އިންސާނީ ހައްޤުތަކާއިބެހޭ ގޮތުން ހޭލުންތެރިކޮށް ޚިޔާލު ބަދަލުކުރުމުގެ ގޮތުން އެއްދުވަހުގެ ޑިސްކަޝަން ފޯރަމެއް ފުލުހުންގެ އިސް އޮފިސަރުންނަށް ބާއްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ މި ފޯރަމްގައި އިންސާނީ ހައްޤުތައް ކުރިއަރުވާ ރައްކާތެރިކުރުމުގައި ފުލުހުންގެ ދައުރާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުންވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅޭ ފުލުހުންނާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
އިސްކަންދަރު ބިލްޑިންގެ މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ދިޔަ މި ފޯރަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 25 އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ 2 މެމްބަރުންނާއި 3 ޑިރެކްޓަރުންގެ އިތުރުން އެކޮމިޝަނުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ ފަރާތުން އެކޮމިޝަނުގެ މެމްބަރ މުޙައްމަދު ޒާހިދު ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މިސަރވިސްއިން އިންސާނީ ހައްޤުތައް ރައްކާތެރިކުރެއްވުމައްޓަކއި ކުރައްވަމުންގެންދަވާ ބުރަމަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވާފައިވެއެވެ. އަދި މިސަރވިސްގެ ފަރާތުން ވާހަކަ ދެއްކެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޛްގެ ވާހަކަ ފުޅުގައި މިފަދަ ފޯރަމްތަކުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައިވެއެވެ. މިފަދަ ފޯރަމްތަކުގެ ސަބަބުން ފުލުހުންނަށް އަގުހުރި މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށާއި މިފަދަ ފޯރަމްތަކުގެ ސަބަބުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ފުރުޞަތުލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ. (ޚަބަރު: މޯލްޑިވްސް ޕޮލިސް ސަރވިސް)