ކޮވިޑަށް ފަރުވާ ދެމުންދާ ޢުމުރުން 88 އަހަރުގެ މީހާ އޮތީ ވެންޓިލޭޓަރުގައި

ކޮވިޑަށް ފަރުވާ ދެމުންދާ ޢުމުރުން 88 އަހަރުގެ މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ  މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ. 

ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއިއޯސީ) މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް އައިޖީއެމްއެޗް ގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ ޢުމުރުން 88 އަހަރުގެ މީހާގެ ހާލު ސީރިއަސްވެގެން ދިޔައީ ނޭވާލާ ހޮޅީގެ ވަށައިގެން ފެން ހެދިގެން ކަމަށެވެ. އެމީހާ މިއަދު މެންދުރު ވެންޓިލޭޓަރަށް ލައިފައި ވަނީ ހޭނައްތާ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކަމށެވެ. ވެންޓިލޭޓަރަށް ލީފަހުން އޭނާ އަށް އޮކްސިޖަން ދޭންޖެހޭ މިންވަރު އިތުރުކުރަން ނުޖެހޭކަމަށާއި އިތުރަށް ޙާލު ގޯސްވެގެން ނުދާކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާގެ ލޭގެ ޕްރެޝަރ އިތުރަށް ގޯސްވެގެން ގޮސްދާނެތީ އެކަމަށް ބޭސް ދެމުންދާކަމަށް ވެސް ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވިއެވެ. މިއީ ކޮވިޑަށް ފަރުވާ ދެމުންދާ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ފުރަތަމަ ފަހަރެވެ. 

ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހާއާއި އެކު ފަސް މީހަކަށް ޑީއެޗް11 ގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެތޭރޭގައި ހިމެނެނީ ޢުމުރުން 80 އަހަރުގެ ފިރިހެނަކާއި 69 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނެކެވެ. މީގެ ތެރެއިން ޢުމުރުން 80 އަހަރުގެ މީހާއާއި 48 އަހަރުގެ މީހާ އޮތީ އޮކްސިޖަންގައެވެ. ނަމަވެސް ވެންޓިލޭޓަރގައި އޮތް މީހާ ނޫނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވިއެވެ. ޢުމުރުން 48 އަހަރުގެ މީހަކީ ޕާކިސްތާނުގެ ރައްޔިތެކެވެ.

ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ އެކަކު އިއްޔެ ވަނީ ވަނީ އައިސީޔޫއިން ދޫކޮށްލައިފައެވެ. އޭނާ އައިސީޔޫއިން ދޫކޮށްފައިވަނީ އޭނާގެ ފުރަތަމަ ޓެސްޓް ނެގެޓިވްވެ ޑީއެޗް 16 ގައި ބޭއްވުމަށް ފަހު އިތުރަށް ހެދި ޓެސްޓްވެސް ނެގެޓިވް  ވުމުންނެވެ. ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް އޭނާ އަދި ދެހަފްތާ އަށް އެކަހެރިކޮށް ބަހަށްޓާނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.