ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓީވްވި މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެކަމަށް އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މިއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 5 ކަށް އަރާފައެވެ.

މަރިވިމީހާ އާއި ބެހޭގޮތުން އިތުރު ތަފްސީލްދެއްވަމުން މަބްރޫކް ވިދާޅުވީ މި މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި މި މީހާ އައިޖީއެމްއެޗް އަށް ގެނެވުނީ ރޭ 10:45 ހާއިރު ކަމަށެވެ. މި މީހާ ފެނުނުއިރު އޮތީ ހޭނެތިފައި މަގުމަތީގައި ކަމަށާއި އެމީހާ އައިޖީއެމްއެޗް އަށް ގެނެވުނުއިރު އޮތީ ނިޔާވެފައިކަމަށް މަބްރޫކް މައުލޫމާތު ދެއްވިއެވެ. 

މި މީހާއަކީ މާލޭގައު ދިވެހި އަމިއްލަ ފަރާތަކާއިއެކު މަސައްކަތް ކުރާ މީހަކު ކަމަށާއި، މި މީހާގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތެއް އޭނާއާއި އެކުގައި އުޅޭ ފަރާތަކަށް ފެނިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މީހާ ދިރިއުޅެމުން ދިޔައީ ބަންގްލަދޭޝް ބަޔަކާއި އެކު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެމީހާ ދިރިއުޅެމުން ދިޔައީ ކޮންޓެއިންމެންޓް ސައިޓެއްގައި ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހާއަކީ ހިތުގެ ބަލިއެއް ހުންނަ މީހެއް ކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. މިކަމާއި ގުޅިގެން މި މީހާއާއި ކޮންޓެކްޓްވި 4 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ.  

މީގެ ކުރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 1438 އަށް އަރާފައިވާއިރު މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.