މަޝްހޫރު ޤާރީ އައްޠަބްލާވީ އަވަހާރަވެއްޖެ

ފާއިތުވި ބައި ޤަރުނަށް ވުރެ ދިގު މުއްދަތުގައި އިސްލާމީ ދުނިޔޭގައި މަޝްހޫރުކަން ހޯއްދަވާފައިވާ މިސްރުގެ ޤާރީ އައްޝައިޚް މުޙައްމަދު މަޙްމޫދު އައްޠަބްލާވީ އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ. ކީރިތި ޤުރްއާން ކިޔަވައިދެއްވުމުގައި އޭނާ އުޅުއްވާތާ 60 އަހަރު ވަނީ ވެފައެވެ. އޭނާ އަވަހާރިވި އިރު ހުންނެވީ މިސްރުގެ ޤާރީންގެ ޖަމްއިއްޔާގެ ރައީސުގެ މަގާމުގައެވެ. އޭނާ އަވާހަރަވެފައި ވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެވަގުތެއްގައެވެ.

"ޤުއްރާން އުނގަންނައިދެއްވުމުގައި ކުރެއްވި 60 އަހަރުގެ ދިގު ދަތުރަކަށް ފަހު، މި ޖަމްޢިއްޔާގެ ރައީސު މުޙައްމަދު މަޙްމޫދު ޠަބްލާވީ އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެ." ޤާރީންނާއި ޤުރްއާން ހިތުދަސްކޮށްދޭ އުސްތާޛުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

އޭނާ އަވަހާރަވުމާއި ގުޅިގެން ޝައިޚުލް އަޒްހަރު ޑޮކްޓަރ އަޙްމަދު އައްޠައިބާއި، މިސްރުގެ ދާރުލްއިފްތާއިން ވެސް ވަނީ އެކަމުގެ ހިތާމައިގައި ބަޔާން ނެރުއްވާފައެވެ.

އައްޠަބްލާވީ ވަރްޝުގެ ޤިރާއަތަށް ކިޔަވާވިދާޅުވަނީ. މިއީ އެއް ނޭވާއިން އެންމެ ދިގުކޮށް ކިޔަވާފައިވާ ކިޔެވުން ކަމަށް ބުނެވޭ

އައްޠަބްލާވީ އުފަންވެވަޑައިގަތީ 14 ނޮވެންބަރު 1934 ގައި މިސްރުގެ ޖީޒާ ޕްރޮވިންސުގެ އަވަށަކަށެވެ. އުމުރުފުޅުން 9 އަހަރުގައި އޭނާ ޤުރްއާން ހިތުދަސްކުރައްވައިފިއެވެ. އަދި ޒުވާން އުމުރުގައި މިސްރުގެ ރޭޑިޔޯއިން އޭނާގެ ރިތީ އަޑުން ތަޖްވީދަށް ކިޔަވާވިދާޅުވާން ފެއްޓެވުމާއެ މިސްރުގެ އިތުރަށް މުޅި އިސްލާމީ ދުނިޔޭގައިވެސް އޭނާ މަޝްހޫރުވެގެން ދިޔައެވެ.

އައްޠަބްލާވީ ވަނީ ބައިނަލްއަގްވާމީ ގިނަ ޤުރްއާން މުބާރާތްތަކެއްގައި ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ މިޤަރުނުގައި ފާއިތުވި 20 ވަނަ ޤަރުނުގައި އުފެދުނު އެންމެ މަޝްހޫރު ޤާރީންގެ ތެރޭގައެވެ.

އޭނާގެ އާއިލާއިން ހާމަކުރި ގޮތުގައި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އޭނާގެ އާއިލީ ގަބުރުސްތާނުގައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މިސްރުގައިވެސް އެއްވެ އުޅުން މަނާކޮށްފައި ވާތީ ޖަނާޒާގައި ބައިވެރިވާނީ އާއިލާއިން އެކަންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.