މިދިޔަ 24 ގަޑިއިރު ތެރޭގައި 36 ބޯޓެއް މުދާ ބަރުކޮށްގެން މާލެއިން ފުރައިފި: މަބްރޫކް އަޒީޒް 

މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން މުދާ ބަރުކޮށްގެން 36 ބޯޓެއް ވަނީ ފުރާފައިކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާރ (އެން.އީ.އޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މި ބޯޓުތަކަށް އެސްޓީއޯގެ ފަރާތުން 640 ބަސްތާ ހަނޑުލާއި 505 ބަސްތާ ފުށާއި  225  ބަސްތާ ހަކުރު ވަނީ އަރުވައިފައެވެ. މަބްރޫކް  ވިދާޅުވި ގޮތުގައި މާލެ ސަރަހައްދަށް ޑެލިވަރ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 325 ބަސްތާ ހަނޑޫއާއި، 242 ބަސްތާ ފުށާއި 152 ބަސްތާ ހަކުރެވެ. 

ރާއްޖޭގެ ކޮވިޑް 19 ގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިއަދުވަނީ 852 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 285  ދިވެހިންނާއި 577 ބިދޭސީންނެވެ. މިއަދު އެކަނި ރާއްޖެއިން މިބައްޔަށް 23 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި 5 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. ޑރ. އަފްޒަލް ވިދާޅުވިގޮތުގައި ރާއްޖޭގައި މި ބައްޔަށް ފަރުވާކުރަމުންދާ މީހުންގެ ތެރެއިން 4 މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައސީޔޫގައި ފަރުވާ ދެމުންދާ ދެ މީހަކާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ 2 މީހެކެވެ. މިއަދު މިބަލިން އެކަކު ވަނި ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.