ހުއްދަ ލިބުނުހައި އަވަހަކަށް އެއިމްސްއިން ކޯވިޑަށް ޓެސްޓުކުރަނީ، ދިހަ މިނިޓު ތެރޭގައި ނަތީޖާ ލިބޭނެ

ސަރުކާރުން ހުއްދަ ލިބުނުހައި އަވަހަކަށް އައްޑޫ ސިޓީ ފޭދޫ އެއިމްސް ކްލިނިކުގައި ކޯވިޑް-19އަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އެއިމްސް ކްލިނިކް ހިންގާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަލީ އިހްސާން ވިދާޅުވީ އައްޑޫގައި ކޯވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި އެންޓިބޮޑީ އައިޖިއެމް ޓެސްޓުކުރާނެ ނިޒާމެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. ޓެސްޓުކުރުމަށް ބޭނުންވާ ރީއޭޖެންޓްސްވެސް މިހާރު އެ ކްލިނިކުގައި އެބަހުއްޓެވެ. ޓެސްޓު ކުރުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާ އިރު ހުއްދައާއެކު ޓެސްޓުކުރާނެ އުސޫލު ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެ ކްލިނިކުން ކޯވިޑް ޓެސްްޓުކުރާނީ ސަރުކާރުން ކަނޑއަޅާ އުސޫލެއްގެ ދަށުންނެވެ.  

އެއިމްސް ކްލިނިކަށް ޒިޔާރަތްކުރާ ބަލި މީހުންގެ ފަރާތުން ކޯވިޑް-19ގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޓެސްޓު ހަދައި ދިހަ މިނެޓު ތެރޭގައި ނަތީޖާ ލިބޭނެކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މީހަކު އަމިއްލައަށް ޓެސްޓުކުރަން އެދިއްޖެނަމަ އެތަނުން ޓެސްޓު ހަދައިދޭނެއެވެ. އެއިމްސް ކްލިނިކުން ކޯވިޑަށް ޓެސްޓުކުރުމަށް ނަގާނީ 600 ރުފިޔާގެ ފީ އެކެވެ.

އެއިމްސްގައި ބެހެއްޓި ނިޒާމަކީ ދެކުނު ކޮރެއާ އަދި މުޅި ގަތަރުގައި ކޯވިޑަށް ޓެސްޓުކުރުމަށް ބޭނުންކުރި ބްރޭންޑުގެ މެޝިން ކަމަށް ކަމަށް އިހްސާން ވިދާޅުވިއެވެ. އައިޖީއެމްއެޗްގައި ވެސް މިހާރު އެކަހަލަ މެޝިނެއް ހުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.