ކޮވިޑް- 19: މައްކާގެ ޙަރަމްފުޅުގައި ސޯޝަލް ޑިސްޓެންސިންގ އަށް އަމަލުކުރަން ފަށައިފި

މައްކާގެ ޙަރަމްފުޅުގައި ރޭ ކުރެވުނު ތަރާވީޙު ނަމާދުގެ ޖަމާޢަތުގައި ބައިވެރި މީހުން ސޯޝަލް ޑިސްޓެންސިންގއާ އެއްގޮތަށް ދުރުދުރުގައި

މި ރަމަޟާން މަހުގައި މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ތަރާވީޙުގެ ޖަމާއަތުގައި ސޯޝަލް ޑިސްޓެންސިންގ އަށް އަަމަލުުކުރަން ފަށައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާ، އައްރިޔާސަތުލް ޢާއްމާ ލި ޝުއޫނިލް ޙަރަަމައިން އިން ނެރުނު ބަޔާނެއްގައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ސައޫދީ އަރަބިއްޔާގައި ވެސް ފެތުރެމުން ދާތީ، އެކަން ކޮންޓުރޯލުކުރުމަށް ސައޫދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަަވަޅުތަކެއް އަޅާފައެވެ. މި ފިޔަަވަޅުތަކުގެ ދަށުން ސައޫދީ އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަނީ މި ރަމަޟާން މަހު ސައޫދީ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީޙު ނަމާދުކުރުން މަނާކޮށްފައެވެ.

އެހެންނަމަވެސް، ސަލްމާން ރަސްގެފާނު ވަނީ މައްކާގެ މަސްޖިދުލް ޙަރާމާއި، މަދީނާގެ މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ތަރާވީޙު ނަމާދުކުރުމުގެ ހުއްދަ ޝަރުޠުތަކަކާއެކު ދެއްވާފައެވެ. އެއީ އެެހެން އަހަރުތަކާ ޚިލާފަށް ތަަރީވީޙު ނަމާދުގައި 10 ރަކުޢަތްކުރުމާއި، ތަރާވީޙުގައި އެކަނި ޤުރްއާން ޚަތިމުކުރުމުގެ ބަދަލުގައި ދަމުނަމާދާއެކު 1 ޚަތިމުކުރުމާއި، ދެ ޙަރަމްގައި މަސަކްކަތްކުރާ މީހުންގެ އިތުރަށް އެހެން ބަޔަކު ތަރާވީޙުގެ ޖަމާޢަތުގައި ބައިވެރި ނުކުރުމެވެ.

ދެ ޙަރަމްފުޅުގެ ކަންްކަން ބަލަހައްޓާ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސައޫދީ ހެލްތު މިނިސްޓްރީގެ އިރްޝާދާއެކު ތަރާވީޙުގެ ޖަމާޢަތުގައި ސޯޝަލް ޑިސްޓެންސިންގއަށް އަމަލުކުރަން ނިންމީ އެތަނުގެ މުވައްޒަފުންގެ މެދުގައިވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.

ސައޫދީ އަރަބިއްޔާގައި ވައިރަސް ފެތުރުން މުޅިން ކޮންޓުރޯލުކުރެވިފައި ނުވިޔަސް، މައްކާ ފިޔަަވައި އެ ގައުމުގެ ބޮޑެތި ރަށްތަކުގައި ހިންގާފައިވާ ކާފިއުއަށް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ދޫދޭން ފަށާފައެވެ. އެހެންނަމަވެސް، މައްކާގެ ކާފިއުއަށް އަދި އެއްވެސް ދުލެއް ދީފައި ނުވެއެވެ.

އެ ގައުމުގައި ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު 16 ހާހަށް އަރާފައި ވާއިރު، މި ބަލީގައި 136 މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.