މުޞްޙަފް - 15

(15 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއީ ސާމަރާފެހި ކުލައިގެ ވަރަށް ރީތި ހެދުމެކެވެ. ވަޅުފެހި ކުލައިގެ ޑިޒައިނަކާ އެކު އޮތް ހަރުވާޅެކެވެ.

"މިއީ ވަރަށް ސާދާ ރީތި ހެދުމެއް. މިވެސް ނަގާ." މެހެމަލްގެ މޫނުމަތީން ހިތްހަމަ ޖެހުމުގެ އަސަރު ފެނުނީމާ ފަވާދް އެ ހެދުންވެސް ފިހާރައިގެ ކުއްޖާޔާ ހަވާލު ކޮށްފިއެވެ.

"ފަވާދްބޭބޭ. މާ ގިނަ އެއްޗެހި ގަންނާނެ ކަމެއް ނެތް. ތިޔަ ހުރިހައި އެއްޗެހި ގެއަށް ގެންދާނީ ކިހިނެއް؟" ފަވާދް ރީތިވާ ސާމާނު ބަހައްޓައިފައި ހުރި ދިމާއަށް ހިނގައިގަތީމާ މެހެމަލް ބުނެލިއެވެ.

"ތިޔައީވެސް ރަނގަޅު ވާހަކައެއް. އަހަރެން ތިޔަ ކަމަކާ ވިސްނައެއް ނުލަން. އެހެންވީމާ ފަސޭހައިން ގެންދެވޭ ކަހަލަ ކުދި ސާމާނު ގަންނާނީ."

ބޫޓާއި ސެންޓާއި ގަހަނާއަށް ދާންދެން ފަވާދް ނަގައިފިއެވެ.

"މެހެމަލް. އަހަރެން ބޭނުން ވަނީ މެހެމަލަށް މުޅި ދުނިޔެ އެކީގައި ގަނެދޭން. އެއީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގޭ." ކާރު ދުއްވާމީހާ އަރާ ފަޅީގެ ދޮރު ހުޅުވައިލަމުން ފަވާދް ބުނެލިއެވެ. މެހެމަލް ކާރުގެ ކައިރީގައި ހުރެގެން ފަވާދާ ދިމާއަށް ބަލައިލިއެވެ. މިއީ އޭނާ ބޭނުންވާ ގޮތެވެ. އެކަމަކު މިހައި ފަސޭހައިން ހުރިހައި ކަމެއް ހަމަޖެހިގެން ހިނގައިދާނެއެކޭ އޭނާގެ ހިތަކަށް ފަހަރެއްގައިވެސް ނާރައެވެ.

ބާޒާރުކޮށް ނިމިގެން ދެ މީހުން ދިޔައީ ކާރުޚާނާއަށެވެ.

"ބައްޕައާއި ޙަސަނާ މަސައްކަތް ކުރަނީ މައި އޮފީހުގައި. އަސަދްބޭބެއާއި ޣަފްރާންބޭބެ އުޅޭނީ ރާވަލްޕިންޑީގައި ހުންނަ އޮފީހުގައި. ކާރުޚާނާގެ ގިނަ މަސައްކަތް ބަލަހައްޓަނީ އަހަރެން. އެހެންވީމާ މެހެމަލް މާދަމައިން ފެށިގެން މަސައްކަތް ކުރާނީ މިތާގައި އަހަންނާ އެކީ. އަހަރެން މަސައްކަތް ދަސްކޮށް ދޭނަން. އެންމެ ރަނގަޅެއްނު؟"

"އެންމެ ރަނގަޅު. އެކަމަކު ގޭގައި އަހަރެން ދައްކާނީ ކޮން ބަހަނާއެއް؟"

"ކުއްޖަކަށް ޓިއުޝަން ދޭން ދަމެއްނު؟ ގޭގައި ބުނޭ އިތުރު ކުއްޖަކަށް ޓިއުޝަން ދޭން ދާން ޖެހެއޭ. ގަތް އެއްޗެހީގެ ވާހަކަ މުސްރަތުދައްތަ ގާތު ބުންޏަސް އެންމެ ރަނގަޅު. އެހެން މީހަކު ގާތު ބުނަން ޖެހޭ ވާހަކައެއް ނޯންނާނެ... ބޯނެ އެއްޗެއް ބުނޭ. ސައިތަ؟ ކޮފީތަ؟" ފަވާދް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލުމަށް ފަހު ވާހަކަ ދައްކަމުން ދިޔައެވެ.

"ކޮފީ." އޭނާވެސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"ވަރަށް ރަނގަޅު." ފަވާދް ހިނިތުންވެލިއެވެ.

އެ ދުވަހު އޭނާޔާ ފަވާދް އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރެއެވެ. "އިށީނދެގެން އިނދެ ފުރަތަމަ ކަން ހިނގާ ނުހިނގާ ގޮތް ބަލާ. ފުރަތަމަ މަސައްކަތަކީ އެއީ."

އެޔަށް ފަހު ފަވާދް މަސައްކަތުގެ ތެރެއަށް ވަދެއްޖެއެވެ. ދޭތެރެއަކުން މެހެމަލާ ދިމާއަށް ބަލައިލާފައި ހިނިތުންވެލައެވެ.

އެ ދުވަހަކީ މެހެމަލްގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ.

ގެއަށް އައިސް އޭނާ މަންމަ ގާތު ބުންޏެވެ. "މަންމާ. އަހަރެން ޓިއުޝަން ދޭނޭ އިތުރު ކުއްޖަކު ވެއްޖެ. އެހެންވީމާ ކޮންމެ ދުވަހަކު ހެނދުނު ދާން ޖެހޭނެ."

މުސްރަތު ހުރީ މަސައްކަތެއްގެ ތެރެއަށް ގެއްލިފައެވެ. އެހެންވީމާ އޭނާގެ ވާހަކައަކަށް އެހައި ބޮޑު ސަމާލު ކަމެއް ނުދެއެވެ. ކުރަނީ ކީއްތޯވެސް ނުބަލައެވެ. އޭނާ އަތުގައި ހުރި ކޮތަޅުތައް ގެންގޮސް އަލަމާރިއަށް ލައިފިއެވެ.

އޭގެ ފަހުން އޭނާ ކޮންމެ ދުވަހަކު އޮފީހަށް ދެއެވެ. ނާދިޔާގެ ބައްޕަގެ އެކަޑެމީން އެއްމަސް ދުވަހުގެ ޗުއްޓީއެއްވެސް ނަގައިފިއެވެ. އެހެންވީމާ ހެނދުނުން ފެށިގެން އިރު މެދުން ލަނބަން ދެން އޭނާ މަސައްކަތް ކުރަނީ ފަވާދާއެކީގައި ކާރުޚާނާގެ އޮފީހުގައެވެ. އޭނާ މިހާރު އާޣާ ކަރީމް އަތަކުން ފައިސާއެއްވެސް ނާތުލައެވެ. ސިދްރާގެ އެންގޭޖްމަންޓަށް ހެދުން ފައްސަން ދެތިން ސަތޭކަ ރުފިޔާ ދޭން އުޅުނީމާވެސް ނުހިފިއެވެ.

"ޝުކުރިއްޔާ އާޣާޖާން. އަޅުގަނޑުގެ އަތުގައި ފައިސާ އެބަހުރި. ތިން ތަނަކަށް ޓިއުޝަން ދޭން އެބަދަން. އެހެންވީމާ އަޅުގަނޑު ބޭނުންވާ ހުރިހައި ޚަރަދެއް ކުރެވޭވަރުވޭ. އެކަމަކުވެސް ބޭނުން ވެއްޖެއްޔާ ނަންގަންނާނަން."

އާޣާ ކަރީމާއި މެހެތާބާ ދެމީހުން ކުރެ މީހަކު އޭގެ ފަހަކުން އޭނާ ލަހުން ގެއަށް އަންނާތީ މައްސަލައެއް ނުޖައްސައެވެ. މެހެމަލް މިހާރަކު ފައިސާއަކަށް ނޭދެއެވެ. އެއަށްވުރެ ބޮޑަށް އެމީހުން އެދޭ ކަމެއް އޮންނާނެ ހެއްޔެވެ؟

ފަހެއް

އޭނާ ހުރީ ސިޑިކައިރީގައި ހުރި ހަމައިސްކޮޅުގެ މޫނުބަލާ ލޯގަނޑު ކައިރީގައެވެ. ކަންފަތުމުދި އެޅުވޭތޯ މަސައްކަތް ކުރަނީއެވެ. އެއީ ސީދާ ރަނުގެ މުންޖެވެ. އޭނާ ލައިގެން ހުރީ ރިހި ކުލައިގެ ހެދުމެކެވެ. އެއީ އަތް ދިގު ނަމަވެސް މުޅި އަތްދަނޑި ފޮރުވޭ ވަރުގެ ހެދުމެއް ނޫނެވެ. އެހެންވީމާ އޭނާގެ ރީތި ދޮންދޮން އަތުކުރި ރީތިކޮށް ފެނެއެވެ. އަތުގައި އަޅައިގެން ހުރީ ރަން އުޅާބައެކެވެ.

އުޅެއުޅެ ކަންފަތުމުދި ލެއްވޭ ގޮތެއް ނުވެއެވެ. ކަންފަތު ލޯވަޅާ ކައިރި ކުރެވުނަސް ލެއްވޭ ވަރެއް ނުވިއެވެ. މިހާރު ގޭގެ އެންމެން ތިބީ ބަގީޗާ ތެރޭގައެވެ. މަދީ އޭނާ އެކަންޏެވެ.

"އުހޫނ..." އެކަން ހުއްޓައިލާނީއޭ އޭނާގެ ހިތަށް އެރިއެވެ. ކަންފަތް މިހާރު ރަތް ވެއްޖެއެވެ.

"ދެން ހަދާނީ ކިހިނެއް؟"

އޭނާ ސިހިފައި އެނބުރި ބަލައިލީއިރު ފުރަގަހުގައި ހުރީ ފަވާދެވެ.

"ފަވާދްބޭބޭ." އޭނާ ހައިރާންވިއެވެ. "މިތާނގައި..؟ އެންމެން އެ ތިބީ ބޭރުގައި."

"މެހެމަލްވެސް ތިޔަހަރީ މިތާގައެއްނު؟" ފަވާދް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ކަޅު ކުލައިގެ ކޯޓުފަޓުލޫނުގައި ހުރި ފަވާދް ފެންނަނީ އާދަޔާ ޚިލާފަށް ރީތިކޮށެވެ. މެހެމަލަށް ބޭއިޚްތިޔާރުގައި އިސްޖަހައިލެވުނެވެ.

"މެހެމަލް ހާދަހާ ރީއްޗޭ!"

މެހެމަލްގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ނަޒަރު އުފުލައި ބަލައިލެވުނީވެސް ވަރަށް އުނދަގުލުންނެވެ. ފަވާދް ހުރީ ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ލަދުން ގޮސް އޭނާގެ މޫނު ރަތް ވެއްޖެއެވެ.

"މި އުޅެނީ... މި ނުލެއްވިގެން..." އޭނާ ބިރުން ފަރާތްފަރާތް ހޯދައި ބަލާން ފަށައިފިއެވެ.

"ދައްކަބަލަ." ފަވާދް އޭނާގެ އަތުން ކަންފަތުމުދި އަތުލުމަށް ފަހު ކުޑަކޮށް ތިރިވެލައިގެން ހުރެ އޭނާގެ ކަންފަތުގައި މުދި ލައްވައިފިއެވެ.

"އެ ނިމުނީނު؟ އެވަރުގެ ކަމަކާ ހެދި މުޅި ކަންފަތް ރަތްކޮށްގެން ތިޔަ އުޅެނީ." ފަވާދް އޭނާގެ އިސްތަށިގަނޑުގައި ކުޑަކޮށް ބީހިލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ފަހަތަށް ޖެހިލައި ސަމާލު ވެގެންފިއެވެ.

ފަވާދް ކުއްލިއަކަށް އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ. ދެންމެ ހިނގައިދިޔަ ކަންތައްތަކުގެ މަސްތުގައި ހުރެފައި މެހެމަލް އެނބުރި ބަލައިލީއިރު ފަވާދް ފެންނާކަށް ނެތެވެ.

"ކޮން ކަމެއް؟" އޭނާ އަޑު އިވުނު ދިމާއަށް ބަލައިލީއިރު ސިޑިމަތީގައި ހުއްޓާ ފެނުނީ ޙަސަނެވެ.

މެހެމަލް ހާސްވެގެން އިސްތަށިގަނޑު ރަނގަޅު ކުރާން ފަށައިފިއެވެ. ޙަސަން އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފައިބައިގެން އަތުވެއްޖެއެވެ.

"މީގެ ފަހުން ކަލޭ ފަވާދާ ދިހަ ފޫޓު ކައިރިން ފެނުނަސް ދެފައި ބިންދައިލާފައި ގޭގައި ބައިންދާނަން. ހަނދާން ކުރާތި." ޙަސަން އޭނާގެ އަތުގައި ހިފައި އަނބުރާލީމާ ތޫނު ތަދެއް އަތަށް ވަދެގެން ދިޔައެވެ.

"ޙަސަންބޭ..."

"އަހަރެން ބުނި އެއްޗެއް އެނގިއްޖެތަ؟" ޙަސަން އޭނާގެ އަތަށް ލަތްކެއް ޖަހައިފައި ދޫކޮށްލިއެވެ.

މެހެމަލް ބުނާނޭ އެއްޗެއް ނޭނގިފައި ހުރީއެވެ. އޭނާގެ އަތުގައި ހުރި ބައެއް އުޅާ ބިނދި އަތަށް ހެރި ލޭ އަންނާން ފަށައިފިއެވެ.

"ޙަސަންބެއަށް ކިހިނެއްވީ؟" އޭނާ ދެރަވެފައި އަތަށް ބަލައިލިއެވެ. އުޅާ ބިނދިގެން ބިންމައްޗަށް ފައިބާފައި ހުރި އެތިކޮޅުތައް ފެނުނީމާ އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

ޔަތީމު ވުމަކީ ހިތަށް އެރުމާއެކީ ކޮންމެ މީހަކަށްވެސް އޭނާގެ ގަޔަށް އަތްލާން ލިބޭ ހުއްދައެއް ހެއްޔެވެ؟ އޭނާ ހިންދިރުވައިލުމަށް ފަހު ލޯ ފޮހެލާފައި ބިންމަތީގައި ހުރި އެތިކޮޅުތައް ހޮވަން ފަށައިފިއެވެ. ބާރަށް ރޮއިގެންފާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު ހިތްވަރު ކޮށްފައި ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ.

ސިދްރާ ވަރުގެ ކޮޅަށް ނަލަ ހެދިގެން ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އާދަޔާ ޚިލާފަށް ބޮޑަށް މޭކަޕު ކޮށްގެން ހުރުމާއެކުވެސް އޭނާ ރީތި މީހެއް ކަމަކަށް ނުއެއް ފެނެއެވެ. އޭނާޔާ އެންގޭޖުވާ ފިރިހެން މީހާއަކީ ހެޔޮވަރަށްވުރެ ފަލަ މީހެކެވެ. ފެންނަނީ ވަރަށް ލަދުރަކި މީހެއްގެ ގޮތުގައެވެ. އެއީވެސް މީހަކު އަޅައިގަންނަ ކަހަލަ ގޮތަކަށް ހުރި މީހެއް ނޫނެވެ. ނިދާއާއި ސާމިޔާ އާ ދެމީހުން ޗުކުޗުކު ލައްވަލައްވައި ތިއްބެވެ. އިވޭ ގޮތުގައި އެ ފިރިހެން މީހާއަކީ މެހެތާބްގެ ތިމާގެ މީހެއްގެ ދަރިއެކެވެ. އެކަށީގެންވާ ރަނގަޅު ވަޒީފާއެއް އަދާކުރާ މީހެކެވެ. ހުރިހައި ކަމެއް ހަމަޖެހި ނިމުނު އިރުވެސް ގޭގެ އެއްވެސް މީހަކު މުސްރަތަކަށްވެސް އަދި މެހެމަލަކަށްވެސް ނާންގައެވެ.

މެހެމަލް ބޭރަށް ނުކުތްއިރު ރަސްމިއްޔާތު ފެށިގެން ކުރިއަށް ދަނީއެވެ.

އޭނާ މަޑުމަޑުން ހިނގާފައި ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ހިތް ވަނީ އުދާސް ވެފައެވެ. ލޮލުން ފައުޅުވަނީ ހިތާމައެވެ.

ފަވާދްވެސް ހީނހީނފައި އޭނާގެ ކޮއްކޮމެންނާ ވާހަކަ ދައްކަނީއެވެ. އޭނާ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. ފިޒާދައްތަ ކޮންމެވެސް މީހަކަށް ޙަސަން ތައާރަފުކޮށްދޭތަން ފެނެއެވެ. ޙަސަންގެ ކޮނޑުމަތީގައި އަތް ބާއްވައިލައިގެން ހުރެ ހީނހީނފައި ވާހަކަ ދައްކަނީއެވެ. ޙަސަނަކީވެސް ރީތި މީހެކެވެ.

ޙަސަން ފެނުނީމާވެސް އޭނާގެ ހިތަށް ކުރީ ހިތި އަސަރެކެވެ. އޭނާއަށް މިހާރު ޙަސަން ފެންނަނީ ބޮޑު މުނާފިގެއްގެ ގޮތުގައެވެ. ޙަސަން ތަދުކުރީ އޭނާގެ އަތަކަށް ނޫނެވެ. ސީދާ ހިތަށެވެ. މުޅި ރަސްމިއްޔާތުގެ މަޒާ ޚަރާބު ކޮށްލީއެވެ. އޭނާގެ ހިތުގައި ހިނގަނީ ރުޅިވެރިކަމާއި ހިތާމައިގެ ޝުޢޫރެވެ. އެހެން އިންދައި ވަސީމް އޭނާގެ ކައިރިއަށް ހުއްޓުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ.

"ދޮން ކަމަނާ... މިއަދު ކިތައް މީހުން ކަތިލާނަމޭ ހިތައިތަ ފަތްމިނި ހެދިގެން ނުކުމެ ތިޔަ އިނީ؟" މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ވަސީމް އޭނާގެ އާދައިގެ ވިޔާނުދާ ހިނިތުންވުމާއެކު މެހެމަލާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އަހަރެންގެ ތުއްތު ތުއްތު ކޮއްކޮ މާ ދެރަވެފައި އިނީޔޯ؟ އަނެއްކާ ކިހިނެއްވީ؟" ވަސީމް އޭނާޔާ ދިމާއަށް މާ ފުންކޮށް ބަލަން ފެށިމާ ތެދުވެގެން އަންހެން ކުދިން ތިބި ދިމާއަށް ހިނގައިގެންފިއެވެ. ދަމުން ދެތިން ފަހަރަކު އެނބުރި ބަލައިލިއެވެ. ވަސީމް ލާނެތް ފާޑަކަށް ހިނި އައިސްފައި ހުރެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ.

އޭނާޔާ ދެބެއިންގެ ދެދަރި އެންމެން ތިބީ ވަރަށް އުފަލުންނެވެ. އެންމެން އެކުވީމާ ފުރިހަމަ އާއިލާއަކަށް ވެއެވެ. އެކަމަކު އެއްވެސް މީހަކާ އޭނާޔާ ގުޅުމެއް އޮތް ކަމަކަށް ނުފެނެއެވެ. ބައެއް މެހުމާނުން އޭނާ އެއީ ކާކުތޯ އަހައިވެސް އުޅުނެވެ. އެކަމަކު އެކަކުވެސް އޭނާ އެއީ ކާކުކަން ކިޔައެއް ނުދެއެވެ. ޖަމާއަތުގައި ހުރި ބޭކާރު މީހަކަށް ވެފައި ވަނީ އޭނާއެވެ.

އޭނާ ނިންމައިގެން ހުރީ ސިދްރާގެ އެންގޭޖްމަންޓް ރަސްމިއްޔާތުގައި ވަރަށް ސަކަރާތް ޖަހައި މަޖާ ކުރާށެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ.

* * *

ފަވާދް އޮފީހުގެ ބައެއް މަސައްކަތް އޭނާޔާ ހަވާލު ކުރާން ފަށައިފިއެވެ.

"މި ޑްރާފްޓް ހައްދައިލާ. ފައިސާއާ ބެހޭ ބައިގައި އުޅޭނެ ޒާކިރް. އޭނާ ގާތު ބުނޭ ހައްދައިގެން އަންނާށޭ."

"މި ޗެކުގައި ސޮއި ކުރުވަން އެބަޖެހޭ. މުފްތީ ލައްވައި ސޮއި ކުރުވައިގެން އާދޭ." ފުރަތަމަ ހަވާލު ކުރީ މިކަހަލަ ކުދިކުދި ކަންކަމެވެ. ގިނަ ވަގުތު އޭނާއަށް ޖެހެނީ މަސައްކަތް ބަލާން ހުންނާށެވެ.

ފަވާދް ހަވާލު ކުރާ ކޮންމެ ކަމެއް އޭނާ ކުރަމުން ގެންދިޔައީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. ފަވާދް އޭނާއަށް އިތުބާރު ކުރާތީއާއި އޭނާގެ ކަންކަމުގައި ޚިޔާލު ކުރާތީ ވަރަށް އުފާ ވެއެވެ. މެންދުރު ކަނީ ދެމީހުން އެކީގައެވެ. ފަވާދް މަސައްކަތުގައި ހުންނަ ވަގުތު މެހެމަލް އޭނާގެ ގޮޅީގައި އިނދެގެން އެކި ކަންކަން ހިނގާ ގޮތް ބަލައި ދަސް ކުރަނީއެވެ. އެތައް ދުވަހެއް ވީއިރުވެސް އޭނާއަކަށް އޮފީހުގެ މަސައްކަތުގެ ތެރެއަށް ރަނގަޅަކަށް ނުވަދެވެއެވެ. ކަންތައް ކުރަމުން ގެންދަނީ ކިހިނެއް ކަމެއް މާ ރަނގަޅަކަށް ސާފެއް ނުވެއެވެ. އަދި ފަވާދާ މާ ގާތްވާނޭ ފުރުސަތެއްވެސް ނުލިބެއެވެ. ފަވާދް އޭނާގެ އެކި ކަންކަމާ ވަރަށް ބޮޑަށް ވިސްނާކަން އެނގެއެވެ. އޭނާއަށް މީރީ ކޮން ކަހަލަ ކާނާއެއްތޯ ބަލައެވެ. އޭނާ ހިތްހަމަ ޖެހެނީ ކޮން ކަހަލަ ކަންކަމަކުންތޯ ބަލައެވެ. އެ ދުވަހު އޭނާގެ ކަންފަތުމުދި ލައްވައިދިން ފަހުން އެކަހަލަ ކަމެއް ކުރާކަށް ދުވަހަކުވެސް ނޫޅެއެވެ.

އެ ދުވަހު ހެނދުނު އޭނާ ފަވާދާއެކީ އޮފީހަކަށް ނުދެއެވެ.

"މެންދުރު ބަސްހުއްޓާ ތަނަށް އާދޭ. އަހަރެން އެތަނަށް މެހެމަލް ބަލައި އަންނާނަން. އަހަރެން ދައްކައިލާން ބޭނުން ވަރަށް މުހިއްމު ވާހަކައެއް އެބައޮތް." ހެނދުނު އޮފީހަށް ދަމުން ފަވާދް ދިޔައީ އޭނާ ގާތު ސިއްރުން މިހެން ބުނެފައެވެ.

މިހާރު އޭނާ އެ ގެންދަނީ މެންދުރު ވާނޭ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.