ޖަލްސާ ބާއްވަން އެންއީއޯސީއާ މަޝްވަރާކޮށްފައެއް ނުވޭ

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާ ބޭއްވުމަށް އެންއީއޯސީ އާ މަޝްވަރާކޮށްފައިނުވާ ކަމަށް އެންއީއޯސީ އިން މިރޭ ވިދާޅުވެއްޖެއެވެ. އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފުރަބަންދު ލުއިކުރުމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އެންއީއޯސީއަށް ފޯނުކުރެއްވި ކަމަށެވެ. ނަމަވެސް ޖަލްސާ ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ. 

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހުއްދަ ނެތި އެފަދަ ޖަލްސާއެއް ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމަކެވެ. އެހެން ކަމުން ޖަލްސާ ބާއްވައިފިނަމަ ޖަލްސާ ހުއްޓުވާނެތޯ ނުވަތަ ފިޔަވަޅު އަޅާނެތޯ ނޫސްވެރިން ވަނީ ސުވާލު އުފައްދަވާފައެވެ. ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ފުރަބަންދުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިސްތިސްނާ ކުރައްވާފައިވާ ފަރާތްތަކެއް ވާ ކަަމަށެވެ. މަބްރޫކް ވިދާޅުވީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންއީއޯސީގައި މަސައްކަތްކުރައްވާ ވަޒީރުންގެ އިތުރެން އެހެން ބޭފުޅުންވެސް ބޭރަށް ވަޑައިގަންނަވަނީ އޮންނަ އުސޫލުގެ ދަށުން ޚާއްސަ ހުއްދައަކާ އެކު ކަމަށެވެ.

މިހާރު އޮތް ގޮތުން ފުރަބަންދުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެއެވެ. ނަަމަވެސް ގައިދުރުކުރުމުގެ އުސޫލާ އެއްގޮތަށް މާދަމާ މަޖިލީހުގައި ޖަލްސާ ބާއްވާނެކަން މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ. ޖަލްސާ މާލަމުގައި އެއްވަގުތެއްގައި ތިއްބަވާނީ 42 މެންބަރުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.