މަސްތުވާތަކެއްޗާއެކު މީހަކު ލ. ގަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖަންސްއަށް މަޢްލޫމާތު ލިބުމުން ފުލުހުންގެ އިންޓެލިޖެންސާއި ލ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ޖޫން 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މި މީހާ ލ.ގަން ތުނޑި އަވަށުތެރެއިން ހުއްޓުވި ވަގުތު އޭނާގެ އަތުތެރެއިން ބިންމައްޗައް އެއްޗެއް ވައްޓާލި މަންޒަރު ފެނުމުން މިމީހާގެ ހާޞިރުގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މި މީހާ ލ.ގަން ތުނޑި އަވަށު ވަލުތެރޭގައިވެސް މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އޭނާގެ ޙާޞިރުގައި އެ ސަރަޙައްދު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 44 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ  މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.