އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކޮންމެ ކައުންސިލަކަށް އަހަރަކު އެއް މިލިޔަން ރުފިޔާ ކަނޑައަޅުމަށް ލަފާދެނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ތިން އަހަރުވަންދެން އަހަރަކު ކޮންމެ ކައުންސިލަކަށް އެއް މިލިޔަން ރުފިޔާ ކަނޑައަޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ސަރުކާރަށް ލަފާ ދެއްވުމަށް ނިންމައިފިއެވެ. އެކޮމެޓީން މިގޮތަށް ލަފާދެއްވުމަށް ނިންމެވީ ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ތަޢާރުފްކުރުމުގެ ގޮތުންނެވެ.

ކޮވިޑާގުޅިގެން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި،ތިމާވައްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސަރުކާރުން ހިންގާ ކަންކަން ހިންގާނެ އުސޫލު ތަކެއްގެ ލަފާ ސަރުކާރަށް ދިނުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކަލައިމެޓް ޗޭންޖް ކޮމެޓީން ވަނީ ނިންމަވައިފައެވެ  މިގޮތުން އެކޮމެޓީން ވަނީ 25 ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ.

ރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުންތެރިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތައް ހަލުއިކޮށް، އިއާދަކުރަނިވި ހަކަތައަށް މިވަގުތު އިސްކަންދިނުމުގެ ގޮތުން، ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރެއިން އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެން ހުރި މަޝްރޫޢުތައް ބަދަލުކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް، ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. އިއާދަކުރަނިވި ހަކަތަ އުފައްދައި އެއިން ވިޔަފާރި ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެފުރުސަތު މިހާރުން މިހާރަށް ހުޅުވާލުން ވެސް ހުށަހެޅުން ތަކުގެ ތެރޭގައި ހިމެނެއެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލާ، އެ މަޝްރޫޢުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ބަޖެޓްކުރުން ވެސް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޗް ކޮމެޓީން ސަރުކާރަށް ދެއްވުމަށް ނިންމެވި ލަފާގެ ތެރޭގައި ހިމެނެއެވެ. ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެކަން ޔަޤީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް ހުށަހަޅައިފައި ވެއެވެ. ޔުޓިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ޚަރަދުކުޑަކުރުމާއި ކަރަންޓް ބިލުތައް ކުޑަކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށްޓަކައި ފެނަކައާއި ސްޓެލްކޯގެ ހިންގުމުގެ ނިޒާމު މޮނިޓަރކުރުން ވެސް ހުށަހެޅުން ތަކުގައި ވެއެވެ.

މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ވެސް މުހިންމު ހުށަހެޅުންތަކެއް ކޮމެޓީގައި ލަފާގައި ހިމެނެއެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ހުށަހަޅައިފައިވާ މުހިންމު ހުށަހެޅުންތަކުގެތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަކުރުންހިމެނެއެވެ. ރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުން ވެސް ހިމެނެއެވެ. މީގެއިތުރުން ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑްން" ހެއްދުމަށް ޤަވާއިދުގައި ހިމެނުމާއި.ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގަނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުންވެސް ހިމެނެއެވެ. ވަރުވާއަށް ދޫކޮށްފައިވާ ރައްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އަޅާ އެފަރާތްތަކަށް އެކަމުގައި އެހީތެރިވުމާއި .ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުން ކޮމެޓީގެ ހުށަހެޅުން ތަކުގައި ވެއެވެ.

ރައްރަށުގައި ސަރުކާރުގެ ޢިމާރާތްތަކުގައި ބަހައްޓާފައިހުރި ވާރޭފެން ނަގާ ތާނގީތަކުގެ ޙާލަތު ދެނެގަނެ، ފެން ނަގާ ރައްކާކުރެވޭނެ ޙާލަތަކަށް އެތަކެތި އަވަހަށް ގެނައުމަށްވެސް ވަނީ ހުށަހަޅައިފައެވެ. ދުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާ، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ޙަވާލުކުރުންމަށް ވެސް ވަނީ ހުށަހަޅައިފައެވެ. ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިސްރާފް ނުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި، ޔުޓިލިޓީ ކުންފުނިތަކުން ހިންގުން ވެސް  އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ހުށަހެޅުންތަކުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.