ބިލިއަނަރުންގެ މުދާވެރިކަން %19 މައްޗަށް ޖެހި 3.5 ޓްރިލިއަން އެމެރިކާ ޑޮލަރު އިތުރުވެފައި ވެއެވެ. 18 މާރިޗުން ފެށިގެން 4 ޖޫންއާ ހަމައަށް އެމެރިކާގެ ބިލިއަނަރުން ވަނީ 565 ބިިލިއަން ޑޮލަރު އިތުރަށް މުއްސަނދި ވެފައެވެ.

އެމޭޒަންގެ ބާނީ އަދި ސީއީއޯ ޖެފް ބެޒޯސްއަކީ މުއްސަނދިކަން އިތުރުވި މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މަހުޖަނެކެވެ. 18 މާރިޗުއިން ފެށިގެން ޖޫން 4 އާ ހަމައަށް އޭނާގެ މުއްސަނދިކަން ވަނީ 36.2 ބިލިއަން ޑޮަލަރު އިތުރުވެފައެވެ.

ދެން މިގޮތަށް ފާހަގަކޮށްލެވޭ އަނެއް މަހުޖަނަކީ ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒުކަބާގްއެވެ. މި މުއްދަތުގައި އޭނާގެ މުއްސަނދިކަން 30.1 ބިލިއަން ޑޮލަރު އިތުރުވެފައި ވެއެވެ.

މީގެ އިތުރުން ޓެސްލާގެ ސީއީއޯ އެލޯން މަސްކް، ގޫގްލްގެ ބާނީންކަމުގައިވާ ސަރްގޭ ބްރިން އާއި، ލެރީ ޕޭޖް އަދި މައިކްރޯސޮފްޓްގެ ސީއީއޯ ސްޓީވް ބޯލްމަރގެ މުއްސަނދިކަން ވަނީ 13 ބިލިއަން ޑަޮލަރު އިތުރުވެފައެވެ.

"އެތައް ބިލިއަން ބައެއް ހާލުގައި ޖެހި ދަތިކަން ތަހައްމަލްކުރަމުން ދާއިރު، ބިލިއަނަރުންގެ މުއްސަނދިކަން މައްޗަށް ދިއުމަކީ ކުރިއަށް އޮތް ތަނުގައި އަހަރުމެން މިކަމުން އަރައިގަތުމަށް އޮންނަން ޖެހޭ އެއްބައިވަންތަކަމަށް ހުރަސް އެޅޭ ކަމެކެެވެ." ރިޕޯޓު ލިއުއްވި އެއް ބޭފުޅަކު ކަމުގައިވާ ޗަކް ކޮލިންސް ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.