ޝާފިޔާގެ އެދުރުއަށި: ކޮވިޑް-19ގެ ހާލަތާއެކު އޮންލައިންކޮށް ކިޔަވާދިނުމުގައި ފައިހަމަކުރަމާ!

2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް-19 އަށް މީހަކު ފައްސިވި ވާހަކައާ އެކު މުޅި ދުނިޔެއަށް ހާސްކަން ފެތުރެން ފެށިއެވެ. މި ބަލީގެ ވައިރަސް އެ ގައުމުގެ އާންމުންގެ ތެރެއަށް ފެތުރެން ފެށީ ދުނިޔެއަށް އުފަންވި މިފަދަ އެހެން ހުރިހާ ވައިރަސްތަކަށް ވުރެ ބާރު މިނެއްގައެވެ. މިއާއެކު، މި ބަލީގެ ނުރައްކާތެރިކަން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އޮތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިޢުލާންކުރެއްވިއެވެ. ކޮވިޑް-19 އުފަން ކުރި އެންމެ ބޮޑު ހަގީގަތަކީ ގައިދުރުކަން އިޚްތިޔާރުކޮށްގެން ނޫނީ މިބަލިން އަވަސް ރައްކާތެރިކަމެއް ލިބެން ނެތް ކަމެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އިޢުލާން ކުރެއްވި ޞިއްހީ ނުރައްކަލުގެ ހާލަތާ އެކު އުނގެނުމާއި އުނގަންނާދިނުމުގެ ހުރިހާ މަސައްކަތްތައް ގޭތެރެއަށް ބަދަލުވީ އެކަމަށް އެއްވެސް މުދައްރިސަކު، ބެލެނިވެރިއަކު އަދި ދަރިވަރަކު ވެސް ޚިޔާލުނުކޮށް ތިއްބައެވެ. މަދަރުސާތައް އޮތީ މިފަދަ ކަމަކަށް ތައްޔާރަކަށް ނޫނެވެ. ގޭތެރެ އޮތީ އެފަދަ އުގެނުމުގެ މާހައުލަކަށް ފަހިވާ ފަދަ ގޮތަކަށެއް ނޫނެވެ. މުދައްރިސުން ތިބީ އޮންލައިންކޮށް ކިޔަވައިދިނުމަށް ތަމުރީނު ކުރެވިފައެއް ވެސް ނޫނެވެ. ދަރިވަރުން ތިބީ މިފަދަ ޚިޔާލު ކުރެވޭ ވިސްނުމެއްގައެއް ވެސް ނޫނެވެ. މީގެ އިތުރުން މިފަދަ ހާލަތަކަށް ބޭނުންވާނެ ރަނގަޅު އިންފްރާސްޓްރަކްޗަރއެއް ގައުމުގައި ބިނާކުރެވިފައެއް ނުވެއެވެ. އިންޓަރނެޓް ލިބުނު ނަމަވެސް ސްޕީޑް ދަށެވެ. ކޮމްޕިޔުޓަރ/ލެޕްޓޮޕް ފަދަ ތަކެއްޗަކީ ހުރިހާ ދަރިވަރުންނަށް އާންމު އެއްޗެއްސަކަށް ނުވެއެވެ. އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ހުރި ގޮންޖެހުންތައް  ބައިވަރެވެ. ނަމަވެސް މިއަދުގެ ހާލަތު، އަޅުގަނޑުމެންނަށް އޮންލައިންކޮށް ކިޔަވައިދޭން މަޖުބޫރުކޮށްފިއެވެ. އެހެންކަމުން މި މަޖުބޫރީ ހާލަތުގައި، އޮންލައިންކޮށް ކިޔަވައިދޭއިރު ސަމާލުކަން ދޭންވީ ދެތިން ނުކުތާއަކާ ބެހޭގޮތުން މިއަދުގެ ކޮލަމުގައި އިޝާރާތް ކޮށްލުމަކީ ގިނަ ބަޔަކަށް ފައިދާކުރަނިވި ކަމަކަށް ވާނެ ކަމަށް ދެކެވެ.

އޮންލައިންކޮށް ކިޔަވައިދިނުމުގެ ފެށުން

އޮންލައިންކޮށް ކިޔަވައިދިނުމަކީ ދުނިޔޭގެ ތަޢުލީމީ ނިޒާމަށް އާކަމެއް ނޫނެވެ. 1960 ގެ އަހަރުތަކުގެ ކުރީކޮޅުގައި ވެސް އިންޓްރާނެޓް މެދުވެރިކޮށް އޮންލައިންކޮށް އެމެރިކާގެ އިލިނޮއިސް ޔުނިވަރސިޓީގައި ކިޔަވައިދީފައިވާ ކަން ހާމަވެއެވެ. ނަމަވެސް، އިންޓަރނެޓް ދުނިޔެއަށް ތަޢާރަފުވުމާ އެކު އޮންލައިންކޮށް ކިޔަވައިދިނުމުގެ މަސައްކަތަށް ފާހަގަކޮށްލެވޭ ފަދަ އިންގިލާބެއް އަތުވެއްޖެއެވެ (ބޮންކް، 2009). ކާރޓިސް ބޮންކް، އޭނާގެ މަޝްހޫރު ފޮތްކަމަށްވާ 'ދަ ވަރލްޑް އިޒް އޯޕެން'، (ދުނިޔެ ވަނީ ހުޅުވިފައެވެ)، މި ފޮތުގައި ހާމަ ކުރައްވަނީ ދުނިޔެއަށް އިންޓަރނެޓް އުފަންވުމަކީ ތަޢުލީމީ ނިޒާމު ބަދަލުކޮށްލި އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އޭގެ ސަބަބުން ކިޔަވައިދިނުމުގެ ނިޒާމުތަކުގެ އިންތައް ވަކިކުރެވި، ރޭނިފައިވާ ބޮޑެތި އުސް ފާރުތަކާއި ބިޔަ ފުރާޅުތައް ނައްތާލައި މުޅި ދުނިޔެ މަޢުލޫމާތުގެ އެއް ޖަގަހައަކަށް ނުވަތަ އެއް ޚަޒާނާއަކަށް ހެދިއެވެ. އަދި މީގެ އިތުރުން، ގިނަ މީހުންނަށް އެއްފަހަރާ މަޢުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް އިންޓަރނެޓްގެ ސަބަބުން އުފަންވިއެވެ. 1990 ގެ އަހަރުތަކުގައި WWW (ވާރލްޑް ވައިޑް ވެބް) ތަޢާރަފުވެ، 'މަޢުލޫމާތު އިގިލި ކުރިޔާ ހިސާބަށް ފަހިކޮށްދިނީ ވެސް އިންޓަރނެޓްގެ ޒަރީޢާއިންނެވެ. މިއާއެކު އޮންލައިންކޮށް ކިޔަވައިދިނުން ދުނިޔެއަށް އާންމުވެ، ކިޔަވައިދިނުމުގެ ނިޒާމަށާއި އަދި އެހެން ދާއިރާތަކަށް ވެސް ތަފާތު ވަސީލަތްތަކާއި، ޓޫލްސްތަކާއި، އެޕްލިކޭޝަންތައް ތަޢާރަފުވަމުން އައީ ހަލުވި ދުވެއްޔެއްގައެވެ.

އޮންލައިންކޮށް އުނގެނުމުގެ ފުރުޞަތުތައް ދުނިޔޭގައި އެންމެ ބޮޑަށް ހުޅުވިގެންދިޔައީ 2012 ވަނަ އަހަރުގެ ކުރީކޮޅު އުފަންވެގެން ދިޔަ Massive Open Online  Courses(MOOC) މޫކް ސިސްޓަމްގެ ތެރެއިންނެވެ. އެދުވަސްވަރު ދުނިޔޭގެ ގިނަ ޔުނިވަރސިޓީތަކުގައި ތަފާތު ގިނަ ވައްތަރުތަކެއްގެ އޮންލައިން ކޯސްތައް ފެށުނެވެ. މިފަދަ ކޯސްތަކުގައި ބައިވެރިވެ ކިޔަވާ ދަރިވަރުން ދުނިޔޭގެ ކަންކޮޅުތަކުގައި، މިލިޔަނުން ގުނެމުންދެއެވެ. ބައެއް ކޯސްތަކަކީ ލާރި ދައްކައިގެން ބައިވެރިވެވޭ ކޯސްތަކެކެވެ. އަނެއް ބައިކޯސްތައް ހިލޭ ވެސް ހެދެއެވެ. ޔުނިވަރސިޓީތަކުގައި މިފަދަ ކޯސްތައް އާންމުކޮށް ހުޅުވާލެވިފައި ވީ ނަމަވެސް، މަދަރުސީ ނިޒާމުގައި އޮންލައިންކޮށް ކިޔަވައިދިނުމަކީ ގިނަ ގައުމުތަކުގައި މާ އާންމު ކަމެއް ނޫނެވެ.

ކޮވިޑް-19 އާއެކު މަދަރުސީ ނިޒާމުގައި އޮންލައިންކޮށް ކިޔަވައިދިނުން

ކޮވިޑް-19ގެ މި ނުރައްކާތެރި ދުވަސްވަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ މަދަރުސާތަކުގެ ކިޔެވުން ރޭވެމުން ދަނީ އޮންލައިންކޮށެވެ. ޔުނިސެފް، United Nations International Children's Emergency Fund ގެ ވެބްސައިޓްގައި ހާމަކުރައްވާފައިވާ ގޮތުގައި ދުނިޔޭގެ 1.6 ބިލިއަން ވުރެ ގިނަ ކުދިން ކޮވިޑް-19ގެ ސަބަބުން ގޭތެރޭގައި ބަންދުވެ މަދަރުސާއަށް ނުދެވި އެބަ ތިއްބެވެ. ގިނަ ގައުމުތަކެއްގައި ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ ތަޢުލީމަށް ނުހަނު ބޮޑެތި އަސަރުތައް ކުރަމުން ދާކަން ޔުނިސެފުން ހާމަކުރައްވައެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ކަންކަމަކީ އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ފަހިވެފައި ނެތުމާއި، އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން ފަރިތަވެފައި ނުވުމާއި، އާންމު ދިރިއުޅުމުގައި ވެސް ޖާގައިގެ ދަތިކަން ހުރުމެވެ. މި ކަންކަމަކީ އޮންލައިންކޮށް ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށް ހުރި ހުރަސްތަކެވެ. މި ދެންނެވުނު ހުރިހާ ކަމެއް، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ވެސް މިދަނީ ތަހައްމަލު ކުރަމުނެވެ.

އޮންލައިންކޮށް ކިޔަވައިދިނުން

ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާގެ އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުން ކުރާ މައިގަޑު ކޮންސެޕްޓަކީ އޮންލައިން ޕެޑަގޮޖީ ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމާއި ބެހޭ ޢިލްމެވެ. ބިލް ޕްލްޒް (2010) ހާމަކުރައްވާ ގޮތުގައި، އޮންލައިންކޮށް ކިޔަވައިދިނުމުގައި އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހެނީ ދަރިވަރުގެ ފުރިހަމަ ބައިވެރިވުން އުނގެނުމުގައި ހިމެނުމަށެވެ. އެންމެ މުހިންމު ކަމަކީ އެ ބައިވެރިވުން ފަހިވާނެ ގޮތަށް ފަސޭހަކަމާ އެކު ދަރިވަރާއި މުވާސަލާތުކުރެވޭނެ ގޮތެއް ގާއިމުކޮށް، ދަރިވަރުގެ އަޑު ނުވަތަ އޭނާގެ އިހުސާސްތަކާއި ބޭނުންތަކަށް ރިޢާޔަތްކުރެވޭ ފަދަ ގޮތަކަށް އޮންލައިންކޮށް ކިޔަވައިދޭ މާހައުލެއްގައި އުނގެނުން ފަރުމާ ކުރުމެވެ.  މިފަދަ އެހެން ޚިޔާލެއް ހުށަހަޅުއްވާފައިވާ ޢިލުމުވެރިޔަކު ކަމަށްވާ، ސްޓީވެން މިޔާރސް (2008) ދެކެވަޑައިގަންނަވަނީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ބަލަން ޖެހޭ އެންމެ މުހިންމު ކަންކަން ހިމެނެނީ 'ޓްރާންސްފޯމެޓިވް ޕެޑަގޮޖީ' ގެ އުކުޅުތަކުގައި ކަމެވެ. މި މަފުހޫމު ތަފުސީލު ކުރަމުން އޭނާ ހާމަކުރައްވަނީ ދަރިވަރުގެ ބައިވެރިވުން، ވާހަކަ ދެއްކުން، އަމިއްލަ ހުނަރުތައް ކުރިއެރުވުން، އަމިއްލަ ވިސްނުންތަކަށް ޖާގަ ލިބުން، ދަރިވަރުގެ ގަބޫލުކުރުންތަކާއި ޚިޔާލުތައް ހިއްސާ ކުރުމަށް ފުރުޞަތު ލިބުން، އަދި ދަރިވަރުންގެ ބައިވެރިވުން އިތުރުވާނެ ހުރިހާ ފުރުޞަތުތަކެއް ފަހިވާނެ ފަދަ ގޮތްތަކާއި އުކުޅުތައް ހިމަނިގެން ކިޔަވައިދިނުމަކީ އެއީ ޓްރާންސްފޮމެޓިވް ޕެޑަގޮޖީ ކަމެވެ. މިއީ އުނގެނުމުގެ މާހައުލުގައި އެންމެ ބޮޑު ހިއްސާ އޮންނަ ފަރާތަކީ ދަރިވަރު ކަމުގައި ހަދައިގެން ކިޔަވައިދޭ ދިނުމެވެ. މިހުރިހާ ވާހަކައެއްގެ ތެރެއިން ކުރުކޮށް ދަންނަވާނަމަ އެއީ ކިޔަވައިދިނުމުގައި ބޭނުންކުރާ ހުރިހާ ގޮތްތަކާއި އުކުޅުތައް އުނގެނޭ ފަރާތަށް އަމާޒުކޮށްގެން ކިޔަވައިދިނުން ރޭވުމެވެ. މިކަމުގައ މުދައްރިސުން ހުނަރު ވެރިވާނެ ގޮތްތައް ކަމުގައި ސްޓީވަން ފާހަގަ ކުރައްވަނީ ކިޔަވައިދިނުމުގެ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް ދާގޮތް ދިރާސީ މަސައްކަތެއް ގޮތުގައި ކުރަމުން ދިޔުމެވެ. ދިމާވާ ތަފާތު ގޮންޖެހުންތަކުން އަރައި ގަނެވިދާނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމެވެ. މިގޮތަށް ކިޔަވައިދިނުން ފަރުމާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މިކޮލަމުގައި ކުރިން ލިޔެފައިވާ ރިފްލެކްޓިވް ޓީޗިން  މިމައުޟޫޢުގައި އަލި އަޅުވާލެވިފައިވާނެ ވާހަކަ ކިޔުންތެރިންގެ ސަމާލުކަމަށް ޓަކައި ދަންނަވާލަމެވެ.  އޮންލައިންކޮށް ކިޔަވައިދިނުމާއި ބެހޭގޮތުން ވާހަކަ ދައްކަވާ މަޝްހޫރު ބޭފުޅުންތެރޭގައި ހިމެނޭ އެއްފަރާތަކީ، މިދާއިރާގައި ވަރަށް ގިނަ ލިޔުންތަކާއި ވާހަކަ ފުޅުތައް ތަފާތު ފޯރަމުތަކުގައި ހުށަހަޅުއްވާފައިވާ ފަރާތެއް ކަމަށްވާ އާނަންތު އަގަރުވާލެވެ. 2013 ވަނަ އަހަރު  ޓެޑް ޓޯލްކްގައި އާނަންތު އަގަރުވާލު ދެއްވި ތަގުރީރުގައި ވިދާޅުވަނީ، "އޮންލައިންކޮށް ކިޔަވައިދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ދަރިވަރުންނާއި ރަގަޅަށް މުވާޞަލާތު ކުރުމާއި އެކުދިން އުނގެނުމުގައި ބައިވެރި ކުރުމަށެވެ". ޚާއްޞަކޮށް މިވާހަކަ ކޮޅު ތަފުސީލު ކުރައްވަމުން އާނަންތުގެ އަަަަަގަރުވާލު ބާރު އަޅުއްވާފައިވާ 5 ނުކުތާއެއް މިތާގައި ހިމަނާލާނަމެވެ.

  • އެކްޓިވް ލާރނިން، މާނައަކީ، ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ލިބޭފަދަ އުގެނުމުގެ ބަދަހި ގޮތްތައް ހިމެނުން.
  • ދަރިވަރުންގެ ކުރަން ޖެހޭ މަސައްކަތްތައް އެކުއްޖަކަށް ވާވަރުން ފުރިހަމަ ކުރުމުގެ ޖާގައާއި ވަގުތު ދިނުން އެކި ކުދިން މަސައްކަތް ކުރުމަށް ހޭދަވާ ވަގުތާއި ގޮތްތަފާތު ވުމަކީ އޮންލައިންކޮށް ކިޔަވައިދޭއިރު ރިޢާޔަތް ކުރަން ޖެހޭ ކަންކަމެވެ. މީގެ މާނައަކީ، މަސައްކަތް ދޭއިރު ދަރިވަރުންނަށް ފްލެކްސިބިލިޓީ ދީ މަސައްކަތް ނިންމުމަށް ބޮޑަށް ބާރު އެޅުމެވެ.
  • ވަގުތުން ފީޑްބެކްދެވޭ ފަދަ ގޮތްތައް ގާއިމު ވެފައި ހުންނަ ގޮތަށް މަސައްކަތް ރޭވުން. މީގެ މިސާލަކީ، ދަރިވަރުންނަށް ހަވާލު ކުރެވޭ މަސައްކަތްތައް ރާވާއިރު، އެ މަސައްކަތް ނިމުމުން އެހެދުނީ ރަގަޅަށްތޯ ނުވަތަ ނޫންތޯ ވަގުތުން ޗެކްކޮށް ބަލާލެވޭ ފަދަ ގޮތްތައް ހިމެނުމެވެ. ވަރަށް ގިނަ ފަހަރަށް އޮންލައިންކޮށް ކިޔަވައިދޭއިރު، ގިނަ ޢަދަދެއްގެ ދަރިވަރުން އެކުދިންގެ މަސައްކަތްތައް ހުށަހަޅާނީ އެއްވަގުތެއްގައެވެ. ވަގުތުން ވަގުތަށް ވަކި ވަކި ދަރިވަރުންނަށް ފީޑްބެކް ދިނުމަކީ ދަތިކަމަކަށް މުދައްރިސަށް ވާނެއެވެ. އެހެން ކަމުން ކުއިޒް އަދި އެހެންވެސް ތަފާތު މަސައްކަތްތައް ހަދާ ނިމުމުން އެއާއި ގުޅޭ ފީޑްބެކްތައް މަަސައްކަތާ އެކު ލެވިފައި ހުރުމަކީ ރަގަޅު ކަމެކެވެ.
  • ގެމިފިކޭޝަން: މިކޮންސެޕްޓަކީ، ދަރިވަރުންގެ އުގެނުމާއި ގުޅޭ ތަފާތު މަސައްކަތްތައް ބައިވެރިވުމާއި ޝައުގު އިތުރުވާ ފަދަ ގޭމްސް ނުވަތަ ޕޮއިންޓްސް ލިބޭފަދަ ގޮތްތައް ހިމެނޭނެހެން ރޭވުމެވެ. އޭގެ ސަބަބުން މަސައްކަތް ނިންމުމުގެ ރޫހު އިތުރުވެ ގޭމެއް ނުވަތަ ކުޅިވަރެއްގެ ތެރެއިން މަސައްކަތް ފުރިހަމަ ކުރުމުގެ ޝައުގު މާބޮޑަށް ވެސް އިތުރުވެގެންދާނެ ކަމަށް އާނަންތު އަގަރުވާލު އިޝާރާތް ކުރައްވައެވެ.
  • އެންމެ ފަހު ނުކުތާއަކަށް އާނަންތު ފާހަގަ ކުރައްވަނީ، އެހެން ކުދިންނާއި ބައިވެރިވެގެން އުގެނުން ގެންދެވޭ ގޮތަށް ރޭވުމަށެވެ. މިއީ ވެސް އޮންލައިންކޮށް ކިޔަވައިދޭއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ސަބަބަކީ، ގިނަ ކިޔުންތަކާއި މަސައްކަތްތަކަކީ ކޮމްޕިޔުޓަރ ސިސްޓަމެއްގެ ކައިރީގައި އިންދެ ކުރާ ކަންކަމަށް ވާތީ އެކަމުގައި އިޖުތިމާޢީބައި ވަރަށް ބޮޑަށް ހަނިވެގެންދިއުމެވެ. މިކަމުގެ ސަބަބުން ދަރިވަރުން އުގެނުމުގެ މާހައުލުގައި އެކަނިވެރި ވުމާއި، ފޫހިކަން އިހުސާސް ވުމަކީ ވަރަށް ގިނައިން ވާކަމެކެވެ. އޮންލައިންކޮށް އުގެނޭއިރު އެއްކޮށް ކިޔަވައި ދަރިވަރުންނާ އެކު ގުޅުން ގާއިމުކޮށް، އެކަކު އަނެކަކު ބައިވެރިވެގެން ކުރެވޭނެ މަސައްކަތް ދިނުން އެއީ ވަރަށް މުހިއްމު ކަމެކެވެ.

މި ފަސް ނުކުތާއަށް އިޝާރާތް ކުރައްވާ އާނަންތުގެ ވާހަކަ ކޮޅު ނިންމާލައްވަނީ އުނގެނުމަކީ ކޮންމެހެން ފިޒިކަލް ކުލާސްރޫމާއި ގުޅިފައިވާ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އެއާޚިލާފަށް، އުނގެނުން އެންމެ ބޮޑަށް ގުޅިގެން ދަނީ އެކަން ރާވާ ގޮތާއި، އުނގެނުމުގެ މާހައުލުގައި ދަރިވަރަށް ދެވޭ ފުރުޞަތުތަކާއި، ދަރިވަރާ އެކު ގާއިމު ކުރެވޭ ގުޅުންތަކާއި، ދަރިވަރަށް ބޭނުންވާ ކަންކަމަށް ރިޢާޔަތް ކުރެވޭ ގޮތްތަކުގެ ތެރެއިން ކަމެވެ. ވިސްނާލުން މުހިއްމު ނުކުތާއަކީ، މިއީ ފިޒިކަލް ނުވަތަ އާންމު ކުލާސްރޫމެއްގައި ވެސް އެންމެ ބޮޑަށް މުދައްރިސުން ސަމާލުވާން ޖެހޭ ކަންކަމުގައެވެ. ހަމައެކަނި ތަފާތު ވަނީ އުނގެނުން ރޭވޭ ގޮތެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ކިޔަވައިދޭއިރު ކުލާހެއްގެ ތެރޭގައި އުޅޭގޮތް، ބޭނުން ކުރާ ތަކެތި ތަފާތު ވި ނަމަވެސް އޮންލައިންކޮށް ކިޔަވައިދޭއިރު ވެސް މައިގަޑު ކިޔަވައިދިނުމުގެ އުސޫލުތަކާއި ސަމާލުވާންޖެހޭ ކަންކަމަށް ތަފާތު ނާންނަ ވާހަކައެވެ.

އޮންލައިންކޮށް ކިޔަވައިދޭއިރު ދިމާވެދާނެ ބައެއް ގޮންޖެހުންތައް

އޮންލައިންކޮށް ކިޔަވައިދޭއިރު، ކުލާސްރޫމުގެ މާހައުލާއި، ބޭނުންކުރާ ޓޫލްސް ނުވަތަ ޓެކްނޮލޮޖީގެ ސަބަބުން ދިމާވާ ހުރަސްތަކެއް ހުރެދާނެއެވެ. އަދި އޭގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި ކިޔަވައިދިނުން ރާވަން ދަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާ ކުރައްވާ ބޭފުޅުން ކަމުގައިވާ މިޝްރާ އަދި ކޮހްލާރ 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހައްދަވާފައި އެތައް ދިރާސާއެއްގައި ތަކުރާރުކޮށް ފާހަގަ ކުރައްވާފައިވާ އެއް ކަމަކީ ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރަން މުދައްރިސުން ބައެއް ފަހަރު ފަސްޖެހޭކަމެވެ. މީގެ ސަބަބެއް ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ގާބިލުކަން ނެތްކަމުގެ އިހުސާސާއި އަދި އެތަކެއްޗަށް އަހުލުވެރިވެފައިވާ މިންވަރު ދަށްކަމުގެ އިހުސާސް ކުރެވުމެވެ. ބައެއް ދިރާސާތަކުގައި ދަރިވަރުން ޓެކްނޮލޮޖީއަށް ފަރިތަ މިންވަރަށް  މުދައްރިސުން ފަރިތަ ނޫންކަން އިހުސާސް ކުރެވޭކަން ވެސް ހާމަކުރައްވާފައިވެއެވެ. ކިތަންމެ ހުނަރުވެރި ތަޖުރިބާ ހުރި މުދައްރިސަކަށް ވިޔަސް، އޮންލައިންކޮށް ކިޔަވައިދޭއިރު، އިސްވެ ދެންނެވުނު ކަންކަމުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިޝްރާގެ ޓީމުން ހައްދަވާފައިވާ އެހެނިހެން ދިރާސާތަކަށް ނަޒަރުހިންގައިލުމުން ފާހަގަ ކުރެވެނީ، ކިޔަވައިދޭ މާހައުލެއްގެ އިންފުރާސްޓްރަކްޗާރގެ ސަބަބުން ވެސް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާ ކަމެވެ.  މިކޮލަމުގެ ލިޔުންތެރިޔާ، އަޅުގަނޑު ލިޔެފައިވާ ތަފާތު ދިރާސާ ކަރުދާސްތަކުގައި ވެސް މިކަންކަމަށް އިޝާރާތް ކޮށްފައިވާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ތަފާތު ދިރާސާތަކުން ހާމަވާ ގޮތުގައި ކިޔަވައިދޭ މާހައުލުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމަށް އުދަގޫތައް ކުރިމަތިވާނަމަ މުދައްރިސުން އެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވެއެވެ (އާދަމް، 2015).  އިސްވެ ބަޔާންވެ ދިޔަ ހުރިހާ ކަމަކީ ވެސް އޮންލައިންކޮށް ކިޔަވައިދޭއިރު މުދައްރިސުންނަށް ދަތިތައް ކުރިމަތި ކުރުވާފާނެ ކަންކަމެވެ. އަދި ޚާއްޞަކޮށް އަޅުގަޑުމެން ފަދަ ވަސީލަތްތައް މަދު ކުޑަ ގައުމެއްގައި މިފަދަ ކަންކަން ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ. ނަމަވެސް ފާހަގަ ކޮށްލުން މުހިއްމު އެއް ނުކުތާއަކީ، މިފަދަ ވަސީލަތްތައް ގިނަގިނައިން ބޭނުންކުރި ވަރަކަށް މުދައްރިސުންގެ ކިބައިގައި ޝައުގުވެރިކަން އިތުރުވެ، ހުނަރުވެރިކަމާއި ގާބިލުކަން ތަރައްގީ ވާނެ ކަމެވެ. ވީމާ، މިހާރު މިއޮތް ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވޭއިރު، އޮންލައިންކޮށް ކިޔަވައިދިނުމާއި، އަދި ތަފާތު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް، އަޅުގަޑުމެންގެ މުދައްރިސުން  ތިބޭނީ ވަރަށް ފަރިތަވެ ފައްކާވެފައެވެ. މިއީ ހާލަތާ އެކު ލިބޭ ފައިދާއެކޭ ވެސް ދެންނެވިދާނެއެވެ.

އޮންލައިން ކޮށް ކިޔަވައިދޭއިރު ސާމާލުވެލުން މުހިއްމު ދެތިން ކަމެއް

  • ކިޔަވައިދިނުން ސިމްޕަލްކޮށް ފަސޭހައިން ބައިވެރިވެވޭފަދަ ގޮތްތަކަށް ބަލައިގެން ރޭވުން: ދަރިވަރުންނަށް އޮންލައިންކޮށް ކުލާސް ރޭވޭނެ ފަސޭހަ ގޮތެއް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އޮންލައިންކޮށް އުގެނުމަށް އެހީތެރިވެދިނުމުގައި ބޭނުންކުރެވޭ ތަފާތު ޕްލެޓްފޯމުތައް ހުރެއެވެ. މިސާލަކަށް ދިވެހިރާއްޖޭގައި މިހާރު އެންމެ އާންމުކޮށް ބޭނުން ކުރަމުންދާ އެއް ޕްލެޓްފޯމަކީ ގޫގްލް ކުލާސްރޫމެވެ. މިއީ އޮންލައިންކޮށް ކިޔަވައިދިނުން ރޭވުމަށް ވަރަށް އެކަށޭނަ ޖަގަހައެކެވެ. މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން އެއް ޖަގަހައެއްގައި ފަސޭހަކާމާ އެކު މުވާޞަލާތު ކުރެވޭތީއާއި ދަރިވަރުގެ މަސައްކަތްތައް ބަލައި ހެދޭތީ، ގޫގްލް ކްލާސްރޫމަކީ މަދަރުސީ ތަޢުލީމަށް ނުހަނު ބޭނުންތެރި ވަސީލަތެއް ވެސް މެއެވެ. މިގޮތުން، ގޫގްލް ކުލާސްރޫމާ އެކު ދަރިވަރުންގެ އުގެނުމަށް އިތުރަށް އެހީތެރިވެދިނުމަށް ބޭނުންކުރެވިދާނެ އެހެނިހެން ވަސީލަތްތައް ވެސް ހޯދާ ބެލުމަކީ މުދައްރިސުންގެ އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރެވޭނެ ކަމެކެވެ. މިސާލަކަށް، ތަފާތު ބާވަތްތަކުގެ އޮންލައިން ބޯޑްތަކާއި، ކުއިޒު ވެބްސައިޓްތަކާއި، ބްރެއިން ސްޓޯރމަށް ބޭނުން ކުރެވޭ ތަފާތު ވަސީލަތްތައް ހޯދައި ބަލައި ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިކަމަށް އެހީތެރިވެދޭ މުހިއްމު ލިންކެއް މިލިޔުންކޮޅުގައި ސުރުޚީ އާއެކު ދެވިފައިވާނެއެވެ. އެ ވެބްސައިޓަށް ޒިޔާރަތްކުރައްވައިގެން، އެކި އުމުރުފުރައިގެ ކުދިންނާ ގުޅޭ، އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ ތަފާތު ވަސީލަތްތައް ބައްލަވާލައްވާށެވެ. މުދައްރިސުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ 321 ވަސީލަތް  މިލިންކްގައި ވެއެވެ. މިއީ އެއްވެސް އަގަކާއި ނުލާ މުދައްރިސުންނަށް ފަސޭހަކަމާ އެކު އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެކެވެ. 
  • އޮންލައިންކޮށް ކިޔަވައިދިނުމަކީ، ކިޔަވައިދޭން ހޭދަވާ ވަގުތަށް ވުރެ ކިޔަވައިދިނުމަށް ތައްޔާރު ވުމަށް މާގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށް މިކަމުގެ މާހިރުން އެއްބަސް ވެލައްވައެވެ. އެހެންކަމުން، އުނގެނުމުގެ މަޤުޞަދުތަކާއގުޅޭ ރަނގަޅު އެސައިންމަންޓްތަކާއި މަސައްކަތްތައް ރޭވުމަށް ގިނަވަގުތު ދިޔަ ނަމަވެސް އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުން ހިމެނެއެވެ.
  • އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތް ބޭނުންކޮށްގެން އޮންލައިންކޮށް ކިޔަވައިދިނުން ރޭވުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވެނީ ތަފާތު ރިސޯސްތައް ދިނުމާއި، ތަފާތު ބާވަތްތަކުގެ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ފުރުޞަތުތައް ފަހިކުރުމެވެ. މިގޮތުން ކުރެވިދާނެ ކަންކަމަކީ:
  • އިންޓަރަކްޓިވް/ދޭދޭވާހަކަ ބަދަލު ކުރެވޭފަދަ މަސައްކަތްތައް ދިނުން
  • ކިޔަވައިދޭން ކަނޑައެޅިފައިވާ ގަޑިތަކަށް ރަނގަޅު ޕްލޭން ހެދުން
  • ކުދިންނާއި ވާހަކަ ދައްކާނެ ވަގުތު ހަމަޖެއްސުން
  • ދަރިވަރުން މަސައްކަތް ކުރަމުންދާއިރު ފީޑްބެކް ދިނުން
  • ދަރިވަރުން އުގެނުމުގައި ފުރިހަމައަށް ބައިވެރިވަމުންދާކަން ޔަގީން ކުރުން
  • ހުރިހާ ދަރިވަރުންނަށް ވެސް ސަމާލުކަން ދިނުން
  • ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް/ގޮތެއް ހަމަޖެއްސުން
  • ދަރިވަރުންގެ ހާލަތަށް ރިޢާޔަތްކޮށް އުގެނުމަށް ބޭނުންވާ ވަސީލަތް ނެތުމުން ކުރެވިދާނެ ކަންކަން ރޭވުން
  • އަމިއްލައަށް އުނގެނުމުގެ ހުނަރުތަކަށް ދަރިވަރުން ހޭނުވުން މިއީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ސަމާލުކަން ދޭން ޖެހޭ މުހިއްމު ކަމެކެވެ. ސަބަބަކީ، އާންމު ކުލާސްރޫމެއްގައި ތަކުރާރުކޮށް މުދައްރިސް ބަލާ އޮބްޒާރވް ކުރެވޭ މިންވަރަށް ވުރެ އޮންލައިންކޮށް ކުލާސް ރޭވޭ އިރު މަދުވުމެވެ. ނަމަވެސް ކުއްޖާގެ އުގެނުން ދަނީ ކިހިނެއްތޯ، ކުރިއަރާތޯ، ބަދަލުގެންނަން ޖެހޭ ކަންކަމަކީ ކޮބައިތޯ، ބަދަލު ކުރެވޭނެގޮތަކީ ކޮބައިތޯ، ދަރިވަރަށް ކުރަންވީ ކަމެއް އަންގާނީ ކިހިނެއްތޯ މިއީ އޮންލައިންކޮށް ކިޔަވައިދޭ އިރު މާބޮޑަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ. ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި މިސާލަކަށް، ސްޓިކީ ނޯޓްސް ފީޑްބެކް ލިޔެ ކުދިންނަށް ފޮނުވުން ފަދަ ކަންކަން ހިމެނެއެވެ. މިކަމަކީ ގޫގްލް ޖޭމްބޯޑް ނުވަތަ ގޫގްލް ކުލާސްރޫމް މެދުވެރިކޮށް ވެސް ކުރެވިދާނެ ކަންކަމެވެ.

މިފަހަރުގެ ވާހަކަކޮޅުގައި ވެސް މުދައްރިސުންނަށް ފައިދާ ހުރި މަޢުލޫމާތުކޮޅެއް ހުށަހަޅައިލެވުނު ކަމުގައި ހީކުރަމެވެ. މުދައްރިސުންގެ ކުރިއެރުމަކީ އަޅުގަޑުގެ ވެސް ކުރިއެރުމެވެ. ކިޔަވައިދިނުން އިތުރަށް ފުރިހަމަ ކުރާނެ ޖާގަ އަބަދުވެސް އޮންނާނެކަން ހަނދުމަފުޅުކޮށް އަރުވަމުން ނިނާމާލަމުން ވެސް ދަންނަވާނީ އުގެނުމަކީ ހުއްޓޭނެ ކަމެއް ނޫނެވެ. ޢީލުމަކީ ހުސްވެ ނިމިދާނެ އެއްޗެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ގިނަ ކަންކަން ހޯދާ ބަލާ ބަޔަކަށް ހުރިހާ މުދައްރިސުން ވުމަކީ އަދުގެ ޓެކްނޮލޮޖީއާ އެކު، ތަޢުލީމީ ދާއިރާގައި ފައިހަމަކުރުމަށް ކޮންމެހެން ބޭނުންތެރި މުހިންމުކަމެކެވެ. ވީމާ، މިވާހަކަ ކޮޅުތެރޭގައި އަޅުގަޑު ހިމަނާފައިވާ ތަފާތު ލިންކްތަކަށް ޒިޔާރަތްކުރައްވައިގެން ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް އުމީދުކުރަމުން މިއަދުގެ ކޮލަމް ނިންމާލަމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

5 ޚިޔާލު

  1. މިސް ތިޔަ ލޯ ހުޅުވާލަދެއްވަނީ ވަރަށްމުހިންމު ކަންކަމަށް ، ތިޔަ ކުރައްވާ މަސައްކަތުގައި ހެޔޮރަޙުމަތާއި ސަވާބު އަދި ކާމިޔާބީގައި ކުރިޔަށް ދިއުމުގެ މަގު ތާއަބަދުވެސް މިންވަރު ކުރައްވާށި

  2. ތިޔަ ހުރިހާ ބޭފުޅުންގެ ކޮމެންޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިކޮލަމުގައި އިތުރަށް ލިޔާބައިތަކަކީ ހުރިހާ މުދައްރިސުންނާއި ބެލެނިވެރިންނަށް ފައިދާ ހުރި ބައިތަކަކަށް ވުމަކީ އަޅުގަޑުގެ ކުރިއެރުމެވެ. އިތުރަށް ކިޔުއްވަން އަދި މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ސުރުޚީތައް ކޮމެންޓުގައި ހިމަނާލައްވާއިފިނަމަ އެއަށް އަޅުގަޑުގެ ކޮންމެސް އެއްލިޔުމެއްގައި އިޝާރާތް ކޮށްލާނަމެވެ. އަދި އެއްފަހަރު ޝުކުރިއްޔާ

  3. މިއީ މައުލޫމާތުން ފުރިފައިވާ މޮޅު ލިއުމެކެވެ. ޝާފިޔާގެ ލިޔުންތައް އަޅުގަޑު ކިޔަމެވެ. މި ކޮލަމުގެ އިންތިޒާރުގަ ހުރެ ރޭ ނިދުނީއެވެ. ގަޑިއަކު ދެތިން ފަހަރު އާފަތިސް ބެލީމެވެ. ލަސްވިޔަސް ގެނެސްދިނީތީ ޝަފިޔާއަށް ޝުކުރިއްޔާ. މިއީ ތއުލީމީ ސެކްޓަރުގައި އުޅޭ އެއްމެން ކިޔަން ޖެހޭ މުހިއްމު ލިޔުމެއް. ހާއްސަކޮއް އެޑިޔުކޭޝަން މިނިސްޓަރު މި ލިޔުން ވިދާޅުވުމަކީ އަޅުގަޑުގެ އެދުމް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.