މާލޭގައި މަގުމަތިވި 400 އަށް ވުރެ ގިނަމީހުންނަށް ކެއިންބުއިމާއި ބޯހިޔާވަހިންކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސް އިން ހާމަކުރައްވައިފި އެވެ. މިކަން ހާމަކޮށްފައި ވަނީ އެމިނިސްޓްރީން ކުރެއްވި ޓްވީޓެއްގައެވެ.
މަގުމަތިވި 400 އަށް ވުރެ ގިނަ މީހުންނަކީ މާލޭ ސިޓީކައުންސިލަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ފާހަގަ ކުރެވިފާ މީހުންނެވެ. މާލޭގައި މަގުމަތިވި 80 އަށްވުރެ ގިނަމީހުންނަށް ކެއިންބުއިމާއި ބޯހިޔާވަހިންކަން މިމަހު 15 އިން ފެށިގެން ފޯރުކޮށްދެއްވަމުންދާކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ހާމަކުރެއްވިއެވެ. މި މީހުންނަކީ ފުލުހުން އެމިނިސްޓްރީ އާ ހަވާލުކޮށްފައިވާ ބައެއްކަމަށް ވެސް އެމިނިސްޓްރީ ހާމަކުރައްވައެވެ.
ކުލި ނުދެއްކިގެން މަގުމަތިވެފައި ތިބި ދެ މީހަކަމަށް ވެސް އެމިނިސްޓްރީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައެވެ. މިފަދަ އެހީތެރިކަން ބޭނުންވާ އިތުރު ފަރާތްތަކުގެ މަޢުލޫމާތު ލިބިފައިވާނަމަ ލަސްނުކޮށް އެމިނިސްޓްރީއާ ޙިއްސާކުރެއްވުމަށް ވެސް ވަނީ އެދި ވަޑައިގެންފައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވެފައި ތިބި ބައެއް މީހުން ވަނީ ހާލުގައި ޖެހި، މަގުމަތިވެފައެވެ.