ރެންޑަމްކޮށް ޓެސްޓް ކުރާ މިންވަރު އިތުރުކުރަނީ

ރެންޑަމްކޮށް ޓެސްޓް ކުރާ މިންވަރު އިތުރުކުރަން ނިންމައިފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ، އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ

އެންއީއޯސީގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ އަފްޒަލް ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ރެންޑަމް ޓެސްޓްތަކުގެ ސަބަބުން ކޮވިޑާ ގުޅޭ މާލޭގެ ސާފް ތަސްވީރެއް ފެނިގެން ދާނެކަމަށެވެ.

ރެންޑަމް ޓެސްޓްތަކުގައި ބާޒާރުމައްޗާއި ކަންމަތީ ފިހާރަތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. މިހާރު ފެނިފައިވާ ކޭސްތަކުގެ ތެރެއިން އެންމެ ގިނައީ ބާޒާރުމައްޗާ ގުޅިފައިވާ ކްލަސްޓަރ ތަކެވެ. ރެންޑަމްކޮށް ޓެސްޓްކުރުމަށް ހުޅުމާލެއާއި މާލެއިންވެސް ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި މަގުމަތިންނާއި ފެރީންވެސް މީހުންގެ ސާމްޕަލް ނަގައިގެން ޓެސްޓްކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. ވިއްސާރަވުމާ ގުޅިގެން މިއަދު ނެގިފައިވަނީ ރެންޑަމް 25 ސާމްޕަލް ކަމަށްވެސް ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.

ރެންޑަމްކޮށް ޓެސްޓް ކުރުމުގެ ބޭނުމަކީ ކިހާވަރަށްކަށް ބަލި ފެތުރިފައިވޭތޯ ދެނެގަތުން ކަމަށް ޑޮކްޓަރ އަފްޒަލް ފާހަގަ ކުރެވިއެވެ. އެގޮތުން ރެންޑަމް ސާމްޕަލްތަކުން މިހާތަނަށް ބަލި ފެތުރޭކަން ދެނެގަނެވިފައިވާނުވާ މަގުތައް ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާ ކްލަސްޓަރތަކުން ނެގޭ ރެންޑަމް ސާމްޕަލްތަކުން ވަރަށް ބައިވަރު މަޢުލޫމާތުތަކެއް ލިބިގެން ދާނެކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. ކްލަސްޓަރތަކުގެ ބޭރުން ފެންނަ މީހުންނާއި ކްލަސްޓަރ ތަކުން އިތުރަށް ފެންނަ މީހުން ފާހަގަކުރެވި ކޮންޓެކްޓް ވާ މީހުންގެ ތެރެއިން ވެސް އަލާމާތްތައް ފެންނަ ހުރިހާ މީހުންގެ ސާމްޕަލް ވެސް ނަންގަވާކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޕްރޮޖެކްޝަންތަކުގެ އަންދާޒާއަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ވެސް ކޭސްތައް އައުން މަދުވާނެކަމަށް ޤަބޫލު ނުކުރެއްވޭކަމަށް ޑރ. އަފަޒަލް ވިދާޅުވިއެވެ. 


ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.