އިޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމަކީ ފާފަތަކުގެ ކައްފާރާއެއް- ހުކުރު ޚުޠުބާ

އިޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމަކީ ފާފަތަކުގެ ކައްފާރާއެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާއި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާގައި އަލި އަޅުވާލައްވައިފައ ވަނީ ޞަދަޤާތް ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. 

މުދަލަކީ ވެސް އިމްތިޙާނެއްކަމާއި ވަގުތީ އުފަލެއްދީ ފަނާވެދާނެއެއްޗެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެމުދަލުން ފައިދާއެއް ކުރާނީ ޝަރީޢަތުގައި އެމުދާ ހޭދަކުރަންޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުމުންކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށް ދެއްވިއެވެ. ޞަދަޤާތް ދިނުމަކީ ސިއްރާއި ފާޅުގައިވެސް ކުރެވިދާނެ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެ ތެރެއިން މޮޅުއިތުރު ގޮތަކީ ސިއްރުން ޞަދަޤާތްކުރުންކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. 

އީޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމުގެ މުހިންމުކަން މާތްﷲގެ ވަހީބަސްފުޅާއި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމަގެ ޙަދީޘްފުޅުން ދައްކަވަމުން ޚުތުބާގައ ވަނީ ޞަދަޤާތް ކުރުމުގައި އިޚްލާސްތެރިވުމަށް ގޮވާލައްވައިފައެވެ. އިޚްލާޞްތެރިކަމަކީ ކޮންމެ ހެޔޮޢަމަލެއްގެ މައިތަނބުކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. އިޚްލާޞްތެރިކަން ނެތި ކުރެވޭ ޞަދަޤާތަކީ، ރަން ފަރުބަދައެއް ކަމަށްވިޔަސް، އެއީ އެއްވެސް އަގެއްހުރި ޢަމަލަކަށް ނުވާނެކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެޢަމަލު ވާނީ ބާޠިލް ޢަމަލަކަށްކަމަށް ވިދާޅުވިއެވެ. 

" ލޮބުވެތި މުސްލިމު އަޚުންނޭނެ! އިޚްލާޞްތެރިކަމާއެކު  ޞަދަޤާތްކުރާ މީހާއަށް އެއީ ފާފަތަކުގެ ކައްފާރާއެކެވެ. އޭނާގެ ފާފަތައް ފުއްސަވައި ތަނަވަސް ވެގެންވާ ސުވަރުގެއާ ހަމައަށް އޭނާ ގެންގޮސް ދޭނެ ފާލަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.  

ޞަދަޤާތްދިނުމަށްފަހު ކަލަގޮވައި ޞަދަޤާތްކުރެވުނު ފަރާތްތަކަށް، އެކަން ތަކުރާރުކޮށް ހަނދާންކޮށްދީ، އެބަޔަކަށް އުނދަގޫކޮށް  އުޅުމަކީ، ތިމާކުރި ޞަދަޤާތް ބާޠިލް ވެދާނެކަމެއްކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި އެއީ ތިމާގެ ޢަމަލުގައި އިޚްލާޞްތެރިކަމެއް ނެތްކަން އަންގައިދޭ ޢަލާމާތެއް ކަމަށް ވިދާޅުވިއެވެ. 

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ދިވެހިން ތަޙައްމަލުކުރަމުންދާ މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް  ފުރިހަމަޔަށް ކިޔަމަންގަނެ ސާފުތާހިރުކަމާއި ގައިދުރުކަމާއި ގޭގައި ތިބުމުގެ މައްޗަށް ސަމާލުކަން ދިނުމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ އިލްޠިމާސްކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.