ކުލި ނުދެއްކޭ ފަރާތްތައް މަގުމަތި ނުކުރުމަށް އިލްތިމާސް ކޮށްފި

ކުލި ނުދެއްކޭ ފަރާތްތައް ލޮކަޑައުން ހާލަތުގައި މަގުމަތި ނުކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްފިއެވެ. މިކަމަށް އިލްތިމާސް ކުރެއްވީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާ ގުޅިގެން މަޢުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒެވެ.  

މަބްރޫކް ވިދާޅުވީ ކުއްލި ނުދެއްކޭ ހާލަތުގައި، އުޅޭ ތަނުން ނުކުނަން ޖެހުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ. ލޮކްޑައުން ޙާލަތުގައި އެކަހަލަ ކަންތައްކުރީމާ ދެން ވަދެވޭނެ ގޮތަކާ ދެތެރޭގައި ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.  

މިދުވަސް ކޮޅު ކުއްޔަށް އުޅޭ މީހުންނަށް ލުއި ގޮތްތައް ހޯދައިދީ މަގުމަތިވިޔަ ނުދިނުމަށް ޢިމާރާތްތަކާއި ގޭގޭގެ ވެރިންނަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.

އެންމެންވެސް މިތިބީ ދަތި އުދަނގޫ ޙާލަތެއްގައިކަން ފާހަގަ ކުރައްވާ މިދިމާވާ ދަތިހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މާލެ އަންނަބޭނުންވެފައިވާ އެތައް ބަޔަކަށް ލޮކްޑައުންގައި މާލެ ނާދެވި އަދި ރަށްރަށުން މާލެ އައިސް ފުރޭނެ ގޮތް ނެތިފައިވެސް އެތައް ބަޔަކު ތިބިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ވަންނާނެ ތަނެއް ނެތި މަގުމަތިވެފައި މީހުންނަށް ޖެންޑަރ މިނިސްޓްރީން ވެސް ވަގުތީ ހިޔާވަހި ކަމާއި ކާބޯތަކެތި ފޯރުކޮށް ދެމުން ދާކަމަށް މަބަރޫކް ވިދާޅުވިއެވެ. ކުލި ނުދެއްކި މަގުވާންޖެހޭ ފަރާތްތަކަށް ސަރުކާރުން އެހީ ތެރިކަން ފޮރުކޮށް ދޭނެކަމުގެ ޔަޤީންކަންވެސް މަބްރޫކް ދެއްވިއެވެ.  

ކުއްލިދެއްކޭނެ ގޮތެއް ނެތް ބައެއް އާއިލާތައް، ލޮކްޑައުން ޙާލަތުގައި ދިރިއުޅޭތަންތަނުން ނުކުތުމަށް މަޖްބޫރުކުރަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ވެސް ވަނީ މައްސަލައެއްހުށަހަޅައިފިއެވެ. މިމައްސަލަ ހިޔުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހުށަހެޅުއްވީ ފެމެލީ ލީގަލް ކްލިނިކްގެ ފަރާތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.