ދެކުނު ކޮރެޔާގައި އިމާރާތްްކުރަމުން ދިޔަ ތަނެއްގައި ރޯވެ 38 މީހުން މަރުވެއްޖެ

ދެކުނު ކޮރެޔާގައި މިއަދު އަލިފާން ރޯވި އިމާރާތް

ދެކުނު ކޮރެޔާގައި އިމާރާތްކުރަމުން ދިޔަ ތަނެއްގައި އަަލިފާން ރޯވުމުގެ ސަބަބުން 38 މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ސިއޯލްގެ ދެކުނުން 80 ކިލޯމީޓަރު ދުރުގައި އޮންނަ އިޗިއޮންގައި ބޮޑު ގުދަނެއް އިމާރާތްކުރަމުން ދިޔަ ތަނެއްގައެވެ.

ފަޔަރ ސާވިސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި "އަލިފާންގަނޑު ފެތުރިގަތީ ވަރަށް ހަލުވިކޮށެވެ." އެހެންކަމުން އެތެރޭގައި މަސައްކަތްކުރަން ތިބީ މީހުންނަށް "ތަނުން ބޭރަށް ނުކުންނާނެ" ފުރުސަތެއް ނުލިބުނެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު 38 ގައި އޮތް ނަމަވެސް، މި އަދަދު އިތުރުވެެގެން ދިއުން އެކަށީގެންވެއެވެ. އެއީ އިމާރާތުގެ ތެރޭގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ވާތީއެވެ. އެ ވަގުތު އިމާރާތުގެ ތެރޭގައި ނުވަ ކުންފުންޏަކަށް ނިސްބަތްވާ 80 އެއްހާ މީހުން މަސައްކަތްކުރަމުން ދިޔައެެވެ. ޚަބަރުތައް ބުނާ ގޮތުގައި އަލިފާންގަނޑު ކުއްލިއަކަށް ފެތުރިގަތީ ގިނަ އަދަދެއްގެ މަސައްކަތްތެރިން ބިމު އަޑީގެ ބައެެއްގައި މަަސައްކަތްކުރަން ތިއްބައެެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާން ރޯވީ މިބުއަޑީގެ ބައިގެ ތަންތަން ފެންނުވަންނަ ގޮތަށް ބައްދަން ބޭނުންކުރަމުން ދިޔަ ކެމިކަލެއް ކަމުގައިވާ ޔުރަަތޭންގައެވެ. އެއީ ވަރަށް އަވަހަށް އަލިފާން ހިފާ ކެމިކަލެކެެވެ.

ފަސް ގަޑިއިރަށް އަނދައަނދާ ހުރި އަލިފާންްގަނޑު ނިއްވާލެވުނީ 410 މީހުންގެ މަސައްކަތުންނެވެ. އޭގެ ތެރޭގައި އަލިފާންނިވާ މީހުންގެ 335 މީހުން ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.