ކޮވިޑާ ގުޅިގެން 168 މަޝްރޫޢު މަޑު ޖައްސާލައިފި

ކުރިއަށް ދާ މަޝްރޫޢުތައް ފިޔަވައި ތަރައްޤީޤެ  އެހެން މަޝްރޫޢުތައް ކޮވިޑާ ގުޅިގެން މަޑު ޖައްސާލައިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިގޮތުން މަޑުޖައްސާލައިފައިވަނީ 168 މަޝްރުޢެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީގެ ކޮމެޓީން މިއަދު ބޭއްވި ބަދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މަޑުޖައްސާލައިފައިވަނީ ޓެންޑަރިން ސްޓޭޖްގައިވާ 45 މަޝްރުޢަކާއި ޕްލޭނިންގ ސްޓޭޖްގައިވާ 123 މަޝްރުޢު ކަމަށެވެ. 

ކޮވިޑާއެކު ވެސް ތަރައްޤީޤެ 151 މަޝްރޫޢެއް މިހާރު ކުރިއަށް ދާކަމަށް ޕަލޭނިން މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށް ގެންދެވޭ މަސައްކަތްތަކަށް ބައްލަވައިފައިވައިވަނީ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ މަސައްކަތްތަކާއި ޢަމަލީ ގޮތުން ކުރިއަށްދާ މަސައްކަތްތައް ކަމަށްވެސް މިނިސްޓަރ އަސްލަމް ފާހަގަ ކުރެވިއެވެ. މިއަހަރު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައި ފައިވަނީ 436 މަޝަރޫޢެކެވެ. 

ކޮވިޑާ ގުޅިގެން ސަރުކާރުން ފުރަތަމަ ނިންމީ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މަޑުޖައްސާ ނުލައި ކުރިއަށް ގެންދެވުމަށް ކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ނުފެށިވާ މަސައްކަތްތައް މަޑު ޖައްސާލުމަށް، ފަހުން ސަރުކާރުން ނިންމެވީކަމަށް ޕްލޭނިން މިނިސްޓްރ ވިދާޅުވިއެވެ. 

ކޮވީޑް އައިރު ކޮންސަލްޓެންސީ ހިސާބުގައި 114 މަޝްރުޢެއް އޮތް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާލަތާ ގުޅިގެން ހުރިހިސާބުން އެމަޝްރުޢުތައް މމަޑުޖައްސާލައިފައި ވާކަމަށް ވިދާޅުވިއެވެ. މިއަހަރަށް ކަނޑައަޅައިފައިވާ ބަނދަރުގެ މަޝްރޫޢުތަކުގެ ތެރެއިން 47 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާއިރު 28 ބަނދަރެއްގެ މަސައްކަތް އޮތީ ޕްލޭނިންގައި މަޑުޖައްސާ ލެވިފައެވެ. ފެނާނަރުދަމާގެ 75 މަޝްރޫޢެއް ކުރިއަށް ގެންދަވާއިރު ޓެންޑަރާ ހިސާބަށް ގޮސްފައިވާ 19 މަޝްރުއަކާއި ޓެންޑަރާ ހިސާބަށް ނުގޮސް އޮތް 19 މަޝަރޫޢަކާއެކުޖުމުލަ 47 މަޝްރުޢެއް މަޑުޖައްސާ ލެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

މަގު ހެދުމުގެ 15 މަޝްރޫޢެއް ޓެންޑަރިން ހިސާބުގައި މަޑުޖައްސާލައިފައި އޮތް އިތުރު 12 މަޝްރޫޢެއް ކުރިއަށް ދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ބިންހިއްކުމުގެ ހަތް މަޝަރޫއެއް ޓެންޑަރަށް ވެސް ނުފޮނުވި މަޑުޖައްސާލައިފައިވާއިރު ތިން މަޝްރޫޢެއް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ. އެމަޝްރުޢުތަކުގެ ތެރޭގައި ހިމެނެނީ މާފުށްޓާއި ގުރައިދުއާއި ގުޅިފަޅުގެ ބިން ހިއްކުމެވެ. 

ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ގެންދަވަނީ އެންމެ މަޝްރޫޢެކެވެ. އެއި ފޮއްދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢެވެ. 35 މަޝްރޫޢެއް ވަނީ މަޑުޖައްސާލައިފައެވެ. މަޑު ޖައްސާލައިފައިވަނީ މިއަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިއަށް ގެންދާ 23 މަޝްރޫޢުގެ އިތުރުން ޖެނުއަރީ ކުރީކޮޅު ކުރިމަތިވި އުދަޔާ ގުޅިގެން ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޙަވާލުވެފައިވާ 10 ރަށެއްގެ މަސައްކަތެވެ.  

އެހެނިހެން މަޝްރުޢުގެ ގޮތުގައި އަށް މަޝްރޫޢެއް ހިމެނޭކަމަށް މިނިސްޓަރ  އަސްލަމް ވިދާޅުވިއެވެ. އެމަޝްރުޢުތައް ވެސް ވަނީ މަޑުޖައްސާލައްވައިފައެވެ. އެގޭ ތެރޭގައި އެއް މަޝްރުޢު ވަނީ ޕްލޭނިން ސްޓޭޖްގައެވެ. ބާކީ މަޝަރޫޢުތައް ޓެންޑަރިން ސްޓޭޖަގައެވެ. 

ޕްލެނިން މިނިސްޓްރީން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާ މަޝްރުޢުތަކުގެ އިތުރުން ކޮވިޑާ ގުޅިގެން ހޮސްޕިޓަލު ފެސިލިޓީތަކުގެ މަސައްކަތްތަކެއް ޙަވާލުވެފައިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. 

މިއަހަރަށް ކަނޑައަޅައިފައިވާ އެއްވެސް މަޝްރޫޢެއް ކެންސަލް ކޮށްފައި ނުވާނެކަމަށް މިނިސްޓރ އަސްލަމް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.