ޠާލިބާންގެ ހަމަލާއެއްގައި އަފްޣާން ސަރުކާރު ސިފައިންގެ 19 މީހުން މަރާލައިފި

އަފްޣާން ސިފައިންގެ މީހަކު ކާބުލް ކައިރީގައި އޮންނަ ބަގްރާމް ވައިގެ މަރުކަޒު ކައިރީގައި ފޯރިމަރަނީ

އަފްޣާނިސްތާނު ސަރުކާރާ ހަނގުރާމަކުރަމުންދާ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ސަރުކާރު ސިފައިންގެ 19 މީހުން މަރާލައިފިއެވެ. މި ހަމަލާ ދީފައިވަނީ އުތުރުގެ ތަޚާރް ޕްރޮވިންސުގައެެވެެ.

ޔޫރަޕްގެ ނިއުސް އެޖެންސީއަކަށް މައުލޫމާތުދެއްވަމުން ތަޚާރް ޕްރޮވިންސުގެ ޚަވާޖާ ޣާރް ޑިސްޓްރިކްޓްގެ ވެރިޔާ މުޙައްމަދު ޢުމަރު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ގައުމީ އަސްކަރިއްޔާގެ ކޮމާންޑުގެ ދަށުން އެ ޑިސްޓްރިކްޓްގައި ހަނގުރާމަކުރާ ސިފައިންނަށް ޠާލިބާން ހަނގުރާމަވެރިން ހަމަލާދީފައި ވަނީ އާދިއްތަ ވިލޭރޭ މެންދަމު 12 (ރާއްޖޭ ގަޑިން މެންދަމު 12:30) ޖެހި އިރުއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި، މަރުވި މީހުންގެ އިތުރަށް 5 މީހަކު ޒަޚަމްވި މި ހަމަލާ ފަތިސް ވަގުތާ ހަމައަށްަ ދެމިގެން ދިޔައެވެ.

އަފްޣާނިސްތާންގެ އާރްޔާން ނިއުސްއަށް މައުލޫމާތުދެއްވަމުން ތަޚާރް ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާން މުޙައްމަދު ޖަވާން ހިޖްރީ ވިދާޅުވި ގޮތުގައި ޑިސްޓްރިކްޓް ޕޮލިސް ކޮމާންޑާއި، މީޓިއޮރޮލޮޖީ ސްޓޭޝަން ހިމެނޭހެެން، ޚަވާޖާ ޣާރް ޑިސްޓްރިކްޓްގެ ބައެއް އިމާރާތްތައް ވަނީ ޠާލިބާން ހަނގުރާމަވެރިންގެ އަތްދަށަށް ގޮސްފައެވެ.

ސަރުކާރުން އެ ޕްރޮވިންސަށް އެކަށީގެންވާ އަސްކަރީ އެހީތެރިކަން ނުދޭކަމުގެ ޝަކުވާކުރައްވަމުން އޭނާ ވިދާޅުވީ ޠާލިބާން ހަނގުރާމަވެެރިން އެ ޑިސްޓްރިކްޓްގައި ތިބި ސަރުކާރު ސިފައިންގެ ހަތިޔާރުވެސް އަތުލާފައިވާ ކަމުގައެވެ.

މި ހަމަލާއާ ބެހޭގޮތުން ޠާލިބާން ޖަމާއަތުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ފާއިތުވި ފެބުރުވަރީ މަހު ޠާލިބާން ޖަމާއަތުން ވަނީ ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާއާއެކު ސޮޮއިކޮށްފައެެވެ. އެހެންނަމަވެސް، އަފްޣާން ސަރުކާރާ ޠާލިބާން ޖަމާއަތާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.