އިސްރާއީލުގެ ސިއްރު ފުލުހުން މަސްޖިދުލް އަޤްޞާގެ އިމާމުގެ ގެކޮޅަށް ވަދެގަނެ އޭނާއަށް އިންޒާރުދީފި

މަސްޖިދުލް އަޤްޞާގެ އިމާމު ޝައިޚް ޢިކްރިމާ ޞަބްރީގެ ވަށައިގެން އިސްރާއީލުގެ ފުލުހުންެގެ ބަޔަކު

އިސްރާއީލުެ ސިއްރު ފުލުހުންގެ ބަޔަކު މިއަދު ހަވީރުގެ ވަގުތެއްގައި ޤުދްސުގައި ހުންނަ މަސްޖިދުލް އަޤްޞާގެ އިމާމު ޝައިޚް ޢިކްރިމާ ޞަބްރީގެ ގެކޮޅަށް ވަދެ އޭނާއަށް އިންޒާރުދީފިއެވެ. އޭނާއަކީ ޤުދްސުގެ ސުޕްރީމް އިސްލާމިކް ކައުންސިލްގެ ރައީސުވެސް މެއެވެ.

އިނގިރާސިވިލާތުގައި ނެރޭ ފަލަސްޠީނުގެ ނޫހަކަށް މަޢުލޫމާތު ދެއްވަމުން ޝައިޚް ޞަބްރީ ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސިއްރު ފުލުހުންގެ ބަޔަކު ވަނީ މިއަދު ހަވީރު ވަރަށް ހަރުކަށި ގޮތަކަށް އޭނާގެ ގެކޮޅަށް ވަދެެގެންފައެވެ. އަދި "ހަމަނުޖެހުން އުފައްދަން ހިތްވަރު ނުދިނުމަށް" އިންޒާރުދީފައެވެ. އަދި އެފަދަ "ހަމަނުޖެހުމެއް" ހިނގައިފިނަމަ އޭނާ އެކަމުގެ ޒިއްމާ ނަންގަވަން ޖެހިވަޑައިގަންނަވާނެކަން އަންގާފައެވެ.

ޤުދްސުގަވެސް ކޮވިޑް- 19 ފެތުރެމުން ދާތީ މަސްޖިދުލް އަޤްޞާ ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުން ވަނީ މެދު ކަނޑާލާފައެވެ. އަދި މި ރަމަޟާން މަހު ތަރާވީޙު ނަމާދުވެސް ނުކުރެއެވެ. އިމާމު ޝައިޚް ޞަބްރީ ދާދި ފަހުން ދެއްކެ ވާހަކަފުޅެއްގައި ވަނީ، ނަމާދަށް މިސްކިތް ބަންދުކޮށްފައި، ހަރުކަށި ޔަހޫދީން ބޭނުން އިރަކު މިސްކިތުގެ ޙަރަމްފުޅުގެ ތެރެއަށް ވަދެ، ބޭނުން ގޮތަކަށް އުޅެން އިސްރާއީލުގެ ސިފައިން ހުއްދަދެމުން ދާނަަމަ، މިސްކިތް ހުޅުވައި ޖަމާއަތުގައި ނަމާދުކުރަން ފަށަން ޖެހިދާނެ ކަމަށް ވިދާޅުވއެވެ. އޭނާއަށް ސިއްރު ފުލުހުން އިންޒާރުދިނީ މިހެން ވިދާޅުވެފައި ވާތީއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ބަސްފުޅު ވިދާޅުވާ އިމާމު ވަނީ މިއަދު އޭނާގެ ގެކޮޅަށް ވަދެގަތް ޔަހޫދީ ސިއްރު ފުލުހުންނާ ދިމާއަށް ވެސް މިހެން ވިދާޅުވެފައެވެ.

"މަސްޖިދުލް އަޤްޞާގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތުމުގެ މާނައަކީ، ޔަހޫދީ ވަަޒަންވެރިން އެތަނުގެ ހުރުމަތް ކެނޑުން އެއްވެސް ހާލެއްގައި ހުއްދަކުރާ ކަމެއް ނޫން. އެހެންކަމުން، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އަލްމަޣާރިބާ ދޮރުކޮޅު ޔަހޫދީ ވަޒަންވެރިންނަށް ހުޅުވާލާނަމަ، އަހަރުމެން މިސްކިތުގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅުވައި ނަމާދުކުރާ މީހުން ވައްދާނަން." އޭނާގެ ގެކޮޅަށް ސިއްރު ފުލުހުންނަށް އޭނާ ވިދާޅުވިކަމަށް، ފަލަސްޠީނުގެ ބައެއް ނޫސްތަކުން ޚަބަރުދީފައި ވެއެވެ.

ޤުދްސުގައި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން ތިބޭ ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަނުމަށް އާއްމުކޮށް ބޭނުންކުރަނީ މަޣާރިބާ ދޮރުކޮޅެވެ.

"ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ބޭނުން ހިފައިގެން މަސްޖިދުލް އަޤްޞާގެ މައްޗަށް އެމީހުން ބޭނުން ގޮތަކަށް ކަންކަން ހިންގުމުގެ ފުރުސަތު" ނުދެއްވާނެކަަމަށްވެސް ޝައިޚް ޞަބްރީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް- 19 ފެތުރުން ހުއްޓުވުމުގެ ގޮތުން ޤުދްސުގެ އިސްލާމީ އައުޤާފު އިދާރާއިން ވަނީ ފާއިތުވި މަހުގެ ފަހުކޮޅުން ފެށިގެން އަޤްޞާ މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލާފައެެވެ.

ޤުދްސުގެ ހަރުކަށި ޔަހޫދީ ވަޒަންވެރިންދަނީ ފާއިތުވި ދެދުވަހުއްސުރެ މަސްޖިދުލް އަޤްޞާއަށް ޔަހޫދީން ވަނުމަށް ގޮވާލަމުންނެެވެ.

ޝައިޚް ޢިކްރިމާ ޞަބްރީ ވަނީ 1994 ވަނަ އަަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ޤުދްސުގެ މުފްތީގެ މަގާމު އަދާކުރައްވާފައެެވެ. އަދި 2018 ވަނަ އަހަރު އޭނާއަށް އިންޓަނޭޝަނަލް އިސްލާމިކް ހިއުމަން ރައިޓްސް އެވޯޑު ލިިބިވަޑައިގެންފައި ވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.