އިންޑިއާގައި ތިބި 200 ދިވެއްސަކު އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ

އަންނަ ހަފްތާގައި އިންޑިއާ އިން މާލެއަށް ފްލައިޓެއް އައުމަށް ހަމަޖައްސަމުންދާކަމަށާއި މި ފްލައިޓްގައި އިންޑިއާގައި ތިބި  ދިވެހިންގެ ތެރެއިން 200 މީހަކު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާރ (އެން.އީ.އޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މި ފްލައިޓްގައި  ޖުމްލަ 9 ސިޓީއެއްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މިފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއިން ނިއު ދިއްލީއަށް، ނިއު ދިއްލީއިން ޓްރިވޭންޑްރަމް އަށް އަދި ޓްރިވޭންޑްރަމް އިން މާލެއަށެވެ. އަދި އިސްކަންދިނުމަށް ހަމަޖެހިފައިވަނީ  އެމީހުންގެ ފްލައިޓް ކެންސަލްވެފައިވާ މެޑިކަލް ޓޫރިސްޓުންނަށާއި، ބޭސްފަރުވާ ކުރުމަށް އިންޑިއާގައި ތިބޭ ދިވެހިންނަށާއި، ދުރު އަދި ކުދި ސިޓީތަކުގައި ތިިބި ދިވެހިންނަށާއި، ކުރު މުއްދަތުގެ ވިސާގައި ތިބި ދިވެހިންނަށްކަމަށް ފޮރިން މިނިސްޓްރީއާއި ހަވާލަދީ މަބްރޫކް ވިދާޅުވިއެވެ. ފްލައިޓްގެ ޓިކެޓްނެގުމަށް ހަމަޖެހިފައިވަނީ އެބަޔަކު އަމިއްލައަށެވެ. ނަމަވެސް މިކަންކަމުގެ އިންތިޒާމްތައް ރޭވުމުގައި ހައިކުމިޝަންގެ ފަރާތުން އެހީވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މާލެ ވަޑައިގަތުމަށްފަހު އެބޭފުޅުން ދާން ހަމަޖެހިފައިވަނީ ކަރަންޓީން ފެސިލިޓީތަކަށެވެ. މާލޭއަށް ކުރުމުއްދަތަކަށް ދަތުރުކޮށް ލޮކްޑައުންގެ ހާލަތާއިގުޅިގެން މާލޭގައި ތާށިވެފައިތިބި ދިވެހިންގެ ތެރެއިން 42 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ. ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެމީހުން ރަށައް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު 618 އަށް އަރާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 213 ދިވެހިންނާއި  323 ބިދޭސީންނެވެ.  ބިދޭސީންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީސްތަކަށް ގެންދަން ޖެހޭ 40 ބިދޭސީއަކު މިރޭ ފެސިލިޓީސްތަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން މިއަދު 246 އާ ކޮންޓެކްޓުން ވަނީ ފެނިފައެވެ. އަދި މިކަމާއި ގުޅިގެން 286 ތަނެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެެނެސްފައެވެ. ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 14 ދުަވަސް ހަމަވެ ޓެސްޓުހެދުމަށްފަހު 206 މީހަކު މިއަދުވަނީ ދޫކުރެވިފައެވެ. އަދި ދޫކުރުމަށްޓަކައި އިތުރު 113 މީހެއްގެ ސާމްޕަލް މިއަދު ނަގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ތިބި ރަށްތަކުގައި 2 ރަށެއް ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ. އެއީ ނ.ހެމާދޫ އަދި ނ ހޮޅުދޫއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.