ލީބިޔާ ސަރުކާރު ސިފައިން ޓްރިޕޮލީ އިންޓަނޭޝަނަލް އެއާޕޯޓު ހިފައިފި

ޓްރިޕޮލީ (ޠަރާބުލުސް) ހިފައި ލީބިޔާގެ ވެރިކަން އަތުލަން މަސައްކަތްކުރާ ހަނގުރާމަވެރި ލީޑަރު ޚަލީފާ ޙަފްތަރުގެ ހަނގުރާމަވެރިން ބަލިކޮށް ލީބިޔާ ސަރުކާރުގެ ސިފައިން ޓްރިޕޮލީ އިންޓަނޭޝަނަލް އެއާޕޯޓު ހިފައިފިއެވެ. މިއީ ފަހަކަށް އައިސް ޙަފްްތަރުއަށް ލިބެމުންދާ ބޮޑެތި ނާކާމިޔާބީތަކަށް އިތުރުވި ބޮޅެކެވެ.

ލީބިޔާގެ ގާނޫނީ ސަރުކާރު ކަމުގައި އދ.ން ގަބޫލުކުރާ ސަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ސިފައިން ޓްރިޕޮލީ އެއާޕޯޓު މި ހިފީ ޙަފްތަރުގެ ހަނގުރާމަވެރި އެތަނަށް އަތް ގަދަކޮށްގެން ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

"އަހަރުމެން ވަނީ ޓްރިޕޮލީ އެއާޕޯޓު މުޅިން މިނިވަންކޮށްފައި." ޖީއެންއޭއިން ފަަށާފައިވާ 'ވޮލްކެނޯ އޮފް ރޭޖް' އަސްކަރީ އޮފަރޭޝަނުގެ ތަރުޖަމާނު ކާނަލް މުޙައްމަދު ޤަނޫނޫ ވިދާޅުވިއެވެ.

ސަރުކާރަށް ތާއީދުކުރާ 'ޑޯން އޮފް ލިބިޔާ" ސިފައިންނާއި ޚަލީފާ ޙަފްތަރަށް ތާއީދުކުރާ ޒިންތާންގެ ހަނގުރާމަވެރިންނާ ދެމެދު ޓްރިޕޮލީ ސިޓީގެ 27 ކިލޯމީޓަރު ދުރުން ޤަޞްރު ބިންޣަޝީރު އަަވަށުގައި އޮންނަ ޓްރިޕޮލީ އެއާޕޯޓުގައި ހިނގި ވަރުގަދަ ހަނގުރާމައިގައި އެެއާޕޯޓު ވަރަށް ބޮަޑަށް ހަލާކުވިއެވެ. އޭގެ ފަހުން އެ އެއާޕޯޓު ވަނީ ބަންދުކުރެވިިފައެވެ. އަދި ވައިގެ ދަތުރުތަކަށް ބޭނުން ކުރަމުން އަންނަނީ ޓްރިޕޮލީގެ ދެވަނަ އެއާޕޯޓު، މިޢައިތީޤާ އިންޓަނޭޝަލަން އެއާޕޯޓެވެ.

ޓްރިޕޮލީ އެއާޕޯޓުން ޙަފްތަރުގެ ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ހަނގުރާމަވެރިން ފަހަތަށް ޖެހުމާއެކު ޓްރިޕޮލީއަށް އެމީހުން ކުރަމުން އައި ނުރައްކާ މި ވަނީ ކުޑަކުރެވިފައެވެ. އަދި ޚަބަރު ލިބޭ ގޮތުގައި ލީބިޔާ ސަރުކާރުގެ ސަަފައިން މިހާރު ތައްޔާރުވަމުން ދަނީ ޙަފްތަރުގެ ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް ތަރްހޫނާ ހިފުމަށެވެ. ތަރްހޫނާއަކީ ޓްރިޕޮލީގެ ދެކުނުން 65 ކިލީމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަދި އެއީ ޙަފްތަރުގެ ކޮންޓުރޯލުގެ ދަށުގައި އޮތް ލީބިޔާގެ އެންމެ ބޮޑު އެއް ރަށެވެ.

މިޞްރާއި، ޔޫއޭއީއާއި، ރަޝިޔާ އަދި ސައޫދީ އަރަބިއްޔާގެ އެހީތެރިކާމައެކު ލީބިޔާގެ ގާނޫނީ ސަރުކާރު ވައްޓާލައި ވެރިކަން އަތުލަން ހަނގުރާމަކުރާ ކުރީގެ ޖެނެރަލް ޚަލީފާ ޙަފްތަރުގެ ސިފައިން ބަލިކުރުމަށް ޖީއެންއޭ ސަރުކާރުން ފާއިތުވި މާރިޗު މަހުގައި ފެށި 'ވޮލްކެނޯ އޮފް ރޭޖް' އޮޕަރޭޝަނުގައި ހުޅަނގު ލީބިޔާގެ ހުރިހާ ރަށެއް ޙަފްތަރުއަށް ގެއްލިފައިވާއިރު، ސަރުކާރު ސިފައިން ވަނީ އިސްތިރާޖީ ގޮތުން މުހިއްމު ވައިގެ މަރުކަޒު، ވަޠިޔާ ވައިގެ މަރުކަޒުވެސް ހިފައިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.