ކުރީގެ ރައީސުންނަށް ދެއްވާ މާލީ އިނާޔަތް ކަނޑާލައި ދައުލަތުގެ އެންމެ މަތީ މުސާރަ 20 ހާހަށް ދަށްކުރަންޖެހޭ- ސަލީމް

ކުރީގެ ރައީސުންނަށް ދެއްވާ މާލީ އިނާޔަތް ކަނޑާލައި ދައުލަތުގެ އެންމެ މަތީ މުސާރަ 20 ހާހަށް ދަށްކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ  ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ގޮވާލައްވައިފިއެވެ.

މެމްބަރ ސަލީމް މިކަމަށް ގޮވާލެއްވީ، ދައުލަތް ހިންގުމަށް އެމްއެމްއޭއިން އިންޓަރެސްޓާ ނުލައި 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ނެގުމުގައި ރައްޔިތުންގެ މަޖިލީހުން މަގުފަހިކޮށް ދެއްވުމަށް އެދި ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި މައްސަލައިގެ ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.

އޭދަފުށީ ދާއިރާގެ މެމްބަރ ވަނީ އިޤްތިޞާދު ހަމަޔަކަށް އަޅުވަން މުހިންމު ފިޔަވަޅު ތަކެއް އެޅުމަށް ގޮވާ ލައްވައިފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދެއްވަމުންގެންދަވާ މާލީ އިނާޔަތް އުނިކުރުމަށް ގޮވާލެއްވިއެވެ. އަދި އެ ބޭފުޅުން ޤައުމާ ދޭތެރޭގައި އިޚްލާސްތެރިކަމެއް ހުރިއްޔާ އަމިއްލަ ފުޅަށް ވެސް އެކަން އެގޮތަށް ކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ މަތީ މަޤާމުތަކުގެ މުސާރަ 20 ހާހަށް ވުރެ ބޮޑު ނުވާގޮތަށް ދަށް ކުރުމަށް މެމްބަރ ސަލީމް ގޮވާލެއްވިއެވެ. އޭގެތެތޭގައި 20 ހާހުން މަތީގެ މުސާރަ ލިބޭ ހުރިހާ މަޤާމްތައްވެސް ހިމެނެންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނާ ފަނޑިޔާރުންނާއި ސިޔާސީ މަޤާމުތައްވެސް ހިމެނެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސިވިލް ސާރަވަންޓުންގެ މުސާރަ އުނިކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސަވައި ދެއްވަންޖެހޭ ބޭފުޅަކަށް ވާތީ ކުރިއަށް އޮތް ހަމަސް ދުވަހަށް އެމަނިކުފާނު މުސާރަ ނުނެންގެވުމަށް ވެސް ސަލީމް ގޮވާލެއްވިއެވެ.

މެމްބަރުން  ވެސް ކުލި ނުދެއްކޭ ކަމަށްވަންޏާ ރަށަށް ދިރިއުޅުން ބަދަލު ކުރައްވައި އިންޓަރނެޓްގެ ޒަރީއާއިން ޖަލްސާތަކުގައި ބައިވެރިވެވަޑައި ގެންނެވިދާނެކަމަށް ވިދާޅުވިއެވެ. އަދި ބައިވެރި ވަޑައިގަންނަވާ ކޮންމެ ޖަލްސާއަކަށް 500 ރުފިޔާގެ އެލަވަންސެއް މެމްބަރުންނަށް ދެވި ދާނެކަމަށް ވިދާޅުވިއެވެ.

މެމްބަރ ސަލީމް ވިދާޅުވީ މިހާރު ދިމާވެފައި އިޤްތުޞާދީ އަދި މާލީ ދަތިކަން ހައްލުކުރުމަށް މިހާރުން މިހާރަށް މަޝްރޫޢުތައް ހުއްޓާލައި  ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ހުރިހާ ޚަރަދެއް ހުއްޓާލަން ޖެހޭ ކަމަށެވެ. ދައުލަތުގެ ބަޖެޓް މުރާޖާކޮށް ވިހި ބިލިއަނަށް ބަޖެޓް ދަށް ކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށަ ވިދާޅުވިއެވެ. އަދި ސަރުކާރުން މިއަހަރު ކުރާ ޚަރަދުތައް އެމިންވަރުގައި ހިފަހަށްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މެމްބަރ ސަލީމް ވިދާޅުވީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރީތައް ފުނޑި ހަލާކުވެގެން ދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫންކަމަށެވެ. ސަރުކާރުން ބޭނުންވީމާ އެމްއެމް އޭއިން ފައިސާ ނެގިއަސް ވިޔަފާރި ވެރިން ފައިސާ ނަގަން ދާނެ އެއްވެސް ތަނެއް ނުހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތަ ވިޔަފާރިއަކީ އެއްދުވަހު ލިބޭ އެތިކޮޅުން އަނެއް ދުވަހު ބާޒާރަށް ގޮސް ގަނެލައިގެން ގެނެސް ފިހާރައަށް ލައިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެއްވެސް މީހަކު ވިޔަފާރި ކުރަމުން ދަނީ މާބައިވަރު ފައިސާތަކެއް ހުރެގެން ނޫންކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އާމުދަނީ ލިބޭނެކަމަށް މިހާރު ބުނެފައިވާ ޢަދަދަށްވެސް އާމްދަނީ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ވިޔަފާރީގެ އިތުރުން ބޭރުގެ ވިޔަފާރިތައް ވެސް ވަނީ ހުއްޓިފައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފައިސާ ލިބޭނެ އެއްގޮތެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.