ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާބޯޓެއް ވެއްޓިއްޖެ

98 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ވެއްޓިފައި ވަނީ ކަރާޗީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް

ޕީއައިއޭގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދު

ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

90 ފަސިންޖަރުންނާ 8 ފަޅުވެރިންނާއެކު ދަތުރުކުރި އެއާބަސް އޭ-320 ގެ މަތިންދާބޯޓު ވެއްޓިފައި ވަނީ ކަރާޗީގެ ޖިނާހް އިންޓަނޭޝަލަން އެއާޕޯޓަށް ޖައްސަން ދަނިކޮށް، އެ އެއާޕޯޓު ކައިރީގައި އޮންނަ މޮޑެލް ކޮލޮނީއަށެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ވެއްޓިފައި ވަނީ މީހުން ދިރިއުޅޭ ގެތަގެއްގެ މައްޗަށެވެ. މަގު މެދުގައި މަތިންދާބޯޓުގެ ބައިތައް ހުރި އިރު ގެތައް ހަލާކުވެފައިވާ މަންޒަރުވެސް ފެނެއެވެ. ކުއްލި ހާލަތުގައި އެހީތެރިވާ ފަރާތްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާއިރު، މި ހާދިސާގައި 54 މީހަކު މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައި. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 5 މީހަކު ޒަޚަމްވެގެން ދަނީ ފަރުވާދެމުންނެވެ.

ލާހޯރުން ކަރާޗީއަށް ދަތުރުކުރި ޕީއައިއޭގެ ޕީިކޭ-8303 ފްލައިޓުން 24 ނިއުސް ޗެނެލްގެ ޑިރެކްޓަރ ޕްރޮގްރާމިންގ އަންޞާރު ނަޤްވީއާއި، ބޭންްކް އޮފް ޕަންޖާބުގެ ސީއީއޯ ޒަފަރް މަސްއޫދުވެސް ދަތުރުކުރެއްވިކަމަށް ވެއެވެ. ޒަފަރް މަސްއޫދާއި އިތުރު 2 މީހަކު ވަނީ މިހާދިސާގައި ސަލާމަތްވެފައެވެ. އެއީ މަތިންދާބޯޓުގެ އެންމެ ކުރީ ގޮނޑި ބަރީގައި ތިބި މީހުން ކަމަށް ވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއައިއޭގެ ސީއީއޯ އެއާ މާޝަލް އަރްޝަދު މަލިކު ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މަތިންދާބޯޓު ކަރާޗީއަށް ނުޖައްސައި އަނބުރާލަން ގަސްތުކުރާކަމަށް ޕައިލެޓް ކޮންޓްރޯލް ޓަވަރަށް އެންގި ކަމަށެވެ. އޭރު އެއާޕޯޓުގެ ދެ ރަންވޭވެސް އޮތީ ހުސްކޮށް ކަންވެސް ސީއީއޯ ފާހަަގަކުރެއްވިއެވެ.

މަތިންދާބޯޓު ވެއްޓިފައިވަނީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަކަށެވެ. އެހެން ކަމުން ކަރާޗީ ހިމެނޭ ޕްރޮވިންސުގެ ގަަވަރުނަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

"މިހާރު އެންމެ ކަންބޮޑުވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއްގެ ފުރާނަގެއްލިފައި ވެދާނެތީ. ރޭންޖާސްއާ، މީހުން ސަަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން ވަނީ ފޮނުވިފައި. އަހަރުމެން މިދަނީ ވީހާ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަމުން." ގަވަރުނަރު އިމްރާން އިސްމާއީލް ވިދާޅުވިއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މަތިންދާބޯޓު ވެއްޓިފައި ވަނީ މޯބައިލް އެންޓެނާއެެއްގައި އަޅައިގަތުމަށް ފަހުއެވެ. ބޯޓު ވެއްޓި ހަތަރު ފަސް ގެއެއް ހަލާކުވެފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި ކާރުތަކެއްގައި ރޯވެފައިވާ ކަމަށްވެސް ޚަަބަރު ލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.