ނަރުދޫގައި ދުވަސް ފުރެން ގާތްވެފައިވާ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

ށ. ނަރުދޫގައި މާބަނޑުވެ  ދުވަސް ފުރެން ގާތްވެފައިވާ  މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ. 

އާފަތިހާ ވާހަކަ ދައްކަމުން އަންހެން މީހާގެ ފިރިމީހާ ޙަސަން ޝުޖާޢު ބުނީ ދަރިފުޅު ބަޑަށް މަރުވެފައިވާކަން ކުޅުދުއްފުށީ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިިވާ ކަމަށެވެ. ނަމަވެސް އަންހެނުންގެ ޙާލު ރަނގަޅުކަމަށެވެ. ބަނޑަށް މަރުވެފައިިވާ  ދަރިފުޅު ނެގުމަށް ޓަކައި އޮޕަރޭޝަނަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަސަން ޝުޖާއު ބުނީ އޭނާގެ އަންހެނުން މާބަނޑު ވީއްސުރެ ޤަވާއިދުން ދައްކަމުން އައީ ށ. އަތޮޅު އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އެންމެފަހުން ޑޮކްޓަރަށް ދެއްކުމަށްފަހު 15 ދުވަސް ފަހުން ދައްކަން ބުނި ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ޖެހުނު އިރު ކޮވިޑާ ގުޅިގެން ނަރުދޫ އޮތީ ފުރަބަންދުގައި ކަމަށެވެ. ރަށު ކައުންސިލުން ފުރުމުގެ ހުއްދަ ދިންނަމަވެސް ށ. އަތޮޅު ހޮސްޕިޓަލުން ވެސް އަދި މިލަންދޫއިން ވެސް ލިބެންޖެހޭ ހުއްދަ ނުލިބިގެން ޑޮކްޓަރަށް ދައްކަން ދެ ރަށުން ކުރެ އެއްވެސް ރަށަކަށް ނުދެވުނުކަމަަށެވެ.  އެމައްސަލައިގައި ހެލްތް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މިލަންދޫއަށް ދިއުމުގެ ހުއްދަ ލިބުނީ މިއަދަށްކަމަށް އޭނާ ބުންޏެވެ. މިލަންދޫ ޞިއްޙީ މަރުކަރުގައި ހުންނަ ގައިނީ ޑޮކްޓަރ އަންހެނުން ބެލުމަށްފަހު ބަނޑުގައިވާ ދަރިފުޅުގެ ވިންދު ނެތްކަމަށް ބުނީކަމަށް ޝުޖާއު ބުންޏެވެ. އެހެންކަމުން އެ ޑޮކްޓަރ ލަފާދިނީ  ވީހާ އަވަހަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިއުމަށް ކަމަށް އޭނާ ބުންޏެވެ. އެނބުރި ނަރުދުއަށް ގޮސް ވެސް ކުޅުދުއްފުށްޓަށް ދިއުމުގެ ކުރިން ޞިއްޙީ މަރުކަޒުންވެސް ވިންދު ބެލުމަށްފަހު ދަރިފުޅުގެ ވިންދު ނެތްކަމަށް ބުނުމުން އަވަހަށް ކުޅުދުއްފުށްޓަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.  

އޭނާ ބުނީ އަންހެނުން ވިހާނެކަމަށް ދީފައިވާ ތާރީޚަކީ މިމަހު 30 ކަމަށެވެ. ދުވަސް ކަރިވަމުން އަންނައިރު ޑޮކްޓަރަށް ނުދެއްކިގެން ތިބީ ވަރަށް ކަންބޮޑުވެފައިކަން އޭނާ ފާހަގަ ކުރިއެވެ.

"ވާނުވާ އެއްވެސް ނޭނގޭނެ ނޫންތޯ ޑޮކްޓަރަށް ނުދެއްކެންޏާ. މިހުރިހާ ދުވަހު މިއުޅުނީ ޑޮކްޓަރަށް ނުދެއްކިގެން. މިލަންދުއަށް ވެސް ދާން މަސައްކަތްކުރީ އެރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކު ހުންނާތީ. ކޮވިޑް ޖެހޭ މީހުންގެ ފުރާނަ ސަލާމާތްކުރަން މަސައްކަތް ކުރާ ފަދައިން އެހެން މީހުންގެ ފުރާނަވެސް ވެސް ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ . ކޮންމެ ފުރާނައަކީ ވެސް އަގުބޮޑު އެއްޗެއް." އަންހެން މިހާގެ ފިރިހެން މިހާ އަސާރާއެކު ބުނެލިއެވެ. ބަނޑަށް މަރުވީ އެ ދެމަފިރިންގެ ތިން ވަނަ ދަރިފުޅެވެ.

ނަރުދޫ ކައުންސިލުން ބުނީ ނަރުދޫ ޞިއްހީ މަރުކަރުގައި ޑޮކްޓަރަކާއި ތިން ނަރުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ނަރުދޫއިންނެވެ. އެރަށް ފުރަބަންދުގައި އޮންނަތާ  މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ލޮކްޑައުން ތެރޭގައި ކުރިންވެސް ވަނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.